...

Support Us

ލަންކާ ދެ މަސް ބޯޓުގެ ފަޅުވެރީން ހުޅުމާލޭ އަތިރިމަތީގައި... އަދިވެސް ފޮޓޯ: މުހައްމަދު ހަބީބު

ހާލުގައި ޖެހިގެން ރާއްޖެ ސަރަހައްދަށް ވަދެވުނު ލަންކާ ދެ މަސްބޯޓުގެ ފަޅުވެރިން ބަނޑަށްޖެހި، ހުޅުމާލޭ އަތިރިމަތީގައި

މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެން ރާއްޖެ ސަރަހައްދަށް ވަދެވިގެން އުޅެނިކޮށް މީގެ ދެ މަސްކުރިން ކޯސްޓްގާޑުން އަތުލައިގަތް ލަންކާ ދެ މަސްބޯޓެއްގެ ފަޅުވެރިން ކާނާ ހުސްވެ، ބަނޑަށްޖެހި، ހުޅުމާލޭ އަތިރިމަތީގައި އުޅެމުންއެބަދެއެވެ.

އެމް.އެން.ޑީއެފުން ބުނެފައިވަނީ ރާއްޖޭގެ އީ.އީ.ޒެޑް ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެގެން އުޅެނިކޮށް އަތުލައިގަތް ދެ މަސްބޯޓުގެ ތެރެއިން ފުރަތަމަ މަސް ބޯޓު ފެނިފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހު ކަމަށާއި ދެ ވަނަ ބޯޓު ފެނިފައި ވަނީ އަނެއް ދުވަހު ކަމަށެވެ. އެ ދެ ބޯޓުގެ ފޮޓޯތަކާއެކު ޓުވީޓްކުރި ނަމަވެސް، އަތުލައިގަތީ ކޮން ގައުމެއްގެ ދެ ބޯޓެއް ކަމެއް އަދި އޭގައި ތިބީ ކިތައް ފަޅުވެރީންކަމެއް އެމް.އެން.ޑީއެފުން ބުނެފައެއް ނުވެއެވެ.

މި ދެ ބޯޓު ގެނެސް ހުޅުމާލޭ ހުޅަނގުކޮޅުގައި އޮންނަ ކޯސްޓްގާޑު ސަރަހައްދަށް ވައްދައިފައި ވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުއެވެ. އެ ސަރަހައްދަކީ އާންމުން ވަނުން މަނާ ސަރަހައްދެކެވެ.

އަތުލައިގެންފައިވާ ލަންކާ ދެ މަސް ބޯޓު ހުޅުމާލޭ ފަޅުތެރޭގައި ކޯސްޓްގާޑު ކައިރީގައި… އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"އަދިވެސް"ގެ ނިއުސް ޓީމުން މިއަދު ބެލިބެލުމުގައި އެ ދެ ބޯޓަކީ ލަންކާގެ ދެ މަސް ބޯޓު ކަމަށްވާ ޔަސިތަޕުތާ އާއި ސަމިރަޕުތާއެވެ. މިއިން ކޮންމެ ބޯޓެއްގައި ހަތް ފަޅުވެރީން (ޖުމްލަ 14 ފަޅުވެރީން) އެބަތިއްބެވެ. މި ދެ ބޯޓަކީ ވެސް ދާއަޅާ މަސްވެރިކަން ކުރާ ދެ ބޯޓެވެ.

މީގެ ތެރެއިން ސަމިރަޕުތާ، ލަންކާގެ އަމްބަލަންގޮޑާ އިން މަހަށް ނުކުތީ އޯގަސްޓް 26ގައެވެ. މަހަށް ނުކުމެ އުޅެނިކޮށް އިންޖީނު ހުއްޓިގެން ބެހިގެން ރާއްޖެ ސަރަހައްދަށް ވަދެވުނީ ކަމަށް އެ ބޯޓުގެ ކައްޕި "އަދިވެސް" އަށް މިއަދު ބުންޏެވެ.

އަމްބަލަންގޮޑާ އިން ޔަސިތަޕުތާ މަހަށް ފުރީ ސެޕްޓެމްބަރު 9ގައެވެ. އެ ބޯޓަށް ރާއްޖެ ސަރަހައްދަށް ވަދެވުނީ ޖީ.ޕީ.އެސް ހަލާކުވެގެން، ދެވޭ ނުދެވޭ ތަނެއް ނޭނގިގެން ކަމަށް އެ ބޯޓުގެ ކައްޕި "އަދިވެސް" އަށް މިއަދު ކިޔައިދިނެވެ.

މަހޭޝް (ކ) އާއި އެހެން ފަޅުވެރިއެއް (ވ) ހުޅުމާލޭ ކޮފީ ކަޑަ ކައިރީގައި.. އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

"މަހަށް ނުކުމެ އުޅެނިކޮށް ޖީ.ޕީ.އެސް ހަލާކުވެގެން ދެވޭ ނުދެވޭ ތަނެއް ނޭނގި އުޅެނިކޮށް ރާއްޖެ ސަރަހައްދަށް ވަދެވުނީ،" ޔަސިތަޕުތާގެ ކައްޕި މަހޭޝް ޕްރިޔަންތަ ސޮއިސާ، 30، ސިންގަޅަ ބަހުން ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ ބުނީ ހުޅުމާލޭ ފަޅަށް ދެ ބޯޓު ވެއްދިތާ ދެ ވަނަ ދުވަހު މާލޭގައި ހުންނަ ލަންކާ އެމްބަސީން މީހުން ގޮސް، އެންމެންގެ ފޮޓޯ ނަގައި، ފޯމުތަކެއް ފުރުވައި، ސޮއިކޮށް، އިނގިލީގެ ނިޝާން ނެގި ކަމަށެވެ. ނަމަވެސް ފާއިތުވީ ދެ މަސް ދުވަހުގެ ތެރޭގައި ލަންކާ އެމްބަސީގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން މަރުވީ ކަމެއް ވެސް ނޭނގޭ،" މަހޭޝް ބުންޏެވެ. "އަހަރުމެން ކާނެ ބޯނެ އެއްޗެއް ނެތް. ހަނޑޫކޮޅަކާއި މުގުކޮޅެއް އެކަނި ބޯޓުގައި ހުރީ. މިތަނުން ދިމާވާ މީހުން ކައިރީގައި އާދޭސްކޮށްގެން ސަލާންޖަހައިގެން ލާރިއެއް ލިބުނިއްޔާ ކާއެއްޗެއް މި ލިބެނީ. ދުވާލަކު އެއް އިރު ކައިގެން އަހަރުމެން މި ތިބެނީ. ބޯނެ ފެންފޮދެއްހާ ހިސާބު ވެސް ނެތް. ފެންވަރަން މި ޖެހެނީ ވެސް މޫދު ލޮނުން. ވަރަށް ހާލުގައި އަހަރުމެން މި އުޅެނީ. މިއަދުވެސް މި ބޯލީ ކަލޭމެން ދިން ކިރު ޕެކެޓެއް އެކަނި."

ލަންކާ ދެ މަސް ބޯޓުގެ 14 ފަޅުވެރީން ހުޅުމާލޭ އަތިރިމަތީގައި ފޮޓޯއަކަށް މަޑުކޮށްލައިގެން… އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

މަހޭޝް ބުނީ ބޯޓުގެ ފަޅުވެރީން ބޯޓުން ފޭބުން ކޯސްޓްގާޑުން އޮންނަނީ މަނާކޮށްފައި ކަމަށާއި ނަމަވެސް، ދިރިތިބުމަށްޓަކައި، ކާންބޯން ބޭނުންވާތީ ބޯޓުން ފައިބައިގެން ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދަށް ގޮސް އެތަނުން ދިމާވާ މީސްމީހުން ކައިރިން ސަލާންޖަހައިގެން ކައިބޮއި ހަދަނީ ކަމަށެވެ.

"މިތަނަށް އައިމަ ދިމާވާ މީހުން ކައިރީގައި ސަލާން ޖަހައިގެން އަހަރުމެން ކައިބޮއެ މި ހަދަނީ. ދިވެހިންނަކީ ވަރަށް ހެޔޮ ބަޔެއް. އަހަރުމެންނަށް ކޮފީ ދީ ސިނގިރޭޓް ދީ އަދި ފޯން ކާޑު ވެސް ދޭ،" ހުޅުމާލޭ ފެރީ ޓާމިނަލް ކޮފީ ކަޑަ ކައިރީގައި ހުރެ ވާހަކަ ދައްކަމުން އެހެން ފަޅުވެރިއެއް ކަމަށްވާ ދަނުކާ، 26، ބުންޏެވެ.

ލަންކާ ދެ މަސް ބޯޓުގެ ފަޅުވެރީން ހުޅުމާލޭ އަތިރިމަތީގައި… އަދިވެސް ފޮޓޯ: މުހައްމަދު ހަބީބު

ދަނުކާ ބުނީ އެކި ރިސޯޓުތަކާއި ސަފާރީތަކުގައި އުޅޭ ވަރަށް ގިނަ ލަންކާ މީހުން ވެސް އެ ހިސާބުން ދިމާވާ ކަމަށާއި އެމީހުންގެ ހާލަތު ބުނެދިނުމުން އެ މީހުން ވެސް އެހީވާ ކަމަށެވެ.

ދަނުކާ އަދި ބުނީ އެ މީހުން ދާ އެޅުމުގެ މަސްވެރިކަމަށް ނުކުންނަނީ އެއް މަހުގެ ދަތުރެއްގައި ކަމަށާއި ކާނާ އާއި ބޯފެން ހުސްވީ މިގޮތަށް ދެ މަސް ދުވަހު ތިބެން ޖެހުމުން ކަމަށެވެ.

ދަނުކާ (ވ) އާއި އެހެން ފަޅުވެރިން ހުޅުމާލޭ އަތިރިމަތީގައި… އަދިވެސް ފޮޓޯ: މުހައްމަދު ހަބީބު

"އަހަރުމެންނަށް މީހަކު ދިން ބައްތި ފޯނަކަށް ލާރި އަޅައިގެން ރަށަށް ގުޅަނީ. ސާދަ މީހުން ދެ ފޯނު މި ގެންގުޅެނީ. އާއިލާ މީހުން ވެސް ތިބީ ވަރަށް ކަންބޮޑުވެފައި. އަހަރެންގެ ކުޑަ ދެ ކުދިން ވެސް ތިބޭނެ. އެ ކުދިން ވެސް ތިބީ ވަރަށް ކަންބޮޑުވެފައި،" އެ ހިސާބަށް ބުނެވުނު ތަނާ މަހޭޝް އަށް ރޮވުނެވެ. "އަހަރުމެން ބޭނުންވަނީ ވީހާ އަވަހަކަށް އެނބުރި ގައުމަށް (ލަންކާ އަށް) ދާން. މިތަނުގައި މިގޮތަށް ބަނޑަށް ޖެހިގެން އުޅޭނީ ކިހިނެއް؟ އަހަރުމެންގެ ވެސް އާއިލާ އެބަތިބި."

ހުޅުމާލެ ޓެކްސީ ޑްރައިވަރުންގެ އެހީއާ ލަންކާ މަސްވެރިން ހަވާލުވަނީ… އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ދިވެހިން އެހީވުން

ލަންކާ ދެ މަސް ބޯޓުގެ، ހާލުގައި ޖެހިފައިވާ ފަޅުވެރީންނަށް އެންމެ ބޮޑަށް އެހީވަނީ ހުޅުމާލޭ ފެރީ ޓާމިނަލް ކެފޭ އަށް ކޮފީ ބޯން ދާ ދިވެހިންނެވެ. ހުޅުމާލޭ ފަޅުގައި ދެމަސް ދުވަސް ވެގެންދިޔައިރު އެ މީހުން ބަނޑުފުރާނަމުއްތި ކުރެވުނީ އެ މީހުންގެ އެހީގައެވެ.

"އަދިވެސް"ގެ ޓީމު މިއަދު އެ ހިސާބަށް ގޮސް އުޅެނިކޮށް، ހުޅުމާލޭ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ކާނާ އާއި ބޯފެން، ލަންކާ ފަޅުވެރީންނަށް ފޯރުކޮށްދިންތަން ވަނީ ފެނިފައެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާ ވެސް، ރޭގަނޑުގެ ކެއުމާއި ފެނާއި ބިސްކޯދާއި ކިރާއި ކޮފީ އާއި ޖޫސް ހިއްޕަވައިގެން ވަޑައިގެން އެ ތަކެތިި ބެއްސެވިއެވެ.

ހުޅުމާލޭ ރައްޔިތުންގެ އެހީ ލަންކާ މަސްވެރިންނާ ސުޖާ (ފެހި ކުލައިގައި) ހަވާލުކުރައްވަނީ… އަދިވެސް ފޮޓޯ: މުހައްމަދު ހަބީބު

ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ސުޖާ މިރޭ "އަދިވެސް" އަށް ވިދާޅުވީ، ކުށެއް ނެތް ލަންކާ މަސްވެރިންތަކެއް ހާޅުގައި ޖެހިގެން ހުޅުމާލޭ އަތިރިމަތީގައި އުޅޭތަން ފެނިވަޑައިގަތުމަކީ ވަރަށް އަސަރު ކުރުވި ކަމެއް ކަމަށާއި މިއީ ދިވެހި ސަރުކާރުން ޒިންމާ ނުނެގުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތައް ކަމަށެވެ.

"އެ މީހުން އަތުލައިގަނެގެން މިތަނަށް ގެނައީ ކޯސްޓްގާޑުން. އެހެންވެ އެ މީހުން މިތަނުގައި ބައިތިއްބަންޏާ އެ މީހުންގެ ކެއިންބުއިމާއި ހުރިހާ ކަމެއް ވެސް އެ މީހުންނަށް ފުރިހަމަވެފައިތޯ ހުރީ ބަލަންޖެހޭނެ. ލަންކާ އެމްބަސީން އަޅާނުލިޔަސް، އެ މީހުންގެ ސްޕީޑް ލަސްވިޔަސް، ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި، އާންމުން ވަނުން މަނާ ބޯޑު ޖަހައިފައި އޮންނަ ސަރަހައްދެއްގައި އެ މީހުން ބައިތިއްބާ ކަމަށް ވަންޏާ އެ މީހުންނަށް ކާންބޯން ދޭންޖެހޭނެ. މިއީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ، އަދުލު އިންސޯފަށް ވަކާލާތުކުރާ ސަރުކާރަކުން އަވަށްޓެރި ލަންކާގެ ކުށެއް ނެތް ރައްޔިތުން ތަކަކަށް ހަދާލާ ވަރަށް ދެރަ ގޮތެއް. މިއީ ވަރަށް ދެރަވަރު. ވަރަށް ދެރަވަރު،" ސުޖާ ވިދާޅުވިއެވެ.

ލަންކާ މަސްވެރިންނާއެކު ސުޖާ (ފެހި ކުލައިގައި)… އަދިވެސް ފޮޓޯ: މުހައްމަދު ހަބީބު

ސުޖާ ވިދާޅުވީ ލަންކާ މަސްވެރިންނަށް ރާއްޖެ ސަރަހައްދަށް ވަދެވުމަކީ އެ މީހުންގެ ކުށެއް ނޫން ކަމަށާއި އެ މީހުންނަށް އެހެން ހަދައިގެން ނުވާނެ ކަމަށެވެ. އަދި އެ މީހުންގެ އަނބިދަރީން ކައިރިޔަށް އަނބުރާ ރަށަށް ދެވޭނެ ގޮތަށް ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ވީ އެންމެ އަވަހަކަށް ހަމަޖެއްސުމަށްވެސް އޭނާ ގޮވައިލެއްވިއެވެ.

ސުޖާ އަދި ވިދާޅުވީ މިރޭ އޭނާ ގެންދެވި ބާތްޕާރުސަލާއި ބޯފެނާއި އެހެނިހެން ކާނާ އަކީ ހުޅުމާލޭ ރައްޔިތުންގެ ނަމުގައި ހަދިޔާކުރެއްވި ތަކެތި ކަމަށާއި، އޭނާ އަށް ވެވުނު މިންވަރަކުން އަދިވެސް ކާނާ އާއި ތަކެތި ހަދިޔާ ކުރައްވާނެ ކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ ލަންކާގެ މަސްވެރީންނަށް ހުޅުމާލޭގެ އެކި ގޭގެއިން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ގޮވައިލެއްވިއެވެ.

ލަންކާ މަސްވެރިން ހުޅުމާލޭ އަތިރިމަތީގައި… އަދިވެސް ފޮޓޯ: މުހައްމަދު ހަބީބު

"ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން، ތިޔަ ބޭފުޅުންގެ ގޭގައި ތައްޔާރު ކުރައްވާ ކާނާ ފަދަ ތަކެއްޗާއި ބޯފެން ލަންކާގެ މަސްވެރީންނަށް ހަދިޔާކޮށްދެއްވުމަށް. އަދި އަންނައުނު ފަދަ އެއްޗެހިވެސް ވީ ވަރަކުން ހަދިޔާކޮށްދެއްވުމަށް. އަދި އެ މީހުންގެ ވެސް އާއިލާ ތިބޭނެކަން ހަނދުމަފުޅު ކުރައްވައި އެ މީހުންގެ އާއިލާއާ ގުޅޭނެ ގޮތްތައްވެސް މަގުފަހިކޮށްދީ، ލަންކާ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ފެށުނީއްސުރެން އޮންނަ އެއްބަނޑުއެއްބަފާކަން މި ފުރުސަތުގައި ވެސް ސާބިތުކޮށްދެއްވުމަށް ހުޅުމާލޭ ރައްޔިތުންނަށް އަޅުގަނޑު ގޮވައިލަން."

ލަންކާ ދެ މަސްބޯޓުގެ ފަޅުވެރީންނާ ބެހޭ ގޮތުން ލަންކާ އެމްބަސީ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

އަޕްޑޭޓް

އެމް.އެން.ޑީއެފުން މިރޭ ބުނީ ދެ ބޯޓު އަތުލައިގަތުމަށްފަހު މާލެ ގެނެސް ފަޅުވެރިންނާއެކު ހަވާލުކޮށްފައި ވާނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ކަމަށެވެ. ފުލުހުންގެ ވަކި ޖަވާބެއް އަދި ނުލިބެއެވެ.

ނޮވެމްބަރު 15:

11:46

މޯލްޑިވްސް ޕޮލިސް ސާވިސް: "މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަނީ ފިޝަރީޒް މިނިސްޓްރީން. ފުލުހުންގެ ދައުރަކީ ފެސިލިޓޭޓިވް ދައުރެއް. އެހެންކަމުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނީ ފިޝަރީޒް މިނިސްޓްރީން"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
135
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ދިވެހިންގެ އަގުވެއްޓޭގޮތަށް މިކަހަލަ ކަންތައް ނުކުރޭ. ކުށެއްކުރިއަސް ކާންދޭންޖެހޭނެ

  2. މިވެސް އަހަރެމެން ކަހަލަ އިންސާނުން. މިހެން ހަދަން ހެޔޮ ނުވާނެ. މިކަމުގެ ޒިންމާ ނަގަނީ ކާކު؟

  3. ސަރުކާރަށް ގޮވާލަން އަވަސް އެހީ ލަންކާގެ ފަޅުވެރިންނަށްދީ އެހީތެރިވުމަށް..އެމީހުން ރާއްޖެ ގެނެސް ހަވާލުވި ފަރާތް ތަކުގެ ތަހުގީގެއް ހިންގާ ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅަން. ކޮންމެ ކަމެއްގައި ރައްޔިތުން ލައްވާ ހަޅޭއްލަވައިގެން ކަންކަން ކުރާއުސޫލު ދޫކޮށްލައްވާ….މިއީ ސިޔާސީ ކަމަކަށް ނުހައްދަވާ އިންސާނީ ވަންތަކަން އިސްކުރައްވާ.

  4. މިއީ ދުވަހެއްގައިވެސް ދިވެހި ރާއްޖޭގައި ހިނގާފައި އޮތް ކަމެއްނޫން….ބޭރު ބަޔަކަސް މިފަދަ ލާއިންސާނީ ކަމެއް މިބިމުން ދެކޭކަށް ބޭނުމެއްނޫން..އަވަށްޓެރި ލަންކާ އަކީ ދިވެހިންގެ އިނގިރޭސި ތަޢުލީމުގެ މަންމަ. ލަންކާގެ އެއްވެސް ރައްޔިތަކަށް ދިވެހި ބިމުގައި މިފަދަ ނިކަމެތި ގޮތެއް މެދުވެރި ވުން މިއީ ދިވެއްސެއްގެ ހައިސިއްޔަތުން ކެތްކުރަން އުނދަގޫ ކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *