މޯލްޑިވިއަން އައިޑޮލް އިން ވިދާލި މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމާއި އޭނާގެ އަންހެނުން ޝިފާ އިބްރާހިމުގެ ލަވަތަކާއެކު ޚާއްސަ މިއުޒިކް ޝޯއެއް އައްޑޫ ސިޓީ ހުޅުދޫގައި މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިއީ މޯލްޑިވިއަން އައިޑޮލްގެ ތަރިއާ ޝަލަބީ، މިދިޔަ އަހަރުގެ އޮގަސްޓުގައި ކައިވެނި ކުރި ފަހުން، އާންމު ޝޯއަކުން މި ދެމަފިރިން ފެންނަ ފުރަތަމަ ފަހަރެވެ.
"ދޮން އުނބަރާ ނައިޓް"ގެ ނަމުގައި ބާއްވާ މި ޝޯ ހުކުރު ދުވަހުގެ ރޭ 8:30 އިން ފެށިގެން އޮންނާނީ ހުޅުދޫ "ބޮމާފަންނު"ގައި ހަދާ ހާއްސަ ސްޓޭޖެއްގައެވެ. ކުޅިބެލުން ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.
ޝަލަބީ އާއި ޝިފާގެ އިތުރުން "ޑެވިން" އާއި "ޓޯއީ" ވެސް އެ ޝޯގައި ލަވަކިޔާނެ ކަމަށް "ހައުސް އޮފް މިއުޒިކް" އިން މައުލޫމާތު ދެއެވެ.
ހުޅުމީދޫ ޝޯގައި ޝަލަބީ އަދި ޝިފާ ގިނަ ލަވަތަކެއް ކިއުމަށް ރެޕަޓުވާގައި ހިމަނައިފައި ވީނަމަވެސް، އެ ދެމަފިރިން އެކުގައި ކިއުމަށް ހަމަޖެހިފައި ވަނީ ވަރަށް ޚާއްސަ އެއް ލަވައެވެ. އެއީ އައްޑޫ ބަހުރުވައިން ކިޔައިފައި އޮންނަ "ދޮންދީދީ ދެން މިކޯ…"އެވެ.
"ދޮން އުނބަރާ ނައިޓް" އަކީ، އައްޑޫ ސިޓީގައި ވަކިން އޮންނަ ރަށުގައި މިހާތަނަށް ބާއްވާ މި ކަހަލަ ފުރަތަމަ މިއުޒިކް ޝޯއެވެ. އެހެންކަމުން ވީހާ ކުލަގަދަ ގޮތެއްގައި މި ޝޯ ބާއްވަން ރާވަމުން އަންނަ ކަމުގައި "ދޮން އުނބަރާ"ގެ ނަމުން މަޝްހޫރުވެފައިވާ ހުޅުދޫ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އާމިނަތު ޝަހުދާ (ބަހޫ) "އަދިވެސް" އަށް ބުންޏެވެ.
"ވަރަށް ދުވަސްކޮށްފައި ރަށަށް މި އާދެވުނީ. އެހެންވެ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި މި ޝޯ މި ބާއްވަނީ،" ބަހޫ ބުންޏެވެ.
ބަހޫ ބުނީ ޝޯ ބޭއްވުމުގައި ރަށުގެ މުވައްސަސާތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އެ ފަރާތްތަކަށް ހަދިޔާ ދިނުން ވެސް ޝޯގެ ތެރޭގައި އޮންނާނެ ކަމަށެވެ.
މި ޝޯއަށްޓަކައި ބޮޑު ސްޓޭޖެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ސްޓޭޖް ލައިޓިން އަށް ވެސް މާލެއިން ޓީމެއް ވަނީ ގެންގޮސްފައެވެ.
ހައުސް އޮފް މިއުޒިކްގެ އިސް އޮފިޝަލަކު ބުނި ގޮތުގައި ސައުންޑާއި ލައިޓިންގެ ފެންވަރަށް ބަލާއިރު، ހުޅުމީދޫ ޝޯއަކީ ޝަލަބީ އާއި ބޭންޑު މިހާތަނަށް ދޭ އެންމެ ވަރުގަދަ އެއް ޝޯއަށް ވާނެއެވެ.