Support Us

"ޝަހީބު މީޑިއާ"އިން 2019 ގައި ހިންގި ނޫސްވެރިން ތަމްރީނުކުރުމުގެ ކޯހުގެ ބައިވެރިއަކަށް އިމާދު ލަތީފު ސެޓްފިކެޓް ދެއްވަނީ -ފޮޓޯ: ޝަހީބު މީޑިއާ/އެފްބީ

ތަޖުރިބާކާރު ނޫސްވެރީންތަކެއް ކިޔަވައިދޭ ނޫސްވެރިކަމުގެ ކޯހެއް މި މަހު 15ގައި ފަށަނީ

ވަރަށް ތަޖުރިބާކާރު ނޫސްވެރީންތަކެއް ކިޔަވައިދޭ، ނޫސްވެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ ކޯހެއް މި މަހު 15 ގައި ފަށަން ހަމަޖައްސައިފިއެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ "ނޫސްވެރިން ތަމްރީނުކުރުމުގެ ކޯސް" އަކީ "ޝަހީބު މީޑިއާ"ގެ ފަރާތުން އިންތިޒާމްކޮށްގެން ހިންގާ ކޯހެކެވެ.

"ޝަހީބު މީޑިއާ" އަކީ ނޫސްވެރިން ތަމްރީނު ކުރުމާއި ނޫސްވެރިކަމުގެ ކޮންސަލްޓެންސީ އާއި މާކެޓިން އަދި ޕްރޮމޯޝަންގެ ހިދުމަތް ދިނުމަށް، މީޑިއާ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ، ހަވީރު އޮންލައިންގެ ކުރީގެ އެޑިޓަރު އަދި "ހުވާސް"ގެ ކުރީގެ އެޑިޓަރު މުހައްމަދު ޝަހީބު މީގެ 10 އަހަރު ކުރިން އުފައްދަވައިފައިވާ ތަނެކެވެ. މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވައިފައިވާ ޝަހީބެވެ.

ލެކްޗަރަރުންގެ ގޮތުގައި މި ކޯހުގައި ކިޔަވައިދެއްވާނީ ވެސް ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލްކުރައްވައިފައިވާ ތަޖުރިބާކާރު ނޫސްވެރީންނެވެ. އޭގެ ތެރޭގައި "މިހާރު"ގެ ކުރީގެ އެޑިޓަރު މޫސާ ލަތީފާއި "ވަން އޮންލައިން"ގެ ސީ.އީ.އޯ އަދި އެޑިޓަރު ސިނާން އަލީ އާއި "މިހާރު"ގެ އެޑިޓަރު އިސްމާއިލް ނަސީރާއި މޮންދު ޕްރޮޑަކްޝަންގެ ސީ.އީ.އޯ މުހައްމަދު އާސިފު (މޮންދު) އާއި ރާއްޖެ ޓީވީގެ ނިއުސް ކޮންސަލްޓަންޓް، އިމާދު ލަތީފުގެ އިތުރުން ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ ފަރެސް މުހައްމަދު އާމިރު ހިމެނެއެވެ.

ޖީސީއީ އޯލެވެލް ހަދައިފައިވާ ދަރިވަރުންނާއި ނޫސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ ޒުވާނުންނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މި ކޯހުގައި، ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ރިޕޯޓް ލިޔާނެ ގޮތްތައް ކިޔަވައިދޭނެ ކަމަށް "ޝަހީބު މީޑިއާ"ގެ ޗެއާމަން އަދި ސީ.އީ.އޯ މުހައްމަދު ޝަހީބު ވިދާޅުވި އެވެ. އަދި ނޫސްވެރިކަމުގެ އަޚުލާގާ ބެހޭ ގޮތުންނާއި، ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ އަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށް ތަގުރީރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޝަހީބު މީޑިއާ"އިން 2019 ގައި ހިންގި ނޫސްވެރިން ތަމްރީނުކުރުމުގެ ކޯހުގައި ސިނާން އަލީ ކިޔަވައިދެއްވަނީ -ފޮޓޯ: ޝަހީބު މީޑިއާ/އެފްބީ

މި ކޯހުން މަތީ ދަރަޖައިގައި ފާސްވާ ފަރާތްތަކަށް މީޑިއާގެ އެކި ތަންތަނުން ވަޒީފާގެ ފުރުސަތު ތަނަވަސްވެފައިވާ ކަމުގައި ވެސް ޝަހީބު ވިދާޅުވިއެވެ.

ސެޕްޓެމްބަރު 15-29 އަށް ކުރިއަށް ގެންދާ މި ކޯހުގެ ފީއަކީ 2،000ރ އެވެ. ކޯހުގައި އާންމުކޮށް ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދު އަދަދެއްގެ ޖާގަ ކަމަށްވާތީ، ކޯހުން ފުރުސަތު ލިބޭނީ "ޝަހީބު މީޑިއާ" ހޮޓްލައިން 9934333 އަށް ނަމާއި އައި.ޑީ.ކާޑު ނަންބަރު ފޮނުވައިގެން އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށް "ޝަހީބު މީޑިއާ" އިން ބުނެއެވެ.

މި ކޯސް ކުރިޔަށް ގެންދާނީ ރޭގަނޑު 08:00 އިން 10:00 އަށް އަހުމަދިއްޔާ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައެވެ.

ޝަހީބު މީޑިއާއިން ވަނީ މީގެ ކުރީން ވެސް ނޫސްވެރިކަމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައިފައެވެ. އެ ގޮތުން އައްޑޫ އާއި މާލެ އާއި ކުޅުދުއްފުށީގައި ވެސް ވަނީ ކޯސްތައް ހިންގައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *