Support Us

ރަހުމަތްތެރިޔާގެ ވާހަކައެއް: ހައްގު ބަސް އުފައްދާ ގޮތް އަދި އެކަމުގެ ނަތީޖާ

އަހަރެންގެ ރަހުމަތްތެރިޔާ އަހަންނަށް އޮޅުން ފިލުވައިދިނެވެ.

ސިޔާސީވެރިންނާއި އަދިވެސް މަކަރާއި ހީލަތްތެރި ކަމާއެކު ކަންކަން ކުރާ މީހުންގެ ގާތުގައި މައުޟޫއީ ހަގީގަތެކޭ ކިޔާ އެއްޗެއް ނޯވެއެވެ. އެ ފަދަ މީހުން ދެކޭ ގޮތުގައި ހައްގަކީ ވެސް ހަގީގަތަކީ ވެސް އެމީހުން ބުނާ އެއްޗެކެވެ. އެ މީހުން ބުނާ އެއްޗެއް ބުނުމުން، އެކަމުގެ ތެދު ދޮގުގެ މައްޗަށް ބެލުމެއް ނެތި، ކަނު ސިފައެއްގައި، އެމީހުންނަށް ތަބާވާ މީހުން އެވާހަކަތައް ކިޔައި ތަކުރާރު ކުރަން ފަށައެވެ. އަދި، އެމީހުންނާ އިދިކޮޅު މީހުންގެ ނުބައި ނުލަފާ ވާހަކަދައްކައި އެމީހުންނަކީ ނުބައި ނުލަފާ ޝައިތޯނުންނަށް ހަދައެވެ. އިދިކޮޅު މީހުންގެ ނުބައި ވާހަކަ ދައްކަނީ ވެސް މައުޟޫއީ ސިފައެއްގައެއް ނޫނެވެ. އެކަން ކޮންމެހެން ނުބައި ވެގެންނެއް ނޫނެވެ. ތިމާމެން ކުރާ ކަންކަން ރަނގަޅު ކުރުމަށެވެ. އިދިކޮޅު މީހާ ނުބައިވުމުން، ތިމާ ރަނގަޅުވާތީޔޯލައެވެ. ދެން، ސިޔާސީ ވެރިންގެ ވާހަކަތައް، އެމީހުންނާއި އެމީހުންގެ އަވައިގައި ޖެހިފައިވާ މީހުން، ތަކުރާރުކޮށް ކިޔަމުން ގެންދެއެވެ. ނަތީޖާއަކީ އެކިޔާ އެއްޗެއް ތެދު ހަގީގަތް ކަމުގައި ވެގެން ދިޔުމެވެ. ނަމަވެސް، އެފަދައިން 'ތެދާއި ހަގީގަތް' އުފަން ކުރެވުނު ކަމުގައި ވިޔަސް، ތަނުގައި އޮންނަ މައްސަލަތަކަށް ހައްލެއް ނާދެއެވެ. ދެން އަނެއްކާ ވެސް ޖެހެނީ، ހަމަ ކުރިން ބުނި ފަދައިން، އަނެއްކާ ވެސް، އިތުރު ހަގީގަތްތަކެއް އުފައްދާށެވެ! މި ގޮތުގައި ސިޔާސީ ވެރިން އެމީހުންގެ އަމަލުތައް ކުރިއަށް ގެންދެއެވެ. އަދި އަމިއްލަ ފައިދާތައް ވެސް ހޯދައި ލިބިގަންނަމުން ދެއެވެ. ކަންކަމަށް ހައްލު ހޯދައިދޭނަމޭ ބުނާ ބުނުން، ހަގީގަތަކަށް ނުވެ، އޮންނަ ތާކު އޮވެއެވެ.