23:00
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަދި އޭވިއޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަމުން އަންނަ އަހުމަދު ފަޔާޒު (ދިގުފަޔާ) ވަރަށް ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެއެވެ. ރީޖަނަލް އެއާޕޯޓްސްގައި މަސައްކަތް ކުރާ ފަޔާ ނިޔާވިއިރު ހުރީ އޮފީހުގެ މަސައްކަތެއްގައި ހޯރަފުށީ އެއާޕޯޓުގައެވެ.
އުމުރުން 49 އަހަރުގައި ފަޔާ ނިޔާވިއިރު ދެ އަނބިންނާއި ފަސް ކުދިން އެބަތިއްބެވެ.
އިސްކޮޅުން ދިގު ފަޔާ ވަނީ 1989 އިން 2001 އާ ހަމައަށް އެންމެ މަތީ ފެންވަރުގައި ވެލެންސިއާ އާއި ޔޫތަށް ބާސްކެޓް ކުޅެފައެވެ.
ފަޔާއާއެކު ވެލެންސިއާ އަށާއި ޔޫތަށް ބާސްކެޓް ކުޅެ އަދި ފަހުން ބާސްކެޓް އެސޯސިއޭޝަން ހިންގެވުމުގައި އިސް ރޯލެއް އަދާކުރެއްވި އަބްދުﷲ އާމިރު ވިދާޅުވީ "ގެއްލިގެން އެ ދިޔައީ މޮޅު ކުޅުންތެރިއެއް އަދި ގާތް އެކުވެރިއެއް" ކަމަށެވެ. (މ. ޖޯޖިޔާ ފަޔާ އާއި މ. ރުބިކަން އަބްދުﷲ އާމިރުގެ ގެ ހުންނަނީ ޖެހިޖެހިގެންނެވެ.)
"ވަރަށް ގާތް މީހެއް އަބަދުވެސް ފަޔާއަކީ. ކުޑައިރުއްސުރެ އެއްކޮށް އުޅެމުން އައިސް އެއްކޮށް ކުޅެވެސް ހެދީ. މިހާރު ވެސް އަބަދުވެސް ކޮފީ އަށް ގޮސް ހަދަން،" އަބްދުﷲ އާމިރު މިރޭ ވިދާޅުވިއެވެ.
We are greatly saddened to hear about the passing of our former Deputy Chief Officer, Airport Emergency Services Ahmed Fayaz (Faya) on 8 September 2021. May Allah grant him Jannatul Firudaus. Our thoughts and prayers are with his family during this difficult time. pic.twitter.com/eGn9rwFBg7
— Maldives Airports Company Ltd – MACL (@MACLmedia) September 8, 2021
ފަޔާއަކީ އަލިފާން ނިއްވާ މީހެއްގެ ގޮތުގައި އެއާޕޯޓްސް ކޮމްޕެނީގައި 31 އަހަރު ވަންދެން ހިދުމަތްކުރި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ފަޔަރ ފައިޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ދާދި ފަހަކުން ރީޖަނަލް އެއާޕޯޓްސް އަށް ބަދަލުވެފައި ވެސް އެ ތަނުގައި ވެސް ބަލަހައްޓަމުން އަންނަނީ އަލިފާން ނިއްވުމާ ބެހޭ ބައެވެ. ހޯރަފުށީގައި ހިންގާ ފަޔަރ ފައިޓިންގެ ކޯހެއްގައި ކިޔަވައިދިނުމަށް ފަޔާ އެ ރަށަށް ދިޔައީ އިއްޔެ ހަވީރެވެ.
"މިރޭ ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން އުޅުނު. ފަހުން ބެލިއިރު ކޮޓަރިތެރެއަށް ވެއްޓިފައި އޮތީ. ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ނިޔާވެފައި،" ފަޔާގެ ކުއްލި މަރާ ބެހޭ ގޮތުން އޭނާގެ އެކުވެރިއަކު ބުންޏެވެ.
ފަޔާގެ ޖަނާޒާ މާދަމާ (9 އޯގަސްޓް)ގެ މެންދުރު ނަމާދަށްފަހު އާސަހަރާގައި ބޭއްވުމަށްޓަކައި އޭނާގެ ހަށިގަނޑު މިރޭ ދަންވަރު މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
One Response
انالله وانااليه راجعون
اللهم اغفرله ورحمه اللهم ثبته عندالسؤال فى القبر ويوم القيامة. امين! يارب العالمين!ثم امين!
މާތް الله މަރުހޫމުގެ ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި! امين!