ލޮލުން ދެކިލަން އެދޭ ނޫރެއް ލޮލަށް ފެންނަން ނެތޭ މިހިނދަކު
އަލުން ހިނިތުންވެލާނޭ ނެތް އިތުރު ސަބަބެއް މިތާ މިއަދަކު
އެހީއަށް އެދި އެ މައުޞޫމީ ދެލޯ ހޯދާނެތީ ދުވެފައި
އެހީއެއްދޭން ބަލާނެ ދިމާ މިއަދު ފެންނަން ނެތޭ ބަޚުރަކު
އޮޔާ ރާޅަށް ދަމައިގެން ހިނދު، އިވުނު ރޯ އަޑު އެހެންނަމަވެސް
ދިޔައި ގެނބިގެން ކަނޑަށް އެވަގުތު، ދެވުނު މަދަދެއް ނެތޭ ދެއަތަކު
ހިތަށް ފިނިކަން ލިބޭ މައުޞޫމު ހިނިތުންވުން ނުފެނިދާތީ
ކެތަށް މިގޮތަށް ކޮޅަށް ހުއްޓަސް ނެތޭ ބާރެއް މިއަދު ދެފަޔަކު
ހިތާމަ ހިތަށް ކުރަން ކެތް ދަތި، ލިބޭ ވޭނުން ނުފެނިދާތީ
ފިތޭތީ ނޭވަޔާ ވިންދާ، ނެތޭ ދިރުމެއް މިއަދު މިހިތަކު
މިއީވެސް އިމްތިޙާނެއް އައި ޖެހޭނީ ކެތްކުރަން މިކަމަށް
މިއީ ތަޤުދީރުގައި އޮތްގޮތް ނެތޭ ޝަކުވާތަކެއް މިކަމަކު
ހަޔާތަށް ބަނަކަމާ ކަޅުކަން އިސާހިތު އައިސް ވަށާލީމާ
ބަޔާން އިހުސާސުތައް ކުރެވޭނެ ވަރުވެސް ނެތްމެޔޭ މި ދުލަކު
