Support Us

ކުރު ވާހަކަ: ބިލަށް ވާ ފައިސާ ވަނީ ކިރުތައްޓަކުން ދައްކައި މުޅީން ޚަލާސް ކުރެވިފައެވެ.

އަހުމަދު އަލީ އަކީ ވަރަށް ފަގީރު ކުއްޖެކެވެ. އޭނާ ދާދި ކުޑައިރު އޭނާގެ މައިންބަފައިންވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. އޭނާ ބަލަމުންގެންދިޔައީ އަވަށްޓެރި ދެމަފިރިންނެވެ. އެ ދެމަފިރިންނަށް ކުއްޖަކު ލިބިފައި ނެތުމާއެކު އެ ދެމަފިރިން އަހުމަދު ބަލަމުން އައީ އެ މީހުންގެ އަމިއްލަ ދަރިޔެއްގެ ގޮތުގައެވެ. އެ ދެމަފިރިންނަކީ ވެސް ފަގީރު ދެމަފިރިންނަށްވުމާއިއެކު، މާއްދީ ގޮތުން މާބޮޑު އެހީތަކެއް އަހުމަދަށް ފޯރުކޮށްދިނުމުގެ ތަނަވަސް ކަމެއް އެދެމަފިރިންނަށް ލިބިގެންނެއް ނުވެއެވެ. ނަމަވެސް އަހުމަދު ބޯހިޔާކޮށްދީ ބަޑުހައި ހޫނުކަން ފިލުވައިދެއެވެ. މީގެ އިތުރުން ހިތުގެ ލޯތްބާއި އޯގާތެރިކަންދީ، ހަރުދަނާ އަޚުލާގެއްގެ ވެރި ކުއްޖަކަށް އަހުމަދު ހެދުމަށް ގަދައަޅައި މަސައްކަތްކުރިއެވެ.

އަހުމަދުގެ ހަރުދަނާ ބެލެނިވެރިންގެ ސަބަބުން އަހުމަދުވީ ވަރަށް ކެރޭ ހީވާގި އަދި ވަރުގަދަ އަޒުމެއްގެވެރި ކުއްޖެކަށެވެ. އިސްކޫލުގައި ކިޔެވުމުގެ ފުރުޞަތު ލިބުނީއްސުރެން ކުރިއަށް ދާން އަޒުމު ކަޑައެޅިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ހާލާތު މި ވަގުތު އެންމެ އެދެވޭ ގޮތެއްގައި ނެތް ނަމަވެސް މިއީ ހިތާމަކޮށް އަމިއްލަ ނަފްސުގެ މައްޗަށް ހަމްދަރުދީވާންވީ ސަބަބެއްނޫނެވެ. ގަދައަޅައި މަސައްކަތް ކޮށްފިނަމަ މާތްﷲ ކޮންމެ މީހެއްގެ ހާލަތުވެސް ބަދަލު ކުރައްވާނެތެވެ. މިކަން ގަބޫލުކޮށް ކިޔެވުމުގެ ޚަރަދު ފޫބެއްދުމުގެ ގޮތުން އަހުމަދު މަސައްކަތްކުރާން ފެށިއެވެ. ފިހާރައަކުން މުދާ ނަގައި އެ މުދާ ހިފައިގެން ގޭގެއަށް ގޮސް ވިއްކަން ފެށިއެވެ. ކިޔެވުމުގެ ވަގުތު ނިމުނީމާ ހަވީރު ފިހާރައަށް ގޮސް އުފަލައިގެން އޭނާއަށް ގެންދެވޭ ވަރަށް އެކި ފާޑުފާޑުގެ ސާމާނު ހިފައިގެން ގޭގެއަށް ވިއްކަން ދަނީއެވެ. މަސައްކަތުގައި ހަތަރު ވަރަކަށް ގަޑިއިރު ހޭދަކޮށްފައި އެނބުރި ފިހާރައަށް ދަނީއެވެ. ވިކުނު މުދަލުގެ ފައިސާ ސޭޓާއި ހަވާލުކޮށް ނުވިކުނު މުދާ ރައްދު ކުރާށެވެ. އަދި ވިކުނު މުދަލުން އޭނާއަށް އޮންނަ އުޖޫރަ ލިބިގަތުމަށް ވެސް މެއެވެ.

ބައެއް ދުވަސް ދުވަހު އެއްޗެއް ނުކައި ހައިބަނޑާ ވެސް އަހުމަދަށް މަސައްކަތުދާން ޖެހެއެވެ. މިހެން ހައިބަނޑާ މަސައްކަތު ދިޔަ ދުވަހެއްގައި މަސައްކަތް ނިމެން ކައިރިވެފައި ވަނިކޮށް ވަރަށް ބޮޑަށް ބަނޑުހައިވެ ވަރުބަލިކަން އިހުސާސުކުރެވުނެވެ. އެހެންވެ އަހުމަދު ހިތަށްއެރީ ދެން ވަންނަ ގެއަކުން ކައިލާނެ ކޮންމެވެސް އެއްޗަކަށް އެދޭށެވެ. ނަމަވެސް އެ ގެއަށް ވަދެ ވިޔަފާރީގެ މުއާމަލާތްކޮށް ނިމުމުން ކައިލާނެ އެއްޗަކަށް އެދުމަށް ލަދުވެތިވިއެވެ. އެހެންވެ، އަހުމަދު އެ ގެއިން ވިޔަފާރިކުރި އަންހެން ސާހިބާގެ ގާތުން ވަރަށް އަދަބުވެރި ކަމާއެކު ފެންތަށްޓަކަށް އެދުނެވެ. އެ އަންހެން ސާހިބާ އަހަމުދާ ދިމާއަށް ބަލައިލިއެވެ. އަދި ހިތާހިތާ ބުންޏެވެ. މި ޒުވާން ކުއްޖާ މިހިރީ ވަރަށް ވަރުބަލިވެ ހައިވެފައެވެ. ދެން، ގޭތެރެއަށް ގޮސް ކިރު ތަށްޓެއް ހިފައިގެން އައިސް އަހުމަދަށް ދިނެވެ. އަހުމަދު ވަރަށް ޝުކުރު އަދާކޮށް ކިރުތަށި ބޮއިލިއެވެ. އަދި އަންހެން ސާހިބާ ގާތު ބުންޏެވެ. "މި ކިރުތަށީގެ އަގަކީ ކޮބައި ތޯއެވެ؟" ޖަވާބުގައި އަންހެން ސާހިބާ ބުންޏެވެ. "ކިރު ތަށްޓަކަށް އެއްވެސް އަގެއް ދޭނެކަމެއް ނެތެވެ. އަހަރުމެން ކުޑައިރު މައިންބަފައިން އަހަރުމެންނަށް ބުނެދީފައި އޮންނަނީ ތިމާ އެހެން މީހުންނަށް ފޯރުކޮށްދޭ އިހުސާންތެރިކަމަށް އެއްވެސް އަގެއް ނާތުލުމަށެވެ. އެ ކަމަކީ ގެއްލިގެން ދާނޭ ކަމެއްނޫނެވެ. މާތްﷲ އެކަމުގެ ފުރިހަމަ ހެޔޮ ޖަޒާ ދެއްވާނެތެވެ." އަހުމަދު އަންހެން މީހާއަށް އަނެއްކާ ވެސް ޝުކުރު އަދާކޮށްފައި ގެއަށް ދިޔައެވެ. މި ދުވަހު އަހުމަދުގެ އީމާންތެރިކަން އިތުރުވިއެވެ. އަދި ހަމަ އެހެންމެ އިންސާނުންގެ ތެރޭގައިވެސް، އަބަދުވެސް، ހެޔޮލަފާ މީހުން އުޅޭނެކަން ހިތުގެއަޑީން ގަބޫލުކުރެވުނެވެ.

މީގެ އެތައް އަހަރުތަކެއް ފަހެވެ. އެއްކަލަ އަންހެން ސާހިބާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އަދި އަވަށު ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ސިއްހީ މަރުކަޒުގެ ޑަކުޓަރުން ބައްލަވައިފައި ނިންމެވީ ރަށުގެ މައި ހަސްފަތާލަށް އަންހެން ސާހިބާ ގެންދިޔުމަށެވެ. އަންހެންމީހާގެ ބަލީގެ ބާވަތުންނެވެ. ބަލި ނުރައްކާވެފައި، އަދި ސެންޓަރުގައި އެބައްޔަށް ދެވޭނޭ އެކަށީގެންވާ ފަރުވާއެއް ނެތީމައެވެ. މައި ހަސްފަތާލުގެ ޑަކުޓަރުން ބެއްލެވުމަށްފަހު ނިންމެވީ މިބަލީގެ ޚާއްޞަ ޑަކުޓަރަކަށް ދެއްކުމަށެވެ. އަދި ވަރަށް އަވަހަށް ޑރ. އަހުމަދު އަލީއާ އެބޭކަލުން ގުޅުއްވިއެވެ. ޑރ. އަހުމަދު އަލީ ހަސްފަތާލަށް ވަޑައިގެން ބަލިމީހާ ބެއްލެވިއެވެ. އަދި ބަލި އަންހެން މީހާގެ މޫނުމަތީ ރޫ ހެދި ދުވަސްވެފައި ވިޔަސް އެއީ ކާކުކަން ޑަކުޓަރަށް ވަރަށް ރަނގަޅަށް އެނގިލެއްވިއެވެ. އަދި ޑަކުޓަރުގެ އާދައިގެ މަތީން ވަރަށް ފަރުވާތެރިކަމާއެކު ބަލި މީހާގެ ކަންތައް ބައްލަވަމުން ގެންދެވިއެވެ. އަދި ދުވަސްގަނޑަކަށް ފަހު މާތްﷲގެ އިރާދަފުޅުން ބަލިމީހާ މުޅިން ފަސޭހަވެ، އޭނާއަށް ޝިފާ ލިބުނެވެ. ޑރ. އަހުމަދު އަލީ ހަސްފަތާލުގެ އިދާރާގައި، އަންހެން މީހާގެ ބިލު އޭނާއަށް ފޮނުވުމުގެ ކުރިން، ޑަކުޓަރު ބައްލަވައިލެއްވުމަށް ފޮނުވުމަށް އެދިވަޑައިގެންނެވިއެވެ. ބިލު ލިބިވަޑައިގަތުމުން، ކުޑަ ނޯޓެއް ބިލުގެ އެއް ފަރާތުގައި ޑަކުޓަރު ލިޔުއްވުމަށް ފަހު، އަންހެން މީހާއަށް، ބިލު ރައްދުކުރުމަށް ފޮނުއްވިއެވެ.

ބިލު ލިބުމުން އަންހެން މީހާ އެ ކަނޑައިލަން ބިރުގަނެ ޖެހިލުންވިއެވެ. އެތައް ދުވަހަކު ބޮޑު ބައްޔަކަށް ހަސްފަތާލުގައި ބޭސްކުރެވިފައި ވާތީ އަންނާނެ ބިލުގެ ބޮޑުކަން އިހުސާސުކުރެވޭތީއެވެ. އަދި އެ ބިލަށްވާ ފައިސާ ދެއްކުމަށް އެތައް ދުވަހެއް ނަގާނެތީ ވެސް މެއެވެ. ކޮންމެ އަކަސް ޖެހިލުންވެހުރެ ވެސް ސިޓީއުރަ ކަނޑައި ބިލު ނަގައި ބަލައިލިއެވެ. އަދި ބިލުގެ އެއްފަރާތުގައި ލިޔެފައިވާ ނޯޓު ލޮލުގައި އަޅައިގަތެވެ. އޭގައި ލިޔެވިފައި އޮތެވެ. "އިހުސާންތެރިކަމުގެ ހެޔޮ ޖަޒާ އަކީ ހަމަ އިހުސާންތެރިކަން ނޫން ހެއްޔެވެ؟ މި ބިލުގައިވާ ފައިސާ ދެއްކުމާ މެދު ކަންބޮޑުނުވާށެވެ. ކިރު ތަށްޓެއްދީ އެބިލް ވަނީ މާކުރިން އަދާކުރެވިފައެވެ." [ޑރ. އަހުމަދު އަލީ.]

(ތަރުޖަމާއެއް)