Support Us

ބީ.އެމް.އެލްގެ އޭޓީއެމްއަކުން ފައިސާ ނަގަން މީހަކު މަސައްކަތްކުރަނީ. 

ބީ.އެމް.އެލް އިންޓަނެޓް ބޭންކިންގެ ހިދުމަތް މުޅި ރާއްޖެއިން މެދުކެނޑިގެން އެންމެން ރަތަށް

ރަސްމީ ދުވަހެއްގެ މެންދުރު ގަޑީގައި ބީ.އެމް.އެލްގެ އިންޓަނެޓް ބޭންކިން ހިދުމަތް މުޅި ރާއްޖެއިން މެދުކެނޑިގެން އެންމެން ރަތަށް އަރައިފިއެވެ.

މިއަދު މެންދުރު އެކެއް ޖެހީއްސުރެ، އިންޓަނެޓް ޓްރާންސްފަރ އާއި އޭޓީއެމްތަކާއި ފިހާރަތަކުގެ ޕީ.އޯ.އެސްތަކުގެ ވެސް މަސައްކަތެއް ނުކުރެއެވެ. މި މައްސަލަ ކުރިމަތިވީ ބޭނުންކުން އެއްވެސް ކަހަލަ އިޝާރާތެއް ކަސްޓަމަރުންނަށް ނުދީ އޮއްވައެވެ. އިންޓަނެޓް ބޭންކިން އިން އެކައުންޓަށް ވަނުމުން ދައްކަނީ އެކައުންޓުގައި އެއްވެސް ފައިސާއެއްވެސް ނެތް ކަމަށް، "ސުމެއް ސުމެއް" ކަމަށެވެ.

އިންޓަނެޓް ބޭންކިން ހިދުމަތް މެދުކެނޑިގެން މީހުންތައް ބޭންކަން ގުޅަންފެށުމުން ބީ.އެމް.އެލުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ މައްސަލަ ދިމާވީ ސިސްޓަމް އަޕްގްރޭޑްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެކަމަށް މާފަށް އެދޭ ކަމަށެވެ.

ދަންވަރުގެ އެކި ގަޑިގަޑީގައި ބީއެމް.އެލްގެ ސިސްޓަމް އަޕްގްރޭޑް ކުރާތާ މިހާރު ހަފުތާއެއްހާ ދުވަސްވެއްޖެއެވެ.

ޓްވިޓަރގައި އެކަކު ބުނީ އެކައުންޓް ބަލައިލިއިރު ބެލެންސްގައި ހުސް ސުމެއްސުމެއް އޮތުމުން ހިތް ނުހުއްޓުނީ، ޓްވިޓަރ ބަލައިލެވުނު ކަމުން ކަމަށެވެ.

އަނެކަކު ބުނީ ބޭންކަށް ބިލިއަނުން ފައިދާވާ ވަރަކަށް ހާލުދެރަވާ ކަމަށާއި ވެރިން ބަލަނީ ބެލެންސް ޝީޓާއި ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓް އެކަނި ކަމަށެވެ.

މެންދުރުގަޑީގައި ކެފޭ ރެސްޓޯރަންޓްތަކަށް ކާންދިޔަ ކިތަންމެ ބަޔަކު ވެސް ބިލް ނުދެއްކިގެން، އެ ތަންތަނުން ނުނުކުމެވިގެން ޓްވިޓަރ އާއި އެފް.ބީގައި ޝަކުވާ އުފުލަމުން އެބަދެއެވެ.

"ދަރިފުޅު ސްކޫލަށް ލާފައި ރެޑްވޭވް އަށް ވަދެ ސާމާނު ނަގައިފައި ލާރި ދައްކަން ބެލިއިރު މެޝިން މަސައްކަތެއް ނުކުރޭ. ވަރަށް ގިނައިރު ތަޅުވާފަވެސް ބުނީ މަސައްކަތެއް ނުކުރެއޭ. ބީއެމްއެލް މެޝިންތައް ދޭތެރެއަކުން އެހެންވޭ އަބަދުވެސް. ދެން ސާމާނު ބަހައްޓާފައި މިދިޔައީ އޭޓީއެމަށް ލާރި ނަގަން. އެތަން ވެސް ހުރީ ހުއްޓިފައި. ދެން ފިހާރައަށް ގޮސް ބުނީ ފައިސާ ނުނެގުނޭ ސާމާނު ބަހައްޓާށޭ،" އަދިވެސް އޮންލައިންއަށް ގުޅި އައިސްތު ބުންޏެވެ.

"އެންމެފަހުން މި ޖެހުނީ ތަށިކޮޅު ދޮވެފައި ބިލްދައްކަން،" އެެހެން މީހަކު އެފް.ބީގައި ބުނެފައިވެއެވެ.