
ހާދަހާ އުފަލުން މަޖާކޮށް އެކު އުޅުނު އެކުވެރި "ކޮޕީއެއް"
ހާދަ އަސަރެއް ކުރުވިޔޭ އަވަހާރަވީ މެސެޖާއި ހަބަރެއް
އެކުވެރީން ލިސްޓުން މިދިޔައީ ގެއްލިގެން ޝަޚްޞިއްޔަތެއް
އެކު އުޅުނު މޮޅު ޝާޢިރުން ލިސްޓުން ނެތުނުމި "ޖަވާހިރެއް"
ފަޚުރުވެރި ގައުމީ ދަރީން ލިސްޓުންކިޔޭ މީ، ޝަރަފު ވެރިޔެއް
އަހުރެމެންގެ ތެރެއިން މިނެތުނީ ހާދަ އަގު ހުރި "ރަން މުތެއް"
އަގުކުރަން ނޭނގޭ ނުހަނު ޚިދްމަތް ތަކެއް ގައުމަށްޓަކާ
"އަތުގެ ފަންނުން" އަދި އެތައް ރޮނގަކުން ކުރެއްވި މުޙައްނިކެއް
ކޮންމެ ހުނަރެއް ކޮންމެ ފަންނެއް އޮންނަގޮތް ފަރުމާ ކުރަން،
ކޮންމެ ރޮނގަކުންވެސް ބުނަން "ފަސްމީރުހަމަވާ ކުރި ރުކެއް"
ފޮތްތަކުންނާ ގޮތްތަކުން، ބުނެދޭން އެނގޭ، ޝަޚްޞިއްޔަތެއް،
ފޮތް ތަކެއް އެކި ޢުމުރު ފުރަޔަށްވެސް ލިޔުއްވި މުސާޢިދެއް
ދަންނަ ރޮނގަކާ ފަންނަކުން ކަންކަން އުނގަންނައި ދެއްވުމަށް،
ދަންނަ އެންމެން އިޙްތިރާމު އަދާ ކުރާނެ މުދައްރިސެއް
އުނިވެގެން ދިޔައީ މިޖީލުގެ ފަންނުވެރި އެކި ޢުމްރުފުރަޔަށް،
ދުނިޔެއިން އެ ކޮޕީ ރަޝީދުގެ ވަކިވުމީ ހިތި ކަރުނައެއް
ޔާ އިލާހީ ދެއްވުމަށް އެ ފުރާނަޔަށް މާތް ސުވަރުގެއިން
ދާއިމީ ހެޔޮ ރަޙްމަތާ އަދި ދަރުމަޔާއި، އެދޭ މި އެދުމެއް
