ކެތްތެރިވުމީ މާތް ސިފަޔަކަސް، އޮންނާނެ އެކަމަށް މިންވަރެއް
ކެތްތެރިވެގެން ޒިއްމާ ނަގަން ނުޖެހޭނެ ނެތްހަމަ އެއްގޮތެއް
"ކެތްތެރިޔެކޭ މާތް މީހެކޭ" ތާއީދު އޮތް މީހުން ކިޔަސް،
ކެތްތެރި ކަމުގެ މާތްސިފަޔަކަށް ނުބެލޭނެ މަކަރާ ޙީލަތެއް
ކެތްތެރި ވަފާތެރި މީހެކޭ ނުކިޔޭނެ ޙީލަތްތެރި އަކަށް،
ކެތްތެރި ކަމަށް ހެދިގެން އުޅޭ ޖާހިލު، މުނާފިގު ސިފަތަކެއް
ކޮށްފާ ނުބައި ކަންކަން ތިމާ ހަނު ހުންނަނީ ޣައްދާރު ކަން
އޮށްބަން ވެގެން ކެތްތެރިޔަކަށް ހެދިގެން ހުރުން ޣާފިލުކަމެއް
އެތަކެއް ވަޢުދު ޢަހުދާ ހުވާ ކޮށްގެން އެޅޭ ޒިއްމާ ތަކަށް
އެކަމަށް ތިމާ ކެތްތެރިވެގެން އިހުމާލު ވާން ނެތް ހުއްދައެއް
ކެތްތެރި ވުމަށް ﷲ އެންގެވި އެންގެވުން ސަބަބެއް ކަމަށް،
ދެއްކެން ތިމާ ވާޖިބު އަދާ ނުކުރާކަށެއް ނެތް ހުއްދައެއް
ކެތްތެރިވެހުރެ ވައްކަން ކުރުން ކެތްތެރިކަމާއެކު ދޮގުހެދުން
ކެތްތެރިކަމުގެ މާތް ސިފަޔަކަށް ނުކިޔޭނެ މިނުބައި ކަން ކަމެއް
ކެތްތެރި ކަމާއެކު ރާވަމުން ހެއްކާ ޤަރީނާ ފޮރުވުމުން،
ކެތްތެރިކަމަށް ނުބެލޭ ނެޔޭ މިކަހަލަ ނުބައިވި ޚަޞީލަތެއް
ކެތްތެރިކަމާއެކު މަޑުމަޑުން ގައުމާ ވަޠަން ވިއްކާލިޔަސް،
"ކެތްތެރިޔެކޭ ކިޔަމުން" ބަލަން ދުރުގައި ތިބުންމީ ގޯސްކަމެއް
