Support Us

ހިރިގާ ޖަވާބެއް އިއް​ވަނީ

މައްޔިތެއް ކަށްވަޅުގެ ތެރެޔަށް ކަފުނުގައި ތިރިކޮށްލަނީ
ހައްޤުވާ "ތިން މުށުގެ ހަދިޔާ" ފަހިވަމުން ލިބެމުންދަނީ

ރަށުގެ ހުރިހާ ރައްޔިތުން ހާޒިރުވެ ތިބެގެން މާމޮޅިން
ކަށުކަމާކެމި ލަސްނުކޮށް ފުރިހަމަ ކަމާއެކު ނިންމަނީ

ތިންފިލާގައި ބަނދެވިފައި ހަރަކާތް ކުރަން ބާރެއް ނެތަސް
އިންދިރާސީ ދުނިޔެ ސިފަވެވި މައްޔިތަށް ފެނިގެންދަނީ

ހިރިއަކުން ފަރުމާވެފައިވާ ގައުގަނޑެއް ބޯކޮޅު މަތީ
ދިރިތިބީން ބައިންދާލުމަށްފަހު ފަސްއެނބުރި ހިނގަމުންދަނީ

"​އަޅުގެ އެކުވެރި ހާދަހާ ގިނަ ބަޔަކު އެބަވޭ ޢާއިލާ"
ފަޅުކަމުން ފުރިފައިވި ސަހަރާގައި އެއަޑު ގުގުމާލަނީ

"އެންމެ ފަހު ނަޒަރުން ސަލާމެއް އިއްވަމުން ވަކިވާން އުޅޭ!
ދެން އަލުން އައުމެއް ނުވާނޭ!" އައި އަޑެއް ބުނަމުން ދަނީ

​"މުންކަރުލް މަލަކޫތު ހެއްޔޭ؟" މައްޔިތާ އެހިއޭ ބިރުން
ފުން އަޑެއް "ނޫނޭ" އެކަނި ތަކުރާރުކޮށް ބުނަމުން ދަނީ

ތާކު ހުރި މޮޔައެއް ފަދައިން ވެވި މައްޔިތާ އެހި ހޯދަމުން
​"ކާކުހެއްޔޭ ތިޔަ މުޚާތަބު އަޅުގަނޑާ ކުރަމުން ދަނީ؟"

"މީ ތިބާއީ ކާކުކަން އެނގި ރަމްޒުކޮށްދޭ ހިރިގަލޭ"
ރީތި ސާދާ ބަސްތަކުން ހިރިގާ އެކަން ހުރެ އަންގަނީ

"ނިންމުމުން ދުނިޔޭގެ ދަންފަޅި ޢާއިލާ އާއި ރައްޓެހިން
ވިންދު ކެނޑިދާހާ އަވަސް ހިނދުކޮޅު ތެރޭ ބަދަލޭވަނީ"

"ފެޅި ހެދޭ ވިނަގަސްތަކާ އަދި ހަމަލަދޭ ފަނިތައް އެއީ
އެޅި ހުރަސްތައްވާ ޙަޔާތުގެ އެކުވެރިން ކަމުގައި ވަނީ"

"ދެން ތިބާދެކެ ލޯބިވާ ބޮޑު ޢާއިލާއީ އަޅުގެ ގައިން
ފެންނަހެން ހިލިދާނެ ފެއްސޭ" އަސަރުގައި ހިރި ބުނެލަނީ

"ނާތެދެެއްހޭ؟ އަޅުގަނޑަށް އޮތް ހާލަކީ މީތޯ ސަފުން؟"
ގާތުގައި ރޮއެ އިޢުތިރާޒެއް މައްޔިތާ ކުރަމުން ދަނީ

"ދުނިޔެ ފެށުނީސުރެ ޢިލާހީ އޮތް ޙުދޫދޭ މީ އެނގޭ"
އުނިކަމަށް ލޯހުޅުވަދީ ހިރިގާ ޖަވާބެއް އިއްވަނީ

"މަރުވުމަށް ފަހުގައި ތިބާއަށް އޮތް ޝަފާޢަތަކީ މިތާ
ދަރުމައެއް ލިބެވޭނެހެން ކުރި ޢަމަލެކޭ އައިސްފައި ވަނީ"

ބަސްތަކެއް "ޝާހިލް" ގެނަސްދިން މީ އެނގޭ ވިސްނާލުމަށް
ލަސްނުކޮށް އިތުރަށް މިޅެން އެކުގައި ތެދޭ ނިންމާލަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *