Support Us

"އީޖާދީ މަންސަ" މުބާރާތުގެ ރަން ވަނަތައް ހޯދި ނުވަ މީހަކަށް ދެ ވަނަ ފިޔަވަހިން ވިޔަފާރި ޔުނިޓްތަކެއް ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް "އީޖާދީ މަންސަ"ގެ ނަމުގައި ހިންގި މި މުބާރާތުގެ ރަންވަނަތައް ހޯދި ނުވަ މީހަކަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ސެޓްފިކެޓާއި ވިޔަފާރި ޔުނިޓްތަކެއް ހަވާލުކޮށްފިއެވެ.

ގޭގައި ކުރާ ވިޔަފާރިތަކަށާއި އޮންލައިން ވިޔަފާރިތަކަށާއި މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ފުރުޞަތު ހުޅުވައިލުމުން 36 މީހަކު ޕްރޮޕޯސަލް ހުށަހެޅި ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި ފަސް ކެޓަގަރީ ކަމަށްވާ ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި އަދި ޚިދުމަތް ކޮންމެ ކެޓަގަރީއަކުން ވެސް ލިބުނު މާކްސްއަށް ބަލައި އެއް ވަނަ އަދި ދެ ވަނައިގެ ގޮތުގައި ޖުމްލަ ނުވަ މީހުން ހޮވުނު ކަމުގައި ވެސް އެޗް.ޑީ.ސީން ބުނެއެވެ.

ވަނަ ވަނައަށް ދިޔަ މީހުންނަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ ފުލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް، އެޗް.ޑީ.ސީން ކަނޑައަޅާ ވަކި މުއްދަތަކަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މުބާރާތުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކުން އެއް ވަނައަށް ހޮވޭ ފަރާތްތަކަށް ޙަވާލުކުރެވޭ ޔުނިޓްތަކަކީ، އެއްވެސް ކުއްޔަކާ ނުލައި އެއް އަހަރު ދުވަހުގެ މުއްދަތަށް ޙަވާލު ކުރެވޭ ޔުނިޓުތަކެއް ކަމަށާއި ދެ ވަނައަށް ހޮވޭ ފަރާތްތަކަށް ޙަވާލުކުރެވޭ ޔުނިޓުތަކަކީ، އެއްވެސް ކުއްޔަކާ ނުލައި ހަ މަސް ދުވަހުގެ މުއްދަތަށް ޙަވާލު ކުރެވޭ ޔުނިޓުތަކެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި ލިބިގެންދާނޭ ރަނުގެ ފުރުޞަތެއް ކަމުގައި މި ކުންފުނިން ފާހަގަކުރަމެވެ." އެޗް.ޑީ.ސީން ބުނެއެވެ. "ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ތަރައްޤީ ކުރުމަށްޓަކައި ޚާއްޞަ ފުރުޞަތުތަކެއް މި ކޯޕަރޭޝަނުން ގެންދަނީ ފަހިކޮށްދެމުންނެވެ."

ވަނަތަކަށް ހޮވުނު މީހުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމީޔާތެއްގައި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.

"އިޖާދީ މަންސަ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އަމިއްލަ އުފެއްދުންތަކާއި އައު ޚިދްމަތްތަކުގެ އީޖާދީ ޚިޔާލުތައް ހުށަހެޅުމުގެ އިތުރުން މި މުބާރާތުގެ ސަބަބުން މުޖްތަމަޢުގެ ގިނަ އަފްރާދުންގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ހަމަ އެއާއެކު، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ "ކޯވިޑް-19″ ގެ ޢާލަމީވަބާގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ކުޑަކޮށް، ޢާއްމު އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ މިފަދަ މުބާރާތެއް ހިންގުމުގެ މައިގަނޑު އެއް މަޤްޞަދުކަމުގައި މި ކޯޕަރޭޝަނުން ދެކެމެވެ." އެޗް.ޑީ.ސީން ބުނެއެވެ.