...

Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 8

އަށްވަނަ ސިފަ: ކަންކަމުގައި މެދުމިން އިޚްތިޔާރުކުރުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ކަންކަމުގައި މެދުމިން އިޚްތިޔަރުކުރުމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ކަންކަމުގައި މެދުމިން اختيار ކުރުމަކީ ކޮބާ؟

އެއީ ކަންކަމުގައި އިހުމާލުވުމާއި ހައްދުފަހަނަޅައި ދިއުމާއި ދެމެދުގެ މިންގަނޑު ހިފެހެއްޓުމެވެ.

ސިޔާސީ ލީޑަރުން ކާމިޔާބު ހާސިލުކޮށް ގަތުމަށް ޓަކައި ބޭނުންކުރަންޖެހޭ އެއް އުކުޅަކީ އެހެނިހެން މީހުންގެ ހައްގުތަކުގައި ތިމާ އަދާކުރަން ޖެހޭ ވާޖިބުތަކާއި، އަދި ކުރަން ޖެހޭ މުޢާމަލާތްތައް ކުރުމުގައި މެދުމިން އިޚްތިޔާރުކުރުމެވެ. މެދުމިން އިޚްތިޔާރުކުމުން ކާމިޔާބު ލިބޭނެ ކަމުގެ ހެކި ނަބަވީ އިރްޝާދު ތަކުން ލިބެއެވެ. މިސާލެއްގެ ގޮތުން ތިރީގައި އެވާ ޙަދީޘުތަށް ވިދާޅުވެލައްވާށެވެ.

ހ- މާތް الله ރުއްސުންލެއްވި أَبو هريرة، ކީރިތި ރަސޫލާ ﷺ ގެ އަރިހުން ރިވާކުރެއްވެވިއެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. ހަމަކަށަވަރުން އިސްލާމް ދީނަކީ ލުއިފަސޭހަ ކަމުގެ ދީނެވެ. އަދި ދީނީ ކަންތައްތަކުގައި ހަރުކަށިވެގެންފި މީހަކަށް ދީނާއެކު ކުރިއަށް ދިއުން އުނދަގޫ ނުވެނުދާ ހުއްޓެވެ. ވީމާ ތިޔަބައިމީހުން މެދުމިން إختيارކުރާށެވެ. އަދި ކުޅަދާނަ ވެގެންވާ ވަރަކުން (ހެޔޮކަންތައް) ފުރިހަމަ ކުރަން އުޅޭށެވެ. އަދި (ކިތަންމެ ކުޑަ ކަމެއްވެސް ވިޔަސް) ثواب ލިބޭނެ ކަމުގެ އުފާވެރި خبر ދީ އުޅޭށެވެ. އަދި ދުވާލުގެ ހެނދުނު ކޮޅުގެ ވަގުތާއި ދުވާލުގެ ފަހުކޮޅުގެ ވަގުތާއި، އަދި ރޭގަނޑުގެ އެންމެފަހު ބައިގެ ވަގުތުގައި (މި ވަގުތުތަކަކީ ހަށިގަނޑުގެ ތާޒާ ކަމާއި ނަފްސާނީ ހަމަހިމޭންކަން ލިބިގެންވާ ވަގުތަކަށް ވާތީވެ އަޅުކަންތައް މިވަގުތު ތަކުގައި ކޮށްލުން ފަސޭހަ ވެގެންވާކަމަށްޓަކައި މިވަގުތުތަކުގައި) އަޅުކަންތައް ކުރެވޭތޯ ބަލާށެވެ. (ބުޚާރީ39)

އަދި ބުޚާރީގެ އެހެން ރިވާޔަތެއްގައިވެއެވެ. ތިޔަބައިމީހުން (އަޅުކަމުގައި) މެދުމިން إختيار ކުރާށެވެ. އަދި (عملކުރުމުގައި އެންމެ ފުރިހަމައަށް ނުކުރެވޭނަމަ) ދެން އެއާ ވިދިގެން އޮތް އެންމެ ކާރިގޮތް إختيار ކުރާށެވެ. އަދި އަޅުކަންކުރުމުގައި ހެނދުނުގެ ކުރީކޮޅުން ބަޔަކާއި ރޭގަނޑުގެ ކުރީކޮޅުން ބަޔަކާއި ރޭގަނޑުގެ ފަހުބައިން ބަޔެއް إختيار ކުރާށެވެ. (އެބަހީ ހަށިގަނޑަށް ބުރަނުކޮށް ހަށިގަނޑަށް އެންމެ ތާޒާކަން އަންނަ ވަގުތުތަކުގައި އަޅުކަން ކޮށްގަތުމެވެ.) އަދި ކަންކަމުގައި މެދުމިން إختيار ކުރާށެވެ .އެއިރުން އެކަމެއް ފުރިހަމަވުންހުށްޓެވެ.

ށ- މާތް الله ރުއްސުންލެއްވި أبو الدرداء (رضي الله عنه) އަކީ ބޮޑު އަޅުވެރިބޭކަލެކެވެ. ދުވާލުގައި ރޯދަމަތީގައެވެ. އަދި ރޭގަނޑު ދަމުނަމާދު މަތީގައެވެ. އެއްދުވަހަކު އެصحابىގެ އަރިއަހަށް މާތް الله ރުއްސުންލެއްވި سلمان الفارسي (رضي الله عنه) ޒިޔާރަތް ކުރެއްވިއެވެ. އަދި أبو الدرداء (رضي الله عنه) އަޅުކަމުގައި މާބުރަކޮށް އުޅުއްވާތަން ދެކެވަޑައިގަތެވެ. އެހެން ކަމުން އެ صحابى އަށް نصيحةގެ ގޮތުން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިބާ ހައްދަވައި ގެންގުޅުއްވާ اله އަށް އަދާކުރަންޖެހޭ حقތަކެއް ތިބާގެ މައްޗަށްވެއެވެ. އަދި ތިބާގެ نفس އަށްޓަކައި އަދާކުރަންޖެހޭ حق ތަކެއް ތިބާގެ މައްޗަށްވެއެވެ. އަދި ތިބާގެ އަހުލުބައިތުންނަށްޓަކައި އަދާކުރަންޖެހޭ حقތަކެއް ތިބާގެ މައްޗަށްވެއެވެ. ވީމާ އެއިން ކޮންމެ ފަރާތަކަށް އެ ފަރާތެއްގެحق ތައް ބަރާބަރަށް އަދާ ކުރާށެވެ. ކޮންމެއަކަސް އެخبر ކީރިތި ރަސޫލާ ﷺ އަށް ލިބިވަޑައިގަތެވެ. އެހިނދު حديث ކުރެއްވިއެވެ. سلمان الفارسي ވިދާޅުވީ ތެދުފުޅެކެވެ.

ނ- މާތްالله ރުއްސުންލެއްވި أَنَسގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. (އެއްފަހަރަކު) ތިން ބޭކަލަކު ކީރިތި ރަސޫލާ ﷺ ގެ އަނބިކަނބަލެއްގެ ގަނޑުވަރަށް ވަޑައިގެން އެކަލޭގެފާނުގެ އަޅުކަމާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. ފަހެ އެބޭކަލުންނަށް އެކަލޭގެފާނުގެ އަޅުކަމުގެ ވާހަކަ ކިޔައިދެއްވުމުން އެބޭކަލުން ދެކެވަޑައިގަތީ އެވަރު މާމަދު ކަމަށެވެ. އަދި ވިދާޅުވިއެވެ. ނަބީކަލޭގެފާނާ އަޅާބަލާއިރު ތިމަންމެންނީ ކިހާ އާދައިގެ ބައެއް ހެއްޔެވެ؟ އަދި ހަމަކަށަވަރުން އެކަލޭގެފާނުގެ އިސްވެދިޔަހާ ފާފަތަކާއި އަދި ފަސްވެ އަންނާނެހާ ފާފަތައް ވަނީ ފުއްސަވައިފައެވެ. (އެކަމަކު އެކަލޭގެފާނުގެ އަޅުކަންތައް ތިމަންނާއި އަޅާބަލާއިރު ކިހާ ކުޑަ ހެއްޔެވެ.) އެއިން އެއްބޭކަލަކު ވިދާޅުވިއެވެ. (ނިކަން ބަލާށެވެ.) ތިމަންނަ މުޅި ރޭގަނޑު ހޭދަކުރަނީ ނަމާދުކުރުމުގައެވެ. އަދި އަނެއް ބޭކަލަކު ވިދާޅުވިއެވެ. އަދި ތިމަންނަ މި ހުންނަނީ މުޅި އަހަރުގެ ހުރިހާ ދުވަސްތަކުގައި ރޯދައަށެވެ. (ދެ އީދު ދެދުވަހާއި أيام اتشريقގެ ތިން ދުވަސްތައް ފިޔަވައި) އެއްވެސް ދުވަހެއްގައި ރޯދަ ވީއްލާފައި ނުވާނެއެވެ. އަދި އަނެއްބޭކަލަކު ވިދާޅުވިއެވެ. ތިމަންނަ މިހުންނަނީ އަޅުކަމާ ހުރެ އަންހެނުންނާ ކައިވެނި ކުރުން ހުއްޓާލައިގެންނެވެ. ފަހެ (އެބޭކަލުންގެ އެވާހަކަ އެކަލޭގެފާނަށް އިއްވެވުމުން) ކީރިތި ރަސޫލާ ﷺ މިބޭކަލުންގެ ގާތަށް ވަޑައިގަތެވެ. ފަހެ حديث ކުރެއްވެވިއެވެ. ތިމަން ކަލޭގެފާނުންގެ އަޅުކަންތައް ކުޑަ ކަމަށް ދެކި އަދި ތިޔަބައިމީހުންގެ އަޅުކަންތައް ބޮޑު ކަމަށް ދެކެގެން އެމޭރުން އެގޮތަށް އެވާހަކަތައް ދެއްކީ ތިޔަބައިމީހުން ހެއްޔެވެ؟ ހަނދާން ބަހައްޓާށެވެ. މާތްالله ގަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިޔަބައިމީހުންގެ ތެރޭގައިވާ އެންމެ ބޮޑަށް اللهއަށް ބިރުވެތިވާ އެކަލާނގެ ކިބައަށް އެންމެ ބޮޑަށް تقوى ވެރިވާ މީހާއީމެވެ. ނަމަވެސް ތިމަން ކަލޭގެފާނު نفل ރޯދަވެސް ހިފަމެވެ. އަދި ބައެއް ދުވަހު نفل ރޯދަ ނުހިފާ ވެސް ހުރެމެވެ. އަދި نفل ނަމާދު ވެސް ކުރަމެވެ. އަދި އަރާމުވެސް ކުރަމެވެ. އަދި އަންހެނުންނާ ކައިވެނިވެސް ކުރަމެވެ. (ދަންނާށެވެ.) ފަހެ ތިމަން ކަލޭގެފާނުންގެ ސުންނަތައް ފުރަގަސްދޭ މީހާއީ ތިމަންރަސޫލާ ގެންނެވި ގޮތުގައިވާ މީހެއް ނޫނެވެ. (ބުޚާރީ، މުސްލިމް)

ކަންތައް ކުރުމުގައި މުސްތަޙައްބުވެގެން ވަނީ މެދުމިން ގެންގުޅުމަށެވެ. مسلم ން ގެންގުޅެންޖެހޭ ސިފައަކީ އެއީއެވެ. އެއީ އަޅުކަންތަކުގައިވެސް މެއެވެ. އަދި މަސައްކަތް ކުރުމުގައްޔާއި خرد ބަރަދާއި ކެއުން ބިއުމުގައިވެސް މެއެވެ.

ކީރިތި ރަސޫލާ ގެންގުޅުއްވި މެދުމިނުގެ ނަމޫނާ

مسلم ން ނަމޫނާ އަކަށް ބަލަންޖެހޭނީ ކީރިތި ރަސޫލާ ﷺ ގެންގުޅުއްވި اخلاق އެވެ. އެކަލޭގެފާނު ގެންގުޅުއްވީ ކޮންމެ ކަމެއްގައިވެސް މެދުމިނެވެ. އެގޮތުން އެކަލޭގެފާނު ނަމާދުގައި މެދުމިން اختيار ކުރެއްވިއެވެ. އަދިخطبة ދެއްވުމުގައި މެދުމިން އިޚްތިޔާރު ކުރެއްވިއެވެ. ބައެއްދުވަހު ރޯދައަށް ހުންނަވައެވެ. އަދި ބައެއް ދުވަހު ރޯދައަކަށް ނުހުންނަވައެވެ. އަދި ރޭގަނޑުން ބައެއްގައި އަޅުކަން ކުރައްވައެވެ. އަދި އަނެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ.

މެދުމިނުގެ ވައްތަރުތައް

ހ-ޚަރަދު ކުރުމުގައި މެދުމިން އިޚްތިޔާރުކުރުން

ސިޔާސީ ލީޑަރުންނަކީ ތާއަބަދު ޚަރަދުކުރަން ޖެހިފައި ތިބޭ ބަޔެކެވެ. އެފަދަ ވަގުތެއް މެދުވެރިވެއްޖެ ނަމަ ޚަރަދުކުރުމުގައި އިޚްތިޔާރުކުރަން ޖެހޭނީ މެދުމިނެވެ.

ޚަރަދު ކުރުމުގައި މެދުމިން ހާސިލްވާނީ އިސްރާފު ކުރުމަކާއި ނުލައި އަދި ދަހިވުމަކާއި ނުލައި خرد ކުރުމުންނެވެ. މާތްﷲ الله وحى ކުރެއްވިއެވެ. (الإسراء ސޫރަތުގެ ވަނަ29 އާޔަތް) މާނައީ: ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެއެވެ.

خرد ކުރުމުގައި މެދުމިން اختيار ކުރުމަކީ صالحއަޅުތަކުންގެ ސިފައެވެ. މާތް الله  وحى ކުރެއްވިއެވެ. ﴿ الفرقان٦٧ ﴾ މާނައީ:- އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.

خرد ކުރުމުގައި މެދުމިން اختيار ކުރުމަކީ ދިރިއުޅުމުގެ ދެބައި ކުޅަ އެއްބައެވެ. خرد ކުރުމުގައި މެދުމިން اختيار ކުރުމަކީ ފަގީރުކަމުން ސަލާމަތްވެ މީސްތަކުން ކައިރީގައި ސަލާން ނުޖަހާ ފަރުޖެހޭނެ ކަމެކެވެ. އެއާއި خلافއަށް މުދަލުން اسراف ކުރުމަކީ ފަގީރު ކަމަށް ވާރުތަ ކުރާ ކަމެކެވެ. އެމީހަކަށް މީސްތަކުންގެ ކައިރީ ސަލާމް ނުޖަހާ ނުފުދޭނެއެވެ. އަދި އެމީހަކާއި ހުރެ އެހެން މީހުން ތިބޭނީ އުނދަގޫވެފައެވެ.

ށ-ކެއުން ބުއިމުގައި މެދުމިންވަރު އިޚްތިޔާރު ކުރުން.

ސިޔާސީ ލީޑަރުންނަކީ ޕާޓީގެ ހަރަކާތް ތަކުގައި ކެއުން ބުއިމަށް ޚަރަދުކުރަން ޖެހިފައި ތިބޭބަޔެކެވެ. އެފަދަ ވަގުތެއް މެދުވެރިވެއްޖެ ނަމަ ޚަރަދުކުރުމުގައި އިޚްތިޔާރުކުރަން ޖެހޭނީ މެދުމިނެވެ.

ކެއުން ބުއިމުގައި މެދުމިން އިޚްތިޔާރު ކުރުމަކީ ހާޖަތަށް ފުދޭވަރަށްވުރެ އިތުރަށް خرد ނުކުރުމެވެ. އޭގެ އިތުރަށް ކުރެވޭ خرد އެއީ އިސްރާފުގެ خرد އެވެ. އެއީ މަނާކުރެވިގެންވާ ކަމެކެވެ. މާތްالله ރުއްސުންލެއްވި ابو كَريمَةَ المِقْدامِ بن معْدِ يكَرِب ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ.  ކީރިތި ރަސޫލާ ﷺ حديث ކުރައްވަނިކޮށް ތިމަންނަ އަޑުއެހީމެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. އިންސާނުން ތަކެތި އަޅާ ގުޅިތަކުގެ ތެރެއިން ބަނޑަށްވުރެ ނުބައި ގުޅިއެއް ނުވެއެވެ. އަދާމުގެ ދަރިޔާއަށް ކެއުމަށް އޭނާގެ ހަށިގަނޑު ކޮޅަށް ހުރެވޭ ވަރުގެ އެތިކޮޅެއް ފުދޭނެއެވެ. ފަހެ (އިތުރަށް ކާންބޭނުންވެއްޖެނަމަ ބަނޑުގެ) ތިންބައި ކުޅަ އެއްބަޔަށް ކާށެވެ. އަދި ތިންބައި ކުޅަ އެއްބަޔަށް ފެން ބޯށެވެ. އަދި ތިންބައި ކުޅަ އެއްބައި ނޭވާލުމަށް ބަހައްޓާށެވެ. (ތިރްމިޒީ، އަލްބާނީގެ ޞަޙީހް (5674)

އޮނުފޭރާމުގައި މެދުމިން އިޚްތިޔާރު ކުރުން.

ސިޔާސީ ލީޑަރެއްގެ ޙައިސިއްޔަތުން ވަކި ޚާއްޞަ އޮނުފޭރާން ތިމާގެ އަމިއްލަ ނަފުސަށްޓަކައި އިޚްތިޔާރުކުރުން ނުވަތަ ޕާޓީގެ މީހަކަށް ދޭންޖެހުމަކީ ކުރަންޖެހިދާނެ ކަމެކެވެ. ނަމަވެސް އެފަދަ ވަޤުތުގައި ވެސް އެޚަރަދުގައި ކާމިޔާބު ލިބިގަތުމަށް ބޭނުންވާނަމަ އޮންނާނީ މެދުމިނުގެ މަގުގައި ހިފެހެއްޓުމެވެ.

مسلم ން އޮނު ފޭރާން ލުމުގައި މެދުމިން އިޚްތިޔާރު ކުރެއެވެ. އެކަމުގައި އިސްރާފު ކުރުމަކީ އިސްލާމްދީން މަނާކުރައްވާފައިވާ ކަމެކެވެ. އޮނުފޭރާން ލުމުގައި ބޮޑާކަމާއި ތަކައްބުރުވެރިކަން ހާމަވާ ގޮތަށް ޖަރީކުރެވިފާ ހުންނަ ހެދުން އެޅުމަކީ މަނާކަމެކެވެ. ކީރިތި ރަސޫލާ ﷺ حديثކުރެއްވިއެވެ. "މީހަކު ކަންދެއްކުމުގެ ހެދުމެއް އަޅައިފިނަމަ ﷲ ގިޔާމަތް ދުވަހު އެމީހަކަށް އެފަދަ ހެދުމެއް އެޅުއްވޭނެއެވެ. އެއަށްފަހު އެމީހަކު ނަރަކަޔަށް އެއްލައިލެވޭނެއެވެ." (އަބޫދާއޫދު-4029، އިބްނު މާޖާ-3607، އަލްބާނީގެ ޞަޙީހް -6526)

ދަންނައެވެ. އެ حديثގެ މާނައަކީ مسلم އިން ވީހާވެސް ދެރަ ނިކަމެތި ހެދުން އަޅަން ޖެހޭނެ ވާހަކައެއް ނޫނެވެ. އޭގެ މުރާދަކީ مسلمން ހެދުންއެޅުމުގައި އޭގެ ކުލައަށާއި އޭގެ ފެންވަރު ބަލައި މެދުމިން اختيار ކުރުމެވެ. ހަރު ބަހެއްގައި ވެއެވެ. "މޮޔައިންނަށް ހަޖޫނުކިޔޭ ގޮތަށް އަދި ބުއްދީގެ އަހުލުވެރިންނަށް އައިބު ނުކިޔޭގޮތަށް ހެދުން އަޅާށެވެ."

މަސައްކަތް ކުރުމާއި އަރާމްކުރުމުގައި މެދުމިން އިޚްތިޔާރުކުރުން

ސިޔާސީ ލީޑަރުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ސިޔާސީ މަސައްކަތް ކުރުމުގައި މެދުމިން އިޚްތިޔާރުނުކުރުމެވެ. އެހެންކަމުން ޖޫން ޖުލައިގައި ކަނޑު ގަދަވާގޮތަށް މަސައްކަތް ފަށައިފައި ދެން ޚަބަރެއްނުވެ ދިގުލައިގެން ގޮސް ކަތިވަޅި ގެއްލި ކޮށި ދަނޑުވެސް ގެއްލިދެއެވެ.

مسلمން މަސައްކަތް ކުރުމާއި އަރާމުކުރުމުގައި މެދުމިން އިޚްތިޔާރު ކުރަން ޖެހޭނެއެވެ. އެގޮތުން ހަށިގަނޑަށް ގެއްލުންވާ ވަރަށް ނުވަތަ ތިމާގެ މައްޗަށް ވާޖިބު ވެގެންވާ އަޅުކަންތައް އަދާ ކުރުމުގެ މައްޗަށް ނޭދެވޭ އަސަރު ކޮށްފާނެ ދަރަޖަ އަކަށް ނުވަތަ ތިމާ އަދާކުރަން ޖެހޭ حقތަކަށް ހުރަސް އެޅޭގޮތަށް މަސައްކަތުގައި ބުރަކޮށްއުޅުމުން ދުރުހެލިވެ އުޅުމާއި އަރާމުކުރަން ޖެހޭ ވަގުތު ތަކުގައި އަރާމު ކުރަން ޖެހެއެވެ. އެހެނީ مسلمން ގެ ވަގުތަކީ އަގުބޮޑުވެގެންވާ އެއްޗެކެވެ. އެހެންކަމުން އެއަށް ރައްކާތެރި ވާން ޖެހެއެވެ. އަދި ފައިދާ ހުރި ގޮތުގައި އޭގެ ބޭނުން ހިފަން ޖެހެއެވެ.

ވާހަކަ ދެއްކުމުގައި މެދުމިންވަރެއް އިޚްތިޔާރު ކުރުން

ސިޔާސީ ވާހަކަ ދެއްކުމުގައި މެދުމިން އިޚްތިޔާރުކުރަން ޖެހެއެވެ. ސިޔާސީ ލީޑަރުން ކަމިޔާބު ހާސިލުކޮށް ގަތުމަށް ޓަކައި ބޭނުންކުރަންޖެހޭ އެއް އުކުޅަކީ ސިޔާސީ އެހެނިހެން މީހުންގެ ވާހަކަ ދެއްކުމުގައި މެދުމިން އިޚްތިޔާރުކުރުމެވެ. އެގޮތުން އެއްވެސް މީހެއްގެ ޒާތީ ކަންތަކަށް އިޝާރާތްކޮށް ވާހަކަ ނުދެއްކުމެވެ. އަދި ޕާޓީތަކަށާއި މީހުންގެ ނަން ބޭނުންކޮށްގެން މައްސަލަ ހުށަހެޅުމުގެ ބަދަލުގައި ސީދާ އެމައްސަލަ ފާހަގަކޮށް މަޞްލަޙަތާ ގުޅުވައިގެން ވާހަކަ ދެއްކުމެވެ. އަދި ޕާޓީއަކުން ކުރި ނުވަތަ ސިޔާސީ ލީޑަރަކު ކުރި ކަމެއްގެ މައްސަލައިގެ މައްޗަށް ވާހަކަ ދެއްކުމުގެ ތެރޭގައި އެކަމެއް ދަލީލުތަކާއި ހެކިތަކުން ގޯސްކުރާ ވަޤުތު އެނެއްކޮޅުން އެ ޕާޓީއަކުން ނުވަތަ އެލީޑަރަކު ކޮށްފައިވާ ކޮންމެވެސް ރަނގަޅު ކަމަކަށް ވެސް އިޝާރާތް ކޮށްލުމެވެ.

مسلم ން ބޭކާރު ވާހަކަ ދެއްކުމުން ރައްކާތެރިވާން ޖެހެއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. "މާތްللَّه ރުއްސުންލެއްވި جابر ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ތިމަންރަސޫލާގެ ގާތުގައި އެންމެ ލޯބިވެތިކަން ބޮޑުވެފައި އަދި قِيامة ދުވަހުން ތިމަންކަލޭގެފާނާ އެންމެ ކައިރީގައި ވާނެ މީހަކީ ތިޔަބައިމީހުންގެ ތެރެއިން އަޚްލާޤް އެންމެ ރީތި މީހުންނެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ތިމަންރަސޫލާގެ ގާތުގައި އެންމެ ރުޅިވެތިކަން ބޮޑުވެފައި އަދި قِيامة ދުވަހުން ތިމަންކަލޭގެފާނާ އެންމެ ދުރުގައި ވާނެ މީހަކީ ތިޔަބައިމީހުންގެ ތެރެއިންވާ ދުލުގެ ބަސްތައް މާގިނަ މީހުންނާއި އަދި (ވާހަކަ ދެއްކުމުގައި ތިމާގެ ދުލުގެ ފަސޭހަކަމާއި ބަސް މޮށުންތެރިކަން ދެއްކުމުގެ ގަސްތުގައި) ގަޔަށް ބާރުލާފައި ވާހަކަ ދައްކާ މީހުންނާއި އަދި ތަކައްބަރުވެރިވާ މީހުންނެވެ. އެބޭކަލުން ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ. (ތިޔަބަސްފުޅުގައި ވިދާޅުވެލެއްވި) الثَرْثَارُونَ ގެ ލަފްޒުގެ މާނައާއި المُتَشَدِّقُونَ ގެ ލަފްޒުގެ މާނަ ތިމަންމެނަށް އެބައެނގެއެވެ. ނަމަވެސް المُتَفَيْهِقُونَ ގެ މާނައަކީ ފަހެ ކޮބައިތޯއެވެ؟ حديث ކުރެއްވިއެވެ. المُتَفَيْهِقُونَ އަކީ ތަކައްބަރު ވެރިވާމީހުންނެވެ. (އަބޫދާއޫދު- 2018، އަލްބާނީގެ ޞަޙީހް -791)

އަދިވެސް އެصحابى (އެބަހީ މާތްالله ރުއްސުންލެއްވި ابوهريرة)ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حديث ކުރެއްވެވިއެވެ. الله އާއި آخرة ދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ ފަހެ އެމީހާގެ مهمانށް ކަމޭހިތާ ހުއްޓެވެ. އަދި الله އާއި آخرة ދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ ފަހެ އެމީހާގެ ގާތްތިމާގެކަމުގެ ގުޅުން ބަދަހިކުރާހުށްޓެވެ. އަދި الله އާއި آخرة ދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ ފަހެ ހެޔޮ ވާހަކަދައްކާހުއްޓެވެ. ނުވަތަ ހަނު ހުންނަ ހުއްޓެވެ. (ބުޚާރީ-މުސްލިމް)

ވާހަކަ ދެއްކުމުގައި މެދުމިން އިޚްތިޔާރު ކުރުމަކީ ހަލާކުގެ ތެރެޔަށް ވެއްޓިގެން ދިޔުމުން ސަލާމަތްވާ ކަމެކެވެ. ބުނެވެއެވެ. އެންމެ ރަނގަޅު ވާހަކަ އަކީ މަދުވެފައި އޭގެ މާނަ ފުން ވާހަކައެވެ. ހެޔޮކަމާއި ތަޤުވާގެ މަގުން ދެއްކެވޭ ވާހަކަ ފިޔަވައި އެހެން ވާހަކަ ތަކަށް މަގުފަހިކޮށްދީގެން ނުވާނެއެވެ.

ކަންކަމުގައި މެދުމިން އިޚްތިޔާރުކުރުމުން ލިބޭ ފައިދާ.

  • އެއީ އެ މީހަކަށް الله ގެ ރުއްސެވުން ހާސިލުވެ އަދި މީސްތަކުންގެ ރުހުން ލިބުމަށް މަގުފަހިވާ ކަމެކެވެ.
  • އެއީ نبي ބޭކަލުންގެ أخلاق ން ސިފަލިބެވޭ ކަމެކެވެ.
  • އެއީ حياةގެ އެންމެހައި ކަންތައްތައް ބަރާބަރަށް ނިމިގެން ދިޔުމަށް މަގުފަހިވާ ކަމެކެވެ.
  • އެއީ قيامة ދުވަހުގެ حساب ލުއިވާ ކަމެކެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.