ނުބުނެ ހުރި ވާހަކަތަކެއް އެބަހުރި، ބުނާނޭ ޖާގަދީ
އެބަ މިހިތް ހުއްޓެން އުޅޭ، ވޭހޭ އެޔަށް ފަރުވާ ނުދީ
އިތުރު ހިތްވަރު ލިބި ނެތޭ، މިހިތާމަ އުފުލަން ޔާރުނޭ!
ހިތުގެ ޙާލަށް ރަޙުމުކޮށް ނިކަމެތި ހިތަށް މި އެހީވެދީ
ހައްޔަރެެއްގައި ލޯބި ބެދި، އެ ހިތާ ހިސާބަށް ނުދެވުނަސް
ހައްޤެކޭ އަހަރެންގެ އޭ އަދު އެންމެނަށް އަންގާލަދީ
އަތުގެ ހުނަރުން ހިތުގެ ބިތުގައި ކުރެހި ކުލަ ތަސްވީރުތައް
ހިތުގެ ބޭރުން އޭނަޔަށް ފެންނާނެހެން ދައްކާލަދީ
ކަރުނަ ދެލޮލުން ހުސްވެ ޖިސްމާ ރޫޙު ވަކިކުރި ގިލަނުގައި
މަރުވަނީއޭ ދެން މި ހީވާ ޙާލަތަށް ހިތް ދިޔަނުދީ
ވޭނުގައި އޮވެ ހިތުގެ ވިންދުން ލިޔުނު ހިތްދަތި ދާސްތާ
އޭނަޔަށްވެސް އަޑު އިވޭހެން، ކަންފަތަށް އިއްވާލަދީ
ދުނިޔެއިން ވަކިވުމުގެ ކުރިއަށް މޫނު ދެކިލާށޭ ކިޔާ
ދުނިޔެ ޙާޟިރުވެއްޖެއޭ އޭނާ އެކަންޏޭ ދެން މަދީ
