Support Us

މިސްރާބު ސީދާ ކޮށްލަދޭށި

ޔާއިލާޙީ އަޅުގެ މިދުޢާ ހަޞުރަތުން އަޑު އައްސަވާށި
ދާއިމީ ދިރުމެއް ލިބޭހެން އަދި އިޖާބަ ކުރައްވަވާށީ

އިބަ އިލާޙުގެ ދީން މިވަޠަނުގެ ޖައްވު އަލިކޮށް ދިއްލަދޭށި
ހިޔަލުގައި މަތިވެރިވި އިސްލާމީ އަބަދު ހަމަ ލައްވަވާށި

އަދު ޙިދާޔަތުގައި މި ޤައުމުގެ ޖީލުތައް ސާބިތުވެދާށި
ވަނދުކަމާ ޣަފްލަތުގެ ފަޅުކަން ހިތްތަކުން ހަމަ ފިއްލަވާށި

ހުރުމަތާ ޝަރަފާ ކަރާމާތް މިބިމުގައި ހަމަ ލައްވަވާށި
ނުރުހުމާ ނަފުރަތުގެ ހުޅުތައް ދިވެހި ދީބުން ނިއްވަދޭށި

ދިވެހި ވަޠަނަށް ފަހިވެދާހެން ރަޙުމަތުގެ ވާރޭ ވެއްސަވާށި
ދިވެހި ބިންގަނޑު ބަރަކަތުން ފޯކޮށް އެކީގައި ތެންމަދޭށި

​ރިވެތި އަހުލާޤީ ގަހުގެ، މޫތައް މިބިމުގައި ފަތުރަދޭށި
ރިވެތި ހުލްޤުގެ އިތުރު ކުރިތައް އަދި މިދީބުން ފަޅުވަދޭށި

ދިވެހި އެކުވެރި ޗަމަނުގައި މާތައް ޢަބީރުގެ ފޮޅުވަދޭށި
ރިވެތިވީ މިފަޒާގެ ތެރެއަށް ހުވަނދުލާ ވަސް ފަތުރަވާށި

ކަނޑު ފަޅާ ގިރި ފަރުތަކާ ވިލުތައް ތިޔާގި ކުރައްވަވާށި
ފަނޑުކަމާ ނާމާންކަމުން ދިވެހިން މިތާ ދުރުކޮށްލަދޭށި

ދޫނިތައް ހާލީތެރޭ ގޮވި ރާގުތައް އަބަދަށް އިވޭށި
ހޫނުކަން ކެނޑި ދާނެ ފަދައިން ރޯޅިވައި ފަހިކޮށްލަދޭށި

ދިވެހި ރުކު ބޮންތީ ފަނުގެ ފެހިކަން އިތުރު ކުރައްވަވާށި
ރިވެތި ޤައުމީ ވަންތަ ސިފަތައް ޖީލުގައި އާރޯ ކުރާށި

ދޮންވެލީ ތުނޑިޔަށް ޖަހާ ބަވަނައިގެ ރާޅުން މަތަކުރާށި
ކޮންމެ ވެލިފުކަކީ މިދީބުގެ މިލްކަކަށްވާ ހައްދަވާށި

ޙަސަދަވެރި ކަޅިތަކުގެ ނަޒަރުން އަހަރެމެން ރައްކާކުރާށި
މަސަލަހާ ސުލްޙައިގެ ދީބެއް ކަމުގަ ދިވެހިން ލައްވަވާށި

ޙާއިނުން އަދި ދުޝްމިނުން ބޭޒާރު ކޮށްލާ ދެއްވަވާށި
ލާއިޤުން ޤައުމުގެ ވެރިން ކަމުގައި ޚިޔާރު ކުރަށްވަވާށި

އެންމެ ފުރިހަމަވީ ސިޔާދަތު ދިވެހި ދީބަށް ދެއްވަވާށި
އެންމެ ހިނދުކޮޅަކަށް ވިޔަސް އަޅުވެތިކަމަށް ފުރުސަތު ނުދޭށި

ފެހި ރަތާ އަދި ހުދުގެ ދިދަޔަށް ހައްޤު ހުރުމަތް ދެއްވަވާށި
ބެހި އެދާ މިނިވަން އޮޑީ މިސްރާބު ސީދާ ކޮށްލަދޭށި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *