...

Support Us

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީމު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތުމުގެ ކުރިން.. -ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގައި ބާއްވާ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގައި ގައުމީ ޓީމު ވާދަކުރަން ނިންމައިފި

ސްރީލަންކާގައި އަންނަ މަހު ބާއްވާ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރުމަށް ސީނިއާ ގައުމީ ޓީމަށް ދިން ދައުވަތު އެފް.އޭ.އެމުން ގަބޫލްކޮށްފިއެވެ.

ނޮވެމްބަރު 8-14 އަށް ކޮލަމްބޯގައި ކުޅުމަށް ހަމަޖެހިފައިވާ ބޮޑު ވަޒީރު "މަހިންދާ ރާޖަޕަކްސާ ޓްރޮފީ"ގައި ރާއްޖެ އާއި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝްގެ ސީނިއަރ ޓީމު ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދިވެސް" އަށް ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވުމަށް ކޮލަމްބޯއިން ދިން ދައުވަތު ގަބޫލްކޮށް، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމު، ކޯޗު އަލީ ސުޒެއިނާއެކު ފޮނުވާގޮތަށް ނިންމައިފައިވާ ކަމަށެވެ.

ފަސް ގައުމުގެ މެދުގައި ގަލޮޅު ދަނޑުގައި މިހާރު ކުރިއަށްދާ 13 ވަނަ ސާފް ޗެމްޕިއަންޝިޕް މި މަހު 16 ގައި ނިމުމާއެކު، ލަންކާ މުބާރާތަށް ޓީމު ތައްޔާރުވާން ފަށާނެ ކަމަށް އެފް.އޭ.އެމުން ބުނެއެވެ.

ރާއްޖޭގެ އިތުރުން ލަންކާ އާއި ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާއިރު، މުބާރާތަށްޓަކައި ސީޝެލްސް ޓީމު ވެސް މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފައެވެ. 

މުބާރާތުގައު ރާއްޖެ އެންމެ ފުރަތަމަ ވާދަކުރާނީ ލަންކާއާ، ނޮވެމްބަރު 8 ގައެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ވާދަކުރާނީ ނޮވެމްބަރު 11 ގައެވެ. އަދި ފަހު މެޗުގައި ސީޝެލްސާ ވާދަކުރާނީ ނޮވެމްބަރު 14 ގައެވެ.

މުބާރާތް ރާވައިފައި ވަނީ ލީގު އުސޫލަށް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ މޮޅުވާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ކޮލަމްބޯގެ ރެއިޑް އެވެނިއުގައި އޮންނަ ރޭސްކޯސް ދަނޑުގައި ކުޅޭ މި މުބާރާތަކީ ލަންކާގެ ފުޓުބޯޅައިގެ ފޯރި ގަދަކޮށްލުމަށްޓަކައި ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ހުރިހައި ޓީމެއްގެ ހަރަދުތައް ބަލަހައްޓަނީ ލަންކާ ފުޓްބޯލް ފެޑަރޭޝަނުންނެވެ.

ލަންކާގެ ގައުމީ ކުޅިވަރަކީ ކްރިކެޓެވެ. އެހެން ނަމަވެސް ލަންކާއަކީ ސަރަހައްދީ ފުޓުބޯޅައިގެ މީގެ ކުރިން ގަދަ ބާރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *