ކަނޑައެޅުނު ހިތުގައި މަޤުޞަދެއް ތިޔަ ލޯބި ޙާސިލްކުރުމަކީ
ކެނޑިނޭޅި ހިތް އޮވެގެން ކިޔާ ތިޔައޭ ޙަޔާތުގެ ދިރުމަކީ
ޖެހިލުންވިޔަސް އަދު ދުނިޔެއަށް ލޯބިން ވެވޭ އިޤުރާރުގައި
ދެ ހިތަށް މިހިނދު ލާޒިމްކަމެއް ޖަޒުބާތު އެެއްތަން ކުރުމަކީ
ބާރެއް ނުފޯރާ ބާރަކުން މި ދެ ހިތް އެކީ ލާމެހުނުކަން
މޭރުންނުވެވި މާލަސްވުމޭ ލޯތްބަށް މި ހިތް ދެރި ދެރުމަކީ
އަތުގައި ހިފައި ގާތްކޮށްލަމުން ނިތުގައި މަގޭ ބޮސްދީ ދަމުން
މިތުރާގެ ހުރި ކުޅަދާނަކަން ހިތުގައި މި ރަސްކަންކުރުމަކީ
ނިސްބަތް ކަލާޔަށް ވާ ހިތެއް އޮތަތީ މި މޭގައި އަބަދުވެސް
ޖިސްމާއި ރޫޙުގެ ލައްޒަތެއް ތިޔަ ލޮލުގެ ނަޒަރަށް ވިރުމަކީ
ލޯބީގެ ފޮނި ރާހަތު ލިބޭ، މަސްތީ އަރާމުގެ ދާނުގައި
"ލޯބިން އަދާވީ ފަރުޟެކޭ" ވަޢުދާ ހުވާތައް ކުރުމަކީ
އަވަހަށް އަލުން ބައްދަލުވެ އަދި ގާތުން ކަލާ ދެކިލާހިތުން
ހުވަފެންތަކަށް ދޭ ދަޢުވަތެއް ފޮނި ނިންޖަކުން ލޯމެެރުމަކީ
ފުނުގައި ހިތުގެ ފަސްލައި ފޮރުވި ލޯބީގެ ހުރިހައި ސިއްރުތައް
ބުނެ ހާމަކޮށް އިއްވައިލުމޭ ލަދުރަކިވި ދެ ހިތުގެ ކެރުމަކީ
ފިނި ރޭތަކާ ހޭލައި ތިބޭ މެންދަންތަކުގެ އޭ އާދައެއް
ހިނިތުންވެލައި އުޅެވޭވަރަށް އުފަލުން ހިތާ މޭ ފުރުމަކީ
ޝަރުތެއްމެ ނޫނަސް އޭރު ކުރި ދިގު އިންތިޒާރުގެ ބަދަލުގައި
ޝަރަފެއްކަމަށް ވެއްޖޭ ހިތަށް ތިޔަ ލޯބި ހަދިޔާކުރުމަކީ
އަދިތޯ ދެ ހިތް ގުޅި އެކުވުމޭ، އިހުނަށްވުރެން ވެސް ގާތްވުމޭ
ބަދުނާމުކުރި ގިނަ ލޯތަކާ ދުނިޔޭގެ ވެސް މޭކެރުމަކީ
މެދުވެެރިވި ނަމަވެސް ހާލަތެއް، ދެ ހިތުގެ މި ލޯތްބާ ދެކޮޅުވެެރި
އެދުމެއް، ދުޢާއެއް ދާއިމަށް މިތުރާ މަށާއެކު ހުރުމަކީ
