Support Us

ވާތްތެރީންގެ ޢާލަމީ ދުވަސް

މިއަދު، 13 އޮގަސްޓަކީ ވާތްތެރީންގެ ޢާލަމީ ދުވަހެވެ. އެއީ ދުނިޔޭގައި އުޅޭ ވާތްތެރީން އެމީހުންނާއެކު މި ދުނިޔެ ޙިއްސާ ކުރާ ކަނާތްތެރީންގެ މަތިން ހަނދާން ނައްތާލައި ދުވަހެވެ.

ތަފާސްހިސާބުތައް ބުނާގޮތުގައި ދުނިޔޭގެ އާބާދީގެ 10 އިންސައްތަ އާއި 12 އިންސައްތައާ ދެމެދުގެ މީހުންނަކީ ވާތްތެރީންނެވެ.

ވާތްތެރި ޒަޢީމުން ދުނިޔޭގެ އާބާދީގެ ނިސްބަތުން ވާތްތެރީން މަދުނަމަވެސް ދުނިޔޭގެ މުހިއްމު ވަޒީފާތަކަކަށް އެމީހުން ވެސް ވަނީ އިސްކުރެވިފައެވެ. ފަހަކަށް އައިސް އެމެރިކާގެ ގިނަ ރައީސުންނަކީ ވާތްތެރީންނެވެ. އޭގެތެރޭގައި؛-
– ޖެރަލްޑް ފޯރޑް
– ޑޮނަލްޑް ރޭގަން
– ޖޯރޖް ޑަބްލިޔޫ ބުޝް
– ބިލް ކްލިންޓަން
– ބަރަކް އޮބާމާ ހިމެނިވަޑައިގަންނަވައެވެ.

އިނގިރޭސި ވިލާތަށް ބަލާއިރު ޑޭވިޑް ކެމަރޯނަކީ ވާތްތެރިއެކެވެ. އަދި ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ބޮޑުވަޒީރުކަން ކުރެއްވި މަޝްހޫރު ވިންސްޓަން ޗަރޗިލަކީ ވެސް ވާތްތެރިއެކެވެ. އިނގިރޭސި ވިލާތުގެ ރަސްކަން ލިބިވަޑައިގަތުމަށް ހަމަޖެހިފައިވާ އަމީރު ވިލިއަމަކީ ވާތްތެރިއެކެވެ. ހަވަނަ ޖޯރޖަކީ ވާތްތެރިއެކެވެ. އެހެނަސް އޭނާގެ ބައްޕާފުޅު 5ވަނަ ޖޯރޖް ކަނާތްޕުޅުން ލިޔުއްވަން އޭނާއަށް މަޖްބޫރު ކުރެއްވިއެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުޑަ ކުދީން ވާތް އިސްކުރާތަން ފެނުމުން ކަނާތަށް އިސްކަން ދިނުމަށް ހާނުވަން މަސައްކަތް ކުރާތަން ފެނެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ވާތް އިސްކުރުމަކީ ޠަބީޢީ ކަމެއްނޫނެވެ.

ވާތް ތާހިރެއް ނޫން

ދުނިޔޭގެ ގިނަ ބަޔަކު ދެކޭގޮތުގައި ވާތަކީ ސާފުތާހިރު އެއްޗެއް ނޫނެވެ. އިންޑިއާއާއި ޕާކިސްތާނާއި ބަންގްލަދޭޝާއި އިންޑޮނޭޝިޔާއާއި ނޭޕާލާއި މެދުއިރުމަތީގެ ޤައުމުތަކުގެ ސަޤާފަތް ދެކޭގޮތުގައި ވާތުން ކެއުމަކީ ނުވަތަ މީހަކު ދޭ އެއްޗެއްގައި ވާތުން ހިފުމަކީ ނުވަތަ މީހަކަށް ވާތުން އެއްޗެއް ދިނުމަކީ ރިވެތި އަދަބެއްނޫނެވެ. އެއީ ހަޑި ހުތުރު ކަމެކެވެ.

ބަސްތަކަށް ބަލާއިރު ވާތް ބަސްތަކަށް ބަލާއިރުގައި ވެސް ފެންނަނީ ވާތަށް ޤަދަރު ނުކުރާ ތަނެވެ. ފަރަންސޭސި ބަހުގައި ވާތްތެރިޔާއަށް ބޭނުންކުރާ (Gaucher) ގެ މާނައަކީ އާދަޔާ ޚިލާފު (Clumsy) އެވެ.

އިނގިރޭސި ބަހަށް ބަލާއިރު ވާތް (left) ގެ މާނައަކީ (ނިކަމެތި) ކަމަށް ބޯދާބަސް ފޮތް ބުނެއެވެ. ލެޓިން ބަހުގައި ވާތް (left) ގެ އިދިކޮޅަކީ (dexter) އެވެ. މި ބަސްގުޅިފައި ވަނީ ހުނަރުވެރިކަމާއި އިންސާފުވެރިކަމާއި ވަރަޢުވެރިކަން ފަދަ މާތް ކަންކަމާއެވެ. އިނގިރޭސި ބަހުގައި ކަނާތަށް ކިޔާ (right) ގުޅިފައި ވަނީ ޙައްޤާއި ރަނގަޅުކަމާއެވެ.

ޢަރަބިބަހުގައި ވާތްތެރިއާއަށް ކިޔަނީ (أَعْسَر) އެވެ. މި ބަސް އައިސްފައިވަނީ (عُسْر)ގެ މުލުންނެވެ. އޭގައި ހިމެނެނީ އުނދަގުލާއި ބުރައިގެ މާނަތަކެވެ. ވާތްތެރިއާއަށް ބޭނުންކުރާ (أَشْوَل) މި ބަސް އައިސްފައިވަނީ (شَلَل)ގެ މުލުންނެވެ. އެއީ ބާރުނެތުން ވާވުން ފަދަ މާނަތައް ހިމެނޭ ބަހެކެވެ.

މިއާ ޚިލާފަށް ކަނާތް (يَمِيْن) އައިސްފައިވަނީ (يُمْن) އިންނެވެ. ޔުމްނު އައިސްފައިވާ މުލަށް ބަލާއިރު އޭގެ މާނަތަކުގެ ތެރޭގައި ހެވާއި ބަރަކާތާއި ބާރު ހިމެނެއެވެ.

މިއިން ދޭހަވަނީ ތަފާތު ސަޤާފަތްތަކުގައި ވާތް ގުޅިފައި ވަނީ "ނުރަނގަޅު "ކަންކަމާކަމެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ވާތްތެރީންނަކީ "ސުންޕާ" ބައެކެވެ. ލެޓިން ބަހުން އިނގިރޭސި ބަހަށް އައިސްފައިވާ ސިނިސްޓަރގެ މާނައަކީ ވެސް "ނުލަފާ" ނޫންތޯއެވެ. ލެޓިން ބަހުން ސިނިސްޓަރ އަކީ ވާތެވެ. މެދު ޒަމާނަށް ބަލާއިރު ވާތްތެރީންނަކީ ޝައިޠާނާއާ ގުޅިފައިވާ މީހެކެވެ. އަދި އެފަދަ މީހުންނަކީ ޖާދޫގަރުން ކަމުގައި ވެސް ތުހްމަތު ކުރެވެއެވެ.

 

މުސްލިމުން ކަނާތަށް އިސްކަންދޭން ޖެހޭނެ ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކަށާއި ޢަމަލުފުޅުތަކަށް ބަލާއިރު އެކަލޭގެފާނު ރަނގަޅު ރިވެތި ކޮންމެ ކަމެއް ކުރައްވާފައި ވަނީ ކަނާތްޕުޅުންނެވެ. އެކަލޭގެފާނު ކުޑަކުއްޖަކަށް ކާންދަސްކޮށް ދެއްވަމުން ޙަދީސް ކުރެއްވިއެވެ. (يا بُنَيَّ فسَمِّ اللهَ، وكُلْ بيمينِك، وكُلْ مِمّا يليكَ-أخرجه أبو داود (٣٧٧٧)، والترمذي (١٨٥٧) وأحمد (١٦٣٨٣)- މާނައީ: އޭ ދަރިފުޅާއެވެ! ބިސްމި ކިޔައިގެން ކަނާތުން ކާށެވެ! އަދި ތިބާއާ ގާތުން ކާށެވެ!)

އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. އުއްމުލް މުއުމިނީން ޢާޢިޝަތުގެފާނު ވިދާޅުވިއެވެ. (أنَّ رسولَ اللهِ ﷺ كان يُحِبُّ التَّيامُنَ ما استطاع: في طُهورِه وتنَعُّلِه وترَجُّلِه – أخرجه البخاري (٤٢٦)، ومسلم (٢٦٨)- މާނައީ: ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ ޠާހިރުވެ ވަޑައިގަތުމުގައްޔާއި ފައިވާން ޖޯޑުކޮޅު ތުރުކުރެއްވުމުގައްޔާއި އިސްތަށިފުޅު އޮމާންކުރެއްވުމުގައި ވެވަޑައިގެން މިންވަރަކުން ކަނާތް ކިބަ އިސްކުރެއްވުމަށް ލޯބި ކުރެއްވިއެވެ.)

ތިންވަނަ ބަސްފުޅެއްގައި އައިސްފައި ވެއެވެ. (كان رسولُ اللهِ ﷺ يُحِبُّ التيامُنَ، يأخذ بيمينِه، ويْعطِي بيمينِه، ويُحِبُّ التيمُّنَ في جميعِ أمورِه- أخرجه النسائي (٥٠٥٩)– މާނައީ: ކީރިތި ރަސޫލާ ﷺކަނާތްޕުޅު އިސްކުރެއްވުމަށް ލޯބި ކުރެއްވިއެވެ. އެކަލޭގެފާނު އެއްޗެހީގައި ހިއްޕަވަނީ ކަނާތްޕުޅުންނެވެ. އަދި އެއްޗެހި ދެއްވަނީ ކަނާތްޕުޅުންނެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ކަނާތްޕުޅު އިސްކުރެއްވިއެވެ.)

އިސްލާންދީން އަޅުގަނޑުމެން މުސްލިމުންނަށް އިރްޝާދުދީފައިވަނީ ހުރިހާ ރަނގަޅު ކަމެއްގައި ކަނާތް އިސްކުރުމަށެވެ. ނުބައި ކަންކަމުގައި ވާތް އިސްކުރުމަށެވެ. އަޅުގަނޑުމެން ފާޚާނާއަށް ވަންނައިރު އިސް ކުރަން ވާނީ ވާތެވެ. ފާޚާނާއިން ނުކުންއިރު އިސްކުރާނީ ކަނާތެވެ. މިސްކިތަށް އަރާއިރު އިސްކުރާނީ ކަނާތު ފައެވެ. މިސްކިތުން ފައިބާއިރު އިސްކުރާނީ ވާތެވެ. ވުޟޫކުރާއިރު ވަކިވަކިން ދޮވެވޭ ކޮންމެ ގުނަވަނެއް ދޮންނައިރު އިސްކުރާނީ ކަނާތެވެ. ފިޤްހު ފޮތްތަކުގައި އަބަދުވެސް ކަނާތް ކިބަ އިސްކުރުމަކީ ސުންނަތެއް ކަމުގައި އައިސްފައި ވަނީ މިހެންވެގެންނެވެ.

(މިއަދުގެ މައުޟޫޢަކީ މި ކަމާ ބެހޭ ޚަބަރަކަށް ނުވާތީ މި ވަރުން ފުއްދާލާނަމެވެ. އެހެން ފަހަރަކުން މި މައުޟޫޢާ ބެހޭގޮތުން ތަފްޞީލަށް ދާނެ ވާހަކަ ދަންނަވަމެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *