Support Us

ސްޓެވޯގެ ޖަނަރޭޓަރުން ތިނަދުއަށް ކަރަންޓުދޭން ފަށައިފި

ސްޓެވޯގެ ޖަނަރޭޓަރު ބޭނުންކޮށްގެން ވ. ތިނަދޫ އައު އިންޖީނުގެއިން މިއަދު ކަރަންޓު ދޭން ފަށައިފިއެވެ. ތިނަދޫ އިންޖީނުގޭގައި ބެހެއްޓި STW500 މޮޑެލްގެ މި ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރު ތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަން ފެށި ފުރަތަމަ ޖަނަރޭޓަރު ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެވޯގެ މި އައު ޖަނަރޭޓަރާއެކު ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136kW ވަނީ އިތުރުކުރެވިފައި ކަމަށާއި މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ 656kW ކަމުގައި ވެސް ސްޓެލްކޯ އިން ބުނެއެވެ.

ތިނަދުގެ ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުސެޓްތައް އައު އިންޖީނުގެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ޖަނަރޭޓަރުތައް އައު އިންޖީނުގެއަށް ބަދަލު ކުރެވުމާއެކު، ބާ އިންޖީނުގެ ބޭނުން ކުރުން އެއްކޮށް ހުއްޓާލާނެއެވެ.

"ތިނަދޫގެ އައު އިންޖީނުގެ ބޭނުންކުރަން ފަށައިފައި މިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ވެސް އަޕްގްރޭޑް ކުރުމަށްފަހު،" ސްޓެލްކޯ އިން ބުނެއެވެ. "މީގެ އިތުރުން ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރެވެމުން. އެގޮތުން ތިނަދޫ އިންޖީނުގޭގައި 20kWގެ ސޯލާ އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައި."