Support Us

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުން މިއަދަށް މެދުކަނޑާލައިފި

ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް، ދިމާވި ޓެކްނިކަލް ސަބަބަކާ ހެދި މިއަދަށް މެދުކަނޑާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ހިމެނޭ ޓަވަރުތަކުގެ ތެރެއިން މިއަދު ގުޅުން ދޭން ނިންމާފައިވާ 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް، އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

"އެޗްޑީސީން މިހާރު ގެންދަނީ ކޮންޓްރެކްޓަރު މެދުވެރިކޮށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން. މި ދެންނެވި ދެ ޓަވަަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އެންގިގެންދާނެ،" ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ކޮށްފައިވާ ތާވަލާ އެއްގޮތަށް ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދެމުން އައިސް މިހާރު ވަނީ 7، 8، 11 އަދި 12 ވަނަ ޓަވަރަށް ގުޅުން ދީފައެވެ. މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ 3 އަދި 4 ވަނަ ޓަވަރުގެ މަސައްކަތެވެ.