Support Us

"ރާޖަޕަކްސަ ޓްރޮފީ"ގައި ރާއްޖެ ވާދަކުރާ މެޗުތައް ސްޓެލްކޯގެ މާޓީވީން

ކޮލަމްބޯގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ވާދަކުރާ މެޗުތައް ސްޓެލްކޯގެ މާޓީވީން ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

މާލޭގައި ހުސްވި މަހު ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ވެސް ސްޓެލްކޯގެ މާޓީވީގައި ދެއްކުމުން ގިނަ ބަޔަކު ވަނީ އަމީނީމަގުގެ އުސްފަސްގަނޑަށް ގޮސް މެޗުތައް ބެލުމުގައި ފޯރި ނަގައިފައެވެ.

ރާއްޖެއާއި ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ވާދަކުރާ މި މުބާރާތް ފެށުމުގެ ގޮތުން މިރޭ 8.30ގައި ކުޅޭ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއާއި ސްރީލަންކާއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅެން އޮތް ބަންގްލަދޭޝް- ސީޝެލްސް މެޗު، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަށް ވަނީ ފަސްކޮށްފައެވެ.

ސްޓެލްކޯ އިން ބުނީ މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމަށްޓަކައި އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިޔަށް ގެންދާ ޕްރޮމޯޝަނެއްގައި ރާއްޖެ ކުޅޭ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ފަސް ފަރާތަކަށް ސްޓެލްކޯ ގްރީންލައިފް ޕްރޮޑަކްޓްސް ތަކުގެ ތެރޭގައި ހިމެނޭ ރީޔޫސަބަލް ފުޅިއާއި ޓޯޓްބޭގުގެ އިތުރުން ކަރުދާސް ކޮތަޅު ހިމެނޭ ގިފްޓް ޕެކެއް ލިބޭނެ ކަމަށެވެ.