ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންނާމީދޫއަށް ގެންގޮސްފިއެވެ. މި ޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ STW ގެ ތިން މޮޑެލެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. އެއީ STW600 ،STW300 އަދި STW800 އެވެ. މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
"ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފަ އެވެ." ސްޓެލްކޯގެ ބަޔާނުގައިވެއެވެ.

"އަދި އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާ އެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ."



advertisment

