Support Us

ބޭޒާރު އަޅުގަނޑު ކޮށްފިޔޭ…

އިރުއަރާ މަންޒަރު ބަލައިލަން ޝާއިރެެއް އަދު ގޮސްފިޔޭ
އިރުތަކެއްނުވެ ކަނޑުގެ ރާޅާ "ސިއްރު" އައިސް ލައްކޮށްފިޔޭ

އިންތަނުން ކުރިޔަށް ވަޑައިގެން "ސިއްރު" ދެއަތުން ހިތްޕަވާ
ހިންދަމާލައްވާ ސުވާލެއް "ސިއްރު" އަރިހުން ކޮށްފިޔޭ

"ކޮންކަހަލަ އެއްޗެއްހެ ތިޔައީ ނުދެކެމޭ ދުވަހަކު ލޮލުން
އޮންނަ ގޮތް ފެނިފައި މިހިތް ހައިރާން އެކީގައި ކޮށްފިޔޭ!"

ކުކުރުމާ ވޭނާއި އެކުލެވިފައި އެވާ އަޑަކުން މަޑުން
ރުކުރުވާ "ސިއްރު"ގެ ދުލުން ބަސްތައް ގަތާ އަމުނައިފިޔޭ

""ސިއްރު"އޭ އަޅުގަނޑުގެ ނަމަކީ" ބުނެ ނުނިންމާ އުޅެނިކޮށް
"ސިއްރުހޭ؟ ބުނެދޭށެ މަޚުފޫމް" އެދި ސުވާލެއް ކޮށްފިޔޭ

"ސިއްރުތޯއޭ؟ ސިއްރަކީ، ކަޅު ރޭގަނޑޭ އައްޔެއް ނުވާ"
ހިއްސުތައް ފޮރުވާލަމުން ހުރެ އަޞްލު ފަރުދާ ކޮށްފިޔޭ

"ތިލަވެ ނޭވާއެެއް ލުމަށް ނޭދޭ ޣަރަގުވެވި ގެނބެވުނަސް!
ކިލަނބު ފެންގަނޑެކޭ މިއީ!" ސާދާ މިސާލެއް ޖެއްސިޔޭ

"ހިތްތަކާ ނިތްތަކުގެ ޢުމުޤޭ، ސިއްރަކީ މީ ދަސްކުރޭ!"
ހިތް ދެފަޅިވާ ޙާލުގައި ހުރެ "ސިއްރު" ނިންމާލައިފިޔޭ

​"ކީއްވެތޯ ވީ ބަލިވެފައި އަދި ގައިގެ ވަރުވެސް ދެރަވެފައި"
ބީވެދާ "ސިއްރާ" މުޚާތަބު އަދި އަލުން ކޮށްލައިފިޔޭ

"ސިއްރު ނެތްނަމަ ފޮރުވިފައި އަދު، ސިއްރު ދެމި އޮންނާނެބާ؟
ސިއްކަ ޖައްސާ މަރުގެ ޠޫފާން ދާދި ކުޑަތަން ކޮށްފިޔޭ!"

​"ތުންފަތުން ފުންމާލުމާ އެކު ލަފުޒުތައް ނިކަމެތި އަޅާ
ފުން ނިދިން ނިދުމަށް ޖެހޭނޭ!" ސިއްރު އިޢުލާން ކޮށްލިޔޭ

އެހިނދުގައި ރޭގަނޑުގެ ބުރުގާ، ވީދަމުން ޞާދިޤުގެ އަލި
ފަހިވެދާހެން ފެތުރިގެން ގޮސް މުޅި ފަޒާ އަލިކޮށްފިޔޭ

އެންމެ ފަހު ނޭވާ މިޖައްވަށް ދޫކުރައްވާ ވަކިވެގެން
ތެންމަމުން ލޯ ހަޟުރަތައް ދަތުރަށްޓަކައި ފަށްޓައިފިޔޭ

"ދެން ނެތޭ އޮވެވޭކަށެއް، އަލިވާން ފަޒާ ފަށްޓައިފިޔޭ
ދެންދަނީއޭ ވަކިވެގެން! ބޭޒާރު އަޅުގަނޑު ކޮށްފިޔޭ!"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *