...

Support Us

އަހަރުމެން އެދޭ ފަތިހުގެ އިރު އަދި އަރާނެއެވެ.

މިއީ "ވޯ ސުބަހް ކަބީތޯ އާއޭގީ" މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މީގެ 63 އަހަރު ކުރިން، 1958 ގައި ނިކުތް "ޕިހރް ސުބަހް ހޯގީ" (ފަތިސް އަދި އަންނާނެއެވެ)، މި ފިލްމުގެ ލަވައެކެވެ. މި ލަވައަކީ މަޝްހޫރު ހިންދީ/ އުރުދޫ ޝާއިރު، ސާހިރު ލުދިއާންވީ، ހަމަ މި ސުރުޚީގެ ދަށުގައި ލިއުއްވާފައިވާ ޅެމަކުން ނެގި އެކުލަވާލެވިފައިވާ ލަވައެކެވެ.

މި ޅެމުގައި ޝާއިރު ފާޅުކުރައްވާފައިވަނީ އޭނާގެ ގައުމުގެ އުދަރެހުން މުޅީން އާފަތިހެއްގެ އިރެއް އެރުމުގެ އެދުމެއްގެ ވާހަކައެވެ. އަމިއްލަ ގައުމަށް ހެޔޮ ބަދަލުތަކެއް އައުމަށް ކުރެވޭ އުއްމީދެއްގެ ވާހަކައެވެ. ތަނަވަސް، އުފާފާގަތި ދިރިއުޅުމެއް، ގައުމުގެ އެންމެން ހިއްސާކުރާނޭ ދުވަހެއް އަންނާނޭކަމުގެ ވާހަކައެވެ.

މި އާ ފަތިހުގެ އިރު އެރުމަށް އޮތް ހުރަސްތަކުގެ ވާހަކަ، ޅެމުގައި، ޝާއިރު ބަޔާންކުރައްވައެވެ. އޭގެ ތެރޭގައި މުޖުތަމައުގައި ފެތުރި އަށަގެންފައިވާ ބައެއް ނުރަނގަޅު ކަންތައްތައް ހިމެނެއެވެ. އިންސާނުންނަށް އިހުތިރާމާއި ގަދަރުކުރުން ބިނާވެފައި އޮންނަނީ، ހަމައެކަނި، އެމީހުންގެ އަތުގައިވާ މުދަލާއި ފައިސާގެ ބަރުދަނުގެ މައްޗަށް ބަލައިގެންކަމަށް ވުމެވެ. އެއްބަޔަކު ފައިސާގެ ތަނަވަސްކަމުގެ ތެރޭގައި އުދުހޭއިރު، އަނެއްބަޔަކު ވަޒީފާއެއްނެތި ބަނޑުހައި ހޫނުކަންމަތީ، އެމީހުންގެ ހަޔާތް ވޭތުކޮށްލަން ޖެހިފައިވާކަމެވެ. އެންމެ ކުޑަވެގެން، ފަރުދީ މީސްތަކުންގެ އަސާސީ ބޭނުންތައް ފުއްދޭނޭ ގޮތްވެސް ނެތިފައިވާކަމެވެ. ބަނޑުފުރާނަމުއްތިކުރުމާއި، އުނުފޭރާން ހޯދުމާއި، ބޯ ހިޔާކުރުން ފަދަ އަސާސީ ބޭނުންތަކެވެ. އަންހެނުން، އެމީހުންގެ އިއްފަތް ވިއްކާލަން، މަޖުބޫރުކުރުވާ ހާލަތްތައް މުޖުތަމައުގައި އޮތްކަމެވެ. ތިމާގެކަމާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ކަނޑައި، ތިމާގެ އަމިއްލަ ޒަމީރު އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ވިއްކައި، ފަސާދައިގެ ސަގާފަތެއް، މުޖުތަމައުގައި ފެތުރި އަށަގެންފައިވާކަމެވެ.

ޝާއިރު ދެކިލައްވާ އާ ފަތިހުގެ އިރުއަރާނީ، މުޖުތަމައުގެ މިފަދަ ނުރަގަނޅު ކަންތައްތައް ނެތިކޮށްލައިގެން ކަމަށް އޭނާ ބަޔާންކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި މިފަދަ ކަންކަމީ، މުޅި މުޖުތަމައު، އެކަންކަމާ މެދު ލަދުގަނެ، އިސްޖަހަންޖެހޭނެ ކަންކަމެވެ. އާދެ، މުޅި މުޖުތަމުއު ހަށިފޮޅާލައި، އެކަންކަމުން ވީއްލިގަންނަންޖެހޭނެ ކަންކަމެވެ. މުޖުތަމުގެ އަފުރާދުން އެކަންކަމާއި ފޭވެ، ވީހާ ވެސް ދުރަށް ދާންޖެހޭނެ ކަންކަމެވެ. އަދި މީގެ އިތުރުން ކުރެވެން ޖެހޭނެ ބައެއް އެހެން ކަންކަންވެސް ޝާއިރު ފާހަގަކުރައްވައެވެ. ކުށެއްނެތި ހައްޔަރުކުރެވިފައިވާ ގައިދީން ޖަލުތަކުން ދޫކޮށްލެވުމެވެ. ސަރުކާރުތައް ހިންގާލުމަށްޓަކައި، އަދި އިދިކޮޅު މީހުން ބަންދުކޮށްފައި ބައިތިއްބާނޭ ޖަލުތަކުގެ ބޭނުން ނެތި ދިއުން ފަދަ ކަންކަންވެސް މެއެވެ.

އޭނާ ދެކެވަޑައިގަންނަވާ ފަތިސް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް ޝާއިރު ބަޔާންކުރައްވައެވެ. ގައުމު، މިހާރު، ދަތުރުކުރަމުންދާ ރާސްތާ ބަދަލުކޮށްލައި މުޅިން އާ ބިންގާއެއްގެ މަތީގައި ގައުމު ބިނާކުރުމުގެ މަސައްކަތެވެ. އާދެ، މީހުންގެ ވިސްނުމާއި ފިކުރު ބަދަލުކޮށް، އަޚުލާގީ އަގުތަކާއި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅި ގާއިމުކުރުމުގެ މަސައްކަތެވެ. އެތައް ޒަމާންތަކެއްވަންދެން މިމަސައްކަތުގައި އުޅެ، ބައެއް މީސްމީހުންވަނީ އެމީހުންގެ ހަޔާތް ގުރުބާންކޮށްލާފައިކަން ޝާއިރު ފާހަގަކުރައްވައެވެ. ޝާއިރުގެ ވާހަކަކޮޅު ނިންމާލައްވަނީ، އޭނާ ދެކެވަޑައިގަންނަވާ މި އާ ފަތިސް ގެނެވޭނީ، އާދެ، ގައުމުގެ ހުރިހާ ފަރުދުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ލިބިދޭނޭ ފަތިސް، ގެނެވޭނީ، މި މަސައްކަތް ހުއްޓުނަނުދީ ކުރިއަށް ގެންދެވިގެންކަން ފާހަގަކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *