ދުނިޔޭގެ އެންމެ ރަނގަޅު ވައިގެ ބަނދަރުގެ މަޤާމުގައި 10 އަހަރުވަންދެން އޮތް ސިންގަޕޫރުގެ ޗަންގީ ވައިގެ ބަނދަރު އަތުން ޤަޠަރުގެ ޙަމަދު ވައިގެ ބަނދަރު އެ މަޤާމު އަތުލައިފިއެވެ.
ސީއެންއެން ބުނާގޮތުގައި މި އަހަރު ޗަންގީ ވައިގެ ބަނދަރަށް ލިބުނީ ތިން ވަނައެވެ. މި ވައިގެ ބަނދަރު ދެކެ ލޯބިވާ މީހުން ސިންގަޕޫރު ވައިގެ ބަނދަރުން ލިބޭ އަރާމާއި ކެއުންބުއިމުގެ ތަފާތު ބާވަތްތައް އެހެން ބަނދަރަކުން ނުލިބޭ ކަމަށް ބުނެއެވެ.
ޤަޠަރުގެ ޙަމަދު ވައިގެ ބަނދަރަށް ފަޚްރުވެރި މި މަޤާމު ލިބުނީ ޤަޠަރު އެއަރވޭޒްގެ މަސައްކަތުން ކަމަށް ސީއެންއެން ބުންޏެވެ. ޤަޠަރު ސަރުކާރުން މި ކުންފުންޏާއި ވައިގެ ބަނދަރުގެ ޚިދްމަތްތައް ރަނގަޅު ކުރުމަށް ޓަކައި ވަރަށް ބޮޑު ޢަދަދެއް ވަނީ ވުނަކޮށްފައެވެ. މި ކަމުގެ ސަބަބުން ލިބިފައިވަނީ އަޖައިބުވަނިވި ހެޔޮ ނަތީޖާތަކެކެވެ.
ޤަޠަރު އެއަރވޭޒް މެދުވެރިކޮށް ޓްރާންސިޓް ކުރާ ފަސިންޖަރުންނަށް ކެއުމާއި ބުއިމާއި މަޑުކޮށްލުން ހިލޭ ލިބެއެވެ. އަދި ޓްރާންސިޓް ވަގުތާ އެއްގޮތްވާގޮތުގެ މަތިން ފަސިންޖަރުންނަށް ދައުޙާތެރޭގައި ބުރު ޖަހާލުމުގެ ފުރްޞަތުވެސް ހިލޭ ލިބެއެވެ. ބޯޓުން ފައިބާއިރަށް ޤަޠަރު އެއަރވޭޒްގެ މުވައްޒަފުން ޓްރާންސިޓް ފަސިންޖަރުންނާ ބައްދަލުކޮށް ބޭނުންވާ ޚިދްމަތްތަކަކީ ކޮބައިތޯ ބަލައި އެމީހުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދެއެވެ.
ސީއެންއެން ބުނާގޮތުގައި އެންމެ ރަނގަޅު ވައިގެ ބަނދަރު ހޮވުމަށް ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތައް ނަގާފައި ވަނީ 1 އޮގަސްޓް 2020 އިން ފެށިގެން 31 ޖުލައި 2021އާ ދެމެދުގައެވެ. މި ވޯޓުތައް ބުނާގޮތުގައި ދެވަނަ ލިބިފައި ވަނީ ޖަޕާނުގެ ހަނީޑާ ވައިގެ ބަނދަރަށެވެ. މި ނަތީޖާ ދައްކާގޮތުގައި އެންމެ ރަނގަޅު ދިހަ ވައިގެ ބަދަރަކީ:-
- ބައިނަލްއަޤްވާމީ ޙަމަދު ވައިގެ ބަނދަރު
- ޓޯކިޔޯގެ ހަނީޑާ ވައިގެ ބަނދަރު
- ސިންގަޕޫރުގެ ޗަންގީ ވައިގެ ބަނދަރު
- ދެކުނު ކޮރެއާގެ ސޯލްގެ އިންޝިޔޫން ވައިގެ ބަނދަރު
- ޓޯކިޔޯގެ ނަރީޓާ ވައިގެ ބަނދަރު
- މިޔުނިޚް ވައިގެ ބަނދަރު
- ޒިޔުރިޚް ވައިގެ ބަނދަރު
- ލަންޑަންގެ ހިތުރޯ ވައިގެ ބަނދަރު
- ޖަޕާނުގެ ކެންސާއި ވައިގެ ބަނދަރު
- ހޮންގްކޮންގް ވައިގެ ބަނދަރު