Support Us

އަހަރެންގެ ނާކާމިޔާބަކީ

އެއްހާސް ނަސީބަށް ވުރެ ލިބޭ އެއަކީ ސަފުންވާ ނަޞްރެކޭ
ހެއްލުންވެވޭ ދުނިޔޭގެ ފޮނި ނުމެއެދި އެދޭ ފަދަ ވަޞްލެކޭ

ފަހުނޭވަޔަށް އެޅިދާ ހިނދުން ޢިލްމުގެ ރިވެލި ދެކިގެން އެއިން
އަހުރެންގެ ހުރި ހިލްމެއް ވަޒަން ކުރަމުން ކިރާ މީޒާނެކޭ

މިހިތުގެ ޒުވާންކަން ދަނެ އެއިން ނެރެދީ ޝަބާބުގެ ހުވަނދުތައް
ސިހިދާނެ ފަދަ ޙިކުމަތް މެދޭ، އެއަކީ ޢުލޫމުގެ އެދުރެކޭ

މުސްތަޤުބަލަށް ތައްޔާރުކޮށް ހުޝިޔާރުވާން ބުނެދެއްވަވާ
ފުސްކަން ފިލާހެން ދަޅަ އަރާ މިޔަ ތޫނުއޭ ހަތިޔާރެކޭ

ހަށިފާރަވެރިއެއް ކަމުވެގެން ހޭލައްވަމުން ނަފުސުގެ ދިރުން
ކަށިގަނޑު، ހަމާ، ލޭ، މަސްގަނޑާ، ރައްކާކުރާ އައްޑަނައެކޭ

ތަޚުތެއް މަތީ އިނުމީ ބަނދެވި އަޅުދާސް ކުރާ އެއްޗެއް ކަމާ
ފަޚުރެއް، ގަދަރު، އަދި ޢިއްޒަތެއް ނެތްކަން ބުނާ އިންޒާރެކޭ

ގަދަ ހިތްވަރާ އެކު ހިންމަތާ ޖެހިލުންމެނުވެ ކުރިޔަށް ހިނގާ
ފަދައެއް ދެވަނަ ނުމެވާ އެއީ ޖިސްމާ ގުޅޭ ބައިވެރިއެކޭ

ދަނޑުފަގުތަކާ ފަރުބަދަތަކާ ދާއިރު ހުރަސްކޮށް ކަނޑުތަކާ
ދަނޑިވަޅު ބަލާ ފިޔަވަޅު އަޅަން އިރުޝާދުދޭ އިލްޙާމެކޭ

ހިމަ ނާރުތައް އަތުގައި ކުރެހި ޗާޓުން ހިނގާ މަގުދައްކަމުން
ދިމަދިމަ ނުދާންވީ ދަތުރުގައި ބުނެދޭ އެއީ ސަމުގާއެކޭ

"ސަހަރޯ" ހިތައް ވެރިވާ ވަގުތު ހިތްވަރުމެކޮށް ކަނޑައެޅި އެއީ
ރަހަ މަރުގެ ދެކުމެއްވެސް ނުވާ ހަރުވީ އަމާޒުގެ ޢަޒުމެކޭ

ބަރުދާސްތުކޮށް ޠޫފާންތަކާ ވައިގަދަ ނުހަނު ކޮޅިގަނޑުތަކާ
ފަރުދާގެ ފުރަގަހުގައި ހެމުން މައްލަވަ ކުރާ އެކުވެރިޔެކޭ

ސަދުމައިގެ ހިތިތައް ހިނަވަމުން ބަނދެލާ ލަމުން ކަފުނުގެތެރަށް
ވަނދުކަން ޙަޔާތުން ފޮހެލަމުން ވަޅުލާ އެއީ ސަންދޯކެކޭ

 

  • ޅެމުގެ ޚިޔާލާތު: ލެބަނާންއަށް އުފަން މަޝްހޫރު އިނގިރޭސި ޅެންވެރިޔާ، ޚަލީލް ޤިބްރާން ހައްދަވައިފައިވާ ޅެމެއް ބަލައިލުމަށް ފަހުގައި.
ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *