...

Support Us

ބައްޕަ ބުނުއްވި މާދަން ރާއްޖެ މޮޅުވާނޭ: ނަޝީދު

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މާދަމާ އިންޑިއާއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވާނޭ ކަމަށް އެމަނިކުފާނުގެ ބައްޕަ ވިދާޅުވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ދިރިއުޅުއްވާ ހޮޓެލް ޖެން އަށް މިރޭ 11 ޖަހާކަންހާިރު ވެންނެވި ވަގުތު އެ ހޮޓަލުގެ ލޮބީގައި އެ ވަގުތު އިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭނާ ސަލާމްކުރައްވައި، ސެލްފީ ނަންގަވައި ވާހަކަ ދައްކަވައިލައްވަމުންނެވެ.

"މި އައީ ބައްޕަ ކައިރިން. ބައްޕަ ބުނުއްވި މާދަން ރާއްޖެ މޮޅުވާނޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ބައްޕަ ކެރެފާ އަބްދުއްސައްތާރަކީ ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ދުވަސްތަކެއް ވާންދެން ރަސްކަންކުރި ވިކްޓަރީގެ ބާނީއެކެވެ. އޭރު ގަލޮޅު ދަނޑަށް ވިކްޓަރީ ނުކުންނާނީ ވެސް ސައްތާރާއި އާއިލާ ދިރިއުޅުއްވާ ގ. ކެނެރީގެއިންނެވެ.

ސައްތާރަކީ ވަރަށް މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. ނަމަވެސް ހޮކީ އާއި ފުޓްބޯޅަ ވެސް ސައްތާރު ކުޅުއްވިއެވެ.

ނަޝީދު އަވަހާރަކޮށްލަން މޭ 6ގައި ދިން ބޮމުގެ ހަމަލާއަށްފަހު ބޭސްފަރުވާ އަށް ހަތަރު މަހެއްހައި ދުވަހު ޖަރުމަނާއި އިނގިރޭސިވިލާތް އަދި ފަހުން ރަސްމީ ދަތުރުފުޅެއްގައި ދުބާއީގައި އުޅުއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެން ނަޝީދު ހުންނަވަނީ ހޮޓެލް ޖެންގައެވެ. ބަންގްލަދޭޝް އާއި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުވެސް ތިބެނީ 13 ބުރީގެ ޖެންގައެވެ. ނަޝީދު ހުންނަވާތީ ޖެންގެ ސިކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

ނަޝީދު ހުންނެވުމަށް ޖެންގެ އެއް ފަންގިފިލާ އެއްކޮށް ވަނީ ހުސްކޮށްފައެވެ. ހަތިޔާރާއެކު ހަރަކާތްތެރިވާ ސިފައިން ނޫން އެހެން ބަޔަކަށް އެ ފަންގިފިލާ އަކަށް ނޭރެއެވެ.

ޖެންގެ ލޮބީގައި މިރޭ ތިބި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާވެސް ނަޝީދު ވާހަކަ ދައްކަވައިލެއްވިއެވެ.

މާދަމާ ރޭ ކުޅޭ މެޗުގައި އިންޑިއާ އަތުން ބަލިނުވެއްޖެ ނަމަ، މި މަހު 16 ގައި އޮންނަ ފައިނަލުން ރާއްޖެއަށް ޖާގައެއް ކަށަވަރުވާނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *