Support Us

ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މައްލާ ޅަތުއްތުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވަނީ

ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މައްލާ އަށް

ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މަޝްހޫރު ރެފްރީ މައްލާ ޅަތުއްތުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވައިފިއެވެ.

އިނާމު މައްލާ އަށް ދެއްވީ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއެކު ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މައްލާއަށް ދެއްވިއެވެ.

މައްލާ ވަނީ ދިވެހި ކުޅިވަރުގެ ދާއިރާގައި 52 އަހަރު ހިދުމަތް ކުރައްވައިފައެވެ. ބައިނަލްއަގުވާމީ ފުޓުބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެހި ރެފްރީގެ ޝަރަފުގެ އިތުރުން ފީފާގެ ބެޖު ޖަަހައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަންކުރުމުގެ ޝަރަފު ވެސް 1990 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ.

ރެފްރީކަން ކުރައްވަމުން ވެސް މައްލާގެ އެންމެ ބޮޑު ޝައުގުވެރިކަމަކާއި އިސްކަމެއް ދެއްވީ ދިވެހި ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށެވެ. މިގޮތުން ދިވެހި ފުޓުބޯޅަ ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށް 1975 އިން ފެށިގެން 46 އަހަރު ދުވަހު ގިނަގުނަ މަސައްކަތްތަކެއް މައްލާ ވަނީ ކުރައްވައިފައެވެ. މީގެ އިތުރުން ދިވެހި އަންހެން ފުޓުބޯޅަ ރެފްރީން އުފައްދައި ތަމްރީނުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް، 2019 ގައި، މަސައްކަތް ފެއްޓެވީ ވެސް މައްލާއެވެ. މިގޮތުން މިހާތަނަށް 21 ކުދިންނަށް ކިޔަވައިދެއްވައި 11 ކުދިން ވަނީ ރެފްރީ ކޯހުން ފާސްވެ، ދަނޑަށް ނެރެފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ރާވައި ހިންގާ ގައުމީ ފެންވަރުގެ ހުރިހާ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީން އެސެސްކުރެއްވުމުގެ މަސައްކަތް މިހާރުވެސް މައްލާ ކުރައްވައެވެ. އަދި ރެފްރީންނަށް މިހާރުވެސް ކިޔަވައިދެއްވައެވެ.

ރާއްޖޭގެ ފުޓުބޯޅަ ރެފްރީންގެ ބެޖެއް އެންމެ ފުރަތަމަ، 1969 ގައި، ފަރުމާކުރެއްވީ ވެސް މައްލާއެވެ. އަދި އޭގެ ފަހުން ވެސް ރެފްރީންގެ ހުރިހާ ބެޖެއް ފަރުމާކުރައްވައިފައި ވަނީ މައްލާއެވެ. އަދި 1982 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އުފެދުމުން އެފް.އޭ.އެމްގެ ލޯގޯ ފަރުމާކުރެއްވީ ވެސް މައްލާއެވެ.

އެފް.އޭ.އެމްގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީއަކީ ވެސް މައްލާއެވެ. އަދި މައްލާ ވަނީ އެފް.އޭ.އެމްގެ ރެފްރީޒް ކޮމިޓީގެ ސެކްރެޓަރީކަމާއި ވައިސް ޗެއާމަންކަމާއި ޗެއާމަންކަން ވެސް ކުރައްވައިފައެވެ. 2019 ޖުލައި 31 އިން ފެށިގެން މައްލާ ވަޑައިގަންނަވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓްގެ އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުންނެވެ.

ދިވެހި ފުޓުބޯޅަ އަށް މައްލާ ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 1990 ވަނަ އަހަރު، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޢިނާމު ދިވެހި ދައުލަތުން މައްލާ އަށް ވަނީ ދެއްވައިފައެވެ. އަދި 2018 ވަނަ އަހަރު، އެފް.އޭ.އެމްގެ "ޕްރެޒިޑެންޝަލް އެވޯޑް" ވެސް މައްލާ އަށް ވަނީ ދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *