Support Us

ވަރައެއް ހުއްޓަސް ނެތްތާ ވަރެއް

އުދުހިލަން ބޭނުން ވިޔަސް ނެތުމުން ވަރައިގައި ބަލަ ވަރެއް
އުދުހެވޭނީ ކިހިނަކުން އަމުދުން ނެތިއްޔާ ހިތްވަރެއް

ގޮސްލުމަށް ޕެރިހުގެ ޓަވަރުތައް ދެކި އެތާ ދުއްވަން ހަވީރު
ގަސްތުކުޅަޔަސް ނެތް ދެވޭކަން އަތު ނެތިއްޔާ ފަންވަރެއް

ރަސްމުތައް އެ ހިނގާ ސަގާފީ އާދަތައް އެކި ތަންތަނުން
ރަސްކަމުގެ ޝާހިއްޔަތެއް ފެނުމެއް ނެތޭ ނެތި ހިތު ވަރެއް

ލަންޑަނާ ލޮސްއެންޖެލިސް ކެލްފޯނިޔާ ދިޔަރެސްތަކުން
ފަންނުތައް ފެނުމެއް ނެތޭ ލޮލުގައި ނެތިއްޔާ ވިދުވަރެއް

އަންދަލުސްގެ މަޒާރުތައް ބާބިލްގެ ފަރި ގުލްފާމުތައް
ލަންޑަނުގެ ދާލަން ބަލަން ނުދެވޭނެ ނެތިއެއް ބުންވަރެއް

މިސްރު ބިޔަ އަހުރާމުތައް ދިގު ފާރު ސީނުގެ ދެކިލުމަށް
ވިސްނިޔަސް ނުދެވޭނެޔޭ ފައިގައި ނެތިއްޔާ ބަލަ ވަރެއް

ތާޖުމަހެލާ ނީލަކޯރާ އެންމެ ރީތި ނިޝާތުބާޣް
އާދެ ދެކިލާ ހިތް ވިޔަސް ނުދެވޭނެ ނެތި މާލީ ވަރެއް

އެންމެ އުސް ފަރުބަދަތަކަށް އަދި އެންމެ އުސް އެ ޓަވަރުތަކަށް
ފެންނަ ހެން ހުއްޓަސް އެހެން އެރިދާނެބާ ނެތި ފަންވަރެއް

ގަސްތުކުޅަޔަސް ރަސްކަމެއް ތަޚުތާއި ތާޖަށް ދީ ނަޒަރު
ރަސްކަލެއް ކަމުގައި ވެވޭހޭ ބޮލުތެރޭ ނެތި ހިތްވަރެއް

ބަދަލުތައް އެކި ކުލަތަކާ ނެރުނަސް އަމިއްލަވި ހައިބަތާ
އަޖަލު ޖެހިދާ ވަގުތު އައުމުން ނެތިދެޔޭ ހުރިހައި ވަރެއް

ބުނި މިބަސް ނުކުރާތި ދޮގު އަޝްރަފް މިއީ ދުނިޔޭގެ ހާލް
މުނިއަވަސް ވެސް ނެތެ ފިލާކަށް ނެތި ރަނގަޅު ހެޔޮ އިރުވަރެއް

މީ އުސޫލޭ މީ ހަގީގަތެ މީ ދުނިޔެ އިއްވާ ނިދާ
މީގެ ހެޔޮ އިބުރަތްތަކަށް ނޭގޭ ތަބާވާން ނެތި ވަރެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *