Support Us

ޙަކީމެއްގެ ޙިކުމަތް

ޝެހެރުގައި އުޅުނޭ ޙަކީމަކު ތޫނުފިލިވީ ބުއްދިވެރި
މެހެފިލެއްގައި ގިނަ ދަރުސްތައް ދީ ހަދާ މާތް އަބުރުވެރި

ޙިކުމަތާ ޢިބުރަތުގެ އަލިކަން ހިތްތަކަށް ފޯރާނެހެން
ފިކުރު ހިންގާ ހެޔޮ ނަޞޭހަތް ދީ އުޅުނު ވިސްނުންމެތެރި

އަންނަ ހުރިހާ ބޭފުޅުންވެސް އެއް އަޑުން އަދި އެއް ބަހުން
ދަންނަ އެއް ޝަކުވާތަކެއް ކޮށް އުޅުނެ ނުވެ ހަމަ ޝުކުރުވެރި

ގިސްލަމުން ތިބެ ކަރުނަ ފޮހެމުން ކޮންމެ ދުވަހަކު އެއް ފަހަރު
ވިސްނުމަށް ނުކަތާ ވަރަށް އެތަކެއް ފަހަރު ތަކުރާރުކުރި

"އެވެނި އެއްޗެއް ނުފެނުނީ އަދި މިވެނި އެއްޗެއް ނުކެވުނީ
ކެވެލި ފައްޓަރު ނުލިބުނީމާ ވެއްޖެ ހިތްތައް ފިތުނަވެރި"

މިފަދަ ދޯހަޅި ދެކޮޅު ނުޖެހޭ ​ފަދަ ޝިކާޔަތުތައް އަބަދު
​. މިފަދައިން އިވި ފޫހިކުރުވީ ގެންމެނެތި ކަންއަދަބުވެރި

ވިސްނުމަށްފަހުގައި ޙަކީމްބޭ ނިންމި ދޭން މޮޅު ޢިބުރަތެއް
​. ގިސްލުމަށް ޙައްލެއް މެގެނެވޭ ފަދަ އެ ބާރާ އަސަރު ހުރި

މާލަމަށް އައިސް މޮޅިވެފައި ތިބި ގިނަ ކަތުންނަށް ބައްލަވާ
މާލަހެއް ނުވެ ޖޯކަކުން ހެއްވާލަދިން ކީ ޝައުގުވެރި

​ޖެހި އެއައި ދުވަހާއި ވިދިގެން ދެން އެއައި ހަމަ ދުވަހުވެސް
ކެހި ސަފުން ނުމެނެއްޓިދާހެން ކީ އެ ޖޯކް ތަކުރާރުކުރި

ހީނ އުފާ ކުރުމުގެ ބަދަލުގައި ފުލުފުލުން ހައިރާންވެގެން
ކީއެކެއްޗެއް ކޮންމެ ދުވަހަކު ތީކިޔާ މި ސުވާލު ކުރި

"އޭ ޙަކީމާ އޭ ކިޔާ އެއް ޖޯކު އިނދެ ތިކިޔާ ސަބަބު
ދޭހަ ކޮށްދެން އަޅަމެނަށް އެދެމޭ ކަމާ އެކު އަދަބުވެރި"

"ކެތް މިތާ ކޮށްފިން ނުހަނު ގިނަ ތައްދުވަސް ނުމެބުނެ އަނގައިން
ތެތް ސިކުނޑި ނެތިނުމެ ދަނީސް ވާން ޖެހުނެ އަލަކުން ފިކުރުވެރި!"

"ކީ މިތާ އެއް ޖޯކު ކީ އިރު ހެވުމުގައި ދަތި ވީ ފަދައިން
ކީއްވެ އެއް ޝަކުވާތަކެއް ކޮށް ރޮއެ ހެދީ ނުވެ ޝުކުރުވެރި؟"

"ދައުރުވާ ކޯރުގެ އެހެރަ އޮއެވަރުތަކަށް ތިބެ ބައްލަވާ
ދައުރުވާ ދުނިޔޭގެ އޮއެވަރުގައި ފަތާ ނުވެ ދެކޮޅުވެރި!"

"އެހިނދުގައި މަތިވެރި މުޤައްދަސް ތިޔަ އެދޭ "އައްސޭރި" އަށް
ފަހިކަމާއެކު ބަނދަރުކޮށްލެވި ނަފުސުތައް ވޭ ޞުލްޙަވެރި!"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *