ހިތުގައި އުފެދޭ ވަހުމުތަކެއް މީ އަހަރެންހޭ
އިތުބާރު ޖަވާބެއް މިސުވާލަށް އެބަ އޮތްހޭ
ކައިގެން އުޅުމަށް މުޅަމަސް އަދި މީރުވަނީހޭ
ބޮއިގެން އުޅުމަށް ލޭ އޮހޮރޭ ރީތިވަނީހޭ
ދައިގެން ހެފުމަށް މިނިކަށި ވެސް ހީކުރަނީހޭ
ފައިސާގެ އަޅުންނަށްވެ ޒަމާން ބޯލަނބަނީހޭ
ޅަފުރައިގެ ދުވަސްތައް ލިބިދިން ހަނދުމަ ނެތިއްޖޭ
ނަފުސަށް ކުރި އިތުބާރު ވަޔަށް ގެއްލި ހިނގައްޖޭ
ސަފުގައި އިހު ތިބި ސާބިތު ނުވެ ފައިކަތި ވެއްޖޭ
ކަފުގައި ކުރުމަށް ދަތުރު ނެވިން އޮޑި ނެރެނީހޭ
ހީވޭތަ އުނދުނު ފުއްޑަނުގައި ގަސް ހެދިދާނޭ
ހީވޭތަ ދިރުން ނެތް ނިރަކުން މާ ފޮޅިދާނޭ
ހީވޭތަ ހަބަރު ހިތިރަހަ ފޮނި މީރު ވެދާނޭ
ނީވޭ އަޑުހެން ކަންފަތުގައި އަތްއަޅަނީހޭ
ނުފެލޭނެ އޮށިން ހިކި ދިޔައެއް އޮބިއެޅިއަސް ވެސް
ނުހިކޭނެ ކަނޑެއް ގަދަބަސް ބުނެ ގާ އެޅިއަސް ވެސް
ނުފަޅާނެ ނިރެއް ހިލަގަނޑަކުން ފެން އެޅިއަސް ވެސް
ނުކެވޭ ދަތަކުން ކާށި ހަފަން ބާރުލަނީހޭ
ބުނިހާ ބަހަކަށް އަތްޖަހަމުން ފޯރި ދެނީއޭ
ތުނިވާ އުނިވާ ފުނި ނުބަލަން ލޯމަރަނީއޭ
ކުނިވާ އިރު ވެސް ނޫން ކަމުގައި ލޯބި ދެނީއޭ
ނުނިމޭނެ ކަމަށް ދުނިޔެ ހިތާ ހޯއްގޮވަނީހޭ