Support Us

ޅެމަކީ…

ވަޒަނަކަށް ފެތި އެމުނިގެން ދާ ލުއި އޮމާންވީ އެއްޗެކޭ
ނަޒަރަކުން ތަސްވީރު ކުރުވައި، މާނަފުންވީ ބަސްތަކޭ

ވަނދުކަމާ ޣަފުލަތުގެ ސިޙުރުން ނަފުސު ހޭލައްވާލަމުން
ޞަދުރަކާ ޢަޖުޒެއްގެ މައްޗަށް އެކުލެވޭ މާތް ގެތުމެކޭ

ގުޅި އެކީގައި މާމަލުން އަތަރާ ޝަޛާ ހިލަމުން އެއިން
މުޅި ފަޒާގައި މީރު ވަސްތައް ފަތުރަދޭ ފޮނި ހުވަނދެކޭ

ފޮރުވ‏ިފައިވާ ސިއްރުތައް ދީލާލުމަށް އެދިގެން ނިކަން
ތޮރުފަމުން ހިތް ތީރުހެން ދާ ތޫނުވީ ހަތިޔާރެކޭ

އޭގެ ޖާދޫގައި ކިޔާ އެންމެން އެކީ ޖައްސާ ހަދާ
ލޭގެ ހިނގުމާ މޭގެ ވިންދާ ހުއްޓުވާ މޮޅު ސިޙުރެކޭ

ހިއްސުތަކުގައި ފިރުމަމުން ހުރެ ޖަޒުބަތާ ދޯޅުމެ ވަމުން
ތިއްތިކަށް ކަރުނައިގެ ވާރޭ ވެއްސަވައިދޭ އަޘަރެކޭ

ކަޅުކަމާ އަނދިރީގެ ތެރެއިން މަގު ސަލާމަތު ދައްކަވާ
ފަޅުކަމާ ނާމާން ކަމާ ފަނޑު ކޮށްލަދޭ އޭ އައްޔެކޭ

​އޮޅި އެކީ މިސްރާބު ދާނަމަ ގަދަ އޮޔާ އެކު ވާރެޔާ
ކޮޅިގަނޑުން ނެއްޓެން އެހީވާ އޭ ލަކުޑި ހުންގާނެކޭ

އުނިކަމެއް ނުމެވާނެހެން ހެއްވައިލަދީ ހަދަމުން މިތާ
މުނިއަވަސްކަން ފިލުވަދޭ ހެޔޮ އޭ ނިކަން ގާތް މިތުރެކޭ

ދުނިޔަވީ ގިނަގުނަ މަނާސިޤުތައް އެކީ ހުޅުވައިލަމުން
ދުނިޔަވީ ފެށުމާއި ނިމުމާ އެކުލެވޭ މާތް ދިރުމެކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *