ބިރު ހިތްތަކުން ފިލާހެން ފޮޅިލައިފި ގުލްހަޒާރު
ފިރުމާލަމުން އައީމާ ލޯބީގެ ބާޣް ބަހާރު
ފިނި މޫސުމީ އެ ދުންފިނި ކެހިގެން ދަނީ މަގުން
މިނިވަންކަމާ އެކީގައި ހިނިތުންވި ހިނދު ބަހާރު
އިޝްޤީ އަދާގެ އަލިފާން ކަނި ޖިސްމުގައި ހިފައި
ފިސްވާނެހެން ދަނީ ވިރި ގަނޑުފެނުގެ ބޯވި ފާރު
ފިރުމާލުމުން ރަބީޢުގެ ވައިރޯޅި ނިތްކުރީ
ބިރުތައް އެކީ ފިލާހެން އަލިކަން ވިޔޭ ސަވާރު
އައު ކައިވެނީ ރެއަށް އިން އަންބެއް ފަދައިން ވެގެން
ނިއުޅާލުމުން ޙަރާރަތު ވިންދޭ ވަނީއެ ބާރު
ޤުދުރަތުގެ ޢުމުޤު ހެވިލާ އެކި ދޫނިތައް ފަދައިން
ޤުދުރަތުގެ އަޑުތަކުން ލަވަ އިއްވާލަނީ މިހާރު
އިރުދޭ މަލާއި، ސޯސަން، ވައިލެޓް، މަލާ އަސުރު
ނިރުތައް ފަޅާ ބިމުން ތިބެ ގެތެމުން ދަނީއެ ހާރު
ބުލްބުލްތަކާ ކޮކާތައް ތިރިކޮށް ހަދާ ތަނާ
އުލްފަތުގެ އަޞަރު ފެނިފައި ތޮޅެލައިފި ހިތުގެ ނާރު
ފަރުބަދަ ތަކާއި ފެހިފެހި ވާދީ ތަކުން އޮހޭ
ދަރުމައިގެ ފެންފޮދުން ތެމި ދެމިގެން ދަނީއެ އާރު
ފިޔަވަޅު އަޅައިން ބަހާރުގެ ފަހަތުން ދަމާ ހިނގާ!
ނިޔަތާއި ޢަމަލު ގުޅުވާ އަތުގައި ހިފާށެ ޔާރު