Support Us

ޠާލިބާނުންނާ ހަނގުރާމަ ކުރުމަށް ޢާއްމު ރައްޔިތުންނަށް ހަތިޔާރު ދިނުމަށް އަފްޣާންގެ ރައީސް ނިންމަވައިފި

އަފްޣާނިސްތާނުގެ ވަރަށް ގިނަ ސަރަޙައްދުތަކަކަށް ޠާލިބާނުން ވެރިވެގަތުމާ ވިދިގެން ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ޢާއްމު ކުރުމަށް ޓަކައި ޢާއްމު ރައްޔިތުންނަށް ހަތިޔާރު ދިނުމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ރޭ ނިންމަވައިފިއެވެ.

ރައީސް ޣަނީގެ ރަސްމީ ތަރްޖަމާނު މުޙައްމަދު އަމީރީ އެމެރިކާގެ ބްލޫމްބަރގަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ޢާއްމު ރައްޔިތުން ތައްޔާރުކޮށް އެމީހުންނަށް ހަތިޔާރު ދިނުމަށް ރައީސް ޣަނީ ނިންމަވައިފިއެވެ. ރައީސް ޣަނީ މި ގޮތަށް ނިންމެވީ ޤައުމުގެ ޢަސްކަރީ އަދި ސިޔާސީ އިސް ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހުގައެވެ."

އަމީރީ ވިދާޅުވިއެވެ. "ޠާލިބާނުންނަކީ ޞުލްޙަ ޤަބޫލު ކުރާނެ ބައެއް ނޫނެވެ. އެމީހުން މަސައްކަތް ކުރަނީ ގަދަކަމުން ވެރިކަމަށް އިސްވެގަތުމަށެވެ."

ޞުލްޙަޔާ ބެހޭގޮތުން ދައުޙާގައި ބޭއްވެމުން އައި ވާހަކަދެއްކުންތަކުގެ އެންމެ ފަހު ބުރު ބޭއްވިފައި ވަނީ 17 ޖުލައިގައެވެ. ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައިވިޔަސް އޭގެފަހުން ވަނީ ވާހަކަ ދެއްކުމުގެ އިތުރު ބުރެއް ވަނީ ނުބޭއްވިފައެވެ.

އެކަހެރިކަން އިތުރުވެފައި

އެމެރިކާގެ މި ނޫސް އޭޖެންސީ ބުނާގޮތުގައި "އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއެކު ރައީސް ޣަނީ މިހާރު ވަނީ ވަރަށް ބޮޑަށް އެކަހެރިވެ ވަޑައިގެންފައެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި މިއާ ޚިލާފަށް ޠާލިބާނުންނަށް ދަނީ ޕާކިސްތާނާއި ރަޝިއާއާއި ޗައިނާ ފަދަ ޤައުމުތަކުން ޑިޕްލޮމެޓިކް އެހީ ވެސް ލިބެމުންނެވެ.

މި ނޫސް އޭޖެންސީ ބުނާގޮތުގައި މި ވަޅުގަނޑުން ރައީސް ޣަނީއަށް ސަލާމަތްވެ ވަޑައިގެންވެން އޮތީ ޠާލިބާނުންނާ ދެކޮޅު ހަދާ އެންމެހާ ބާރުތަކަށާއި މީހުންނަށް ހަތިޔާރު ދީގެންނެވެ. ނުވަދިހައިގެ އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތަށް އަފްޣާނިސްތާން ދެވަނަ ފަހަރަށް އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ. މި ދިޔަ ޖުލައި މަހު ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ ޠާލިބާނުންގެ ވަފްދަކަށް ދަޢުވަތު ދެއްވައިފައެވެ. މި ވަފްދާ ބައްދަލުކުރައްވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ އަފްޣާނިސްތާނަށް މުނާސަބު ސިޔާސީ ނިޒާމެއް ޤާއިމު ކުރުމަށް ޠާލިބާނުންނަށް ގޮވައިލެއްވިއެވެ.

އަނެއް ކޮޅުން ރަޝިޔާގެ ޚާރިޖީ ވަޒީރު ލެފްރޯފް ސިފަކުރެއްވިގޮތުގައި ޠާލިބާނުންގެ ޢުންޞުރުތަކަކީ "ވިސްނުންތޫނު ބޭފުޅުންތަކެކެވެ."

ސަލާމަތީ ޙާލަތު

ޕެންޓަގަންގެ ތަރްޖަމާނު ޖޯން ކަރބީ ހޯމަ ދުވަހު ވިދާޅުވިގޮތުގައި "އަފްޣާނިސްތާނުގެ ސަލާމަތީ ކަންތައްތައް ހިނގަމުންދަނީ ރަނގަޅު މިސްރާބަކާ ދިމާއަކަށް ނޫނެވެ." މިކަމާ ހެދި އެމެރިކާ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޠާލިބާނުންނާ ހަނގުރާމަ ކުރުމުގެ ބާރު ކާބުލަށް ލިބިފައި ވިޔަސް ޠާލިބާނުން މިހާރު ވަނީ އަފްޣާނިސްތާނުގެ ހަ ސަރަޙައްދެއްގެ ވެރިރަށްތައް ހިފައިފައެވެ.

ޠާލިބާނުންގެ ތަރްޖަމާނު ޛަބީޙުއްﷲ މުޖާހިދު ވިދާޅުވިގޮތުގައި ޠަލިބާނުން އަމާނެއް ނުދޭނެއެވެ. އިތުރު ސަހަރުތައް ހިފަމުން ޠާލިބާނުން ހަނގުރާމައިގެ މައިދާނުގައި ކުރިއަށްދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޞުލްޙައާ ބެހޭ ވާހަކަދެއްކުންތައް ނާކާމިޔާބުވެއްޖެނަމަ ކާބުލް ވެސް ހިފާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޣަނީބޭ….! ތިޔަކަމެއް ނުވާނެ. ތިޔައިރުން އެއްބަޔަކު އަނެއްބަޔަކަށް ހަމަލަދީ ހަލާކުވެދާނީ. ޣަނީބެމެންނަށް އޮތް އެއްމެ ރަގަޅު ގޮތަކީ ސަރުކާރު އިސްތިޢުފާ ދީފަ ވެރިކަމުގެ ބާރުތައް ތާލިބާނުންނާ ހަވާލުކުރުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *