ހދ. ހަނިމާދޫ އެއަރޕޯޓުގެ ބިމާބެހޭގޮތުން، ހަނިމާދޫ ރައްޔިތުންގެ ތެރެއިން ބޭފުޅުންކޮޅަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި އެކަމުގައި ރައްޔިތުން އެދޭގޮތް ހޯއްދެވުމުގެ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
ހަނިމާދޫގައި ހުންނަ ބެއަރފޫޓް ހޮޓެލްގައި ބޭއްވެވި މި ބައްދަލުވުން ފައްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމުގެ މުހިންމުކަމާއި އޭގެ ސަބަބުން ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދާނެ މަންފާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި އެއަރޕޯޓާ ގުޅިގެން އެކި ފަރާތްތަކުން ފާޅުކުރަމުންގެންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ އެއަރޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމާއި އެތަނުގައި ބޭރު ޤައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަ ކަމެއް ކުރާނެ ކަމަށް ޤަބޫނުކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއަރޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެންނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް ރައްޔިތުނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްގެންދެވުން ކަމުގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ޢާންމު ފަރާތްތަކުން ވަނީ މި ޕްރޮޖެކްޓަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ޕްރޮޖެކްޓެއްކަން ފާހަގަކޮށް މި ކަމުގައި ރައްޔިތުންނާ މަޝްވަރާކޮށް މައުލޫމާތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ފަރާތްތަކުން ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ އެމް.އެން.ޑީ.އެފްއަށް ބިން ޚާއްޞަކުރަން ހުށަހަޅާފައިވާ ސަރަޙައްދާއި އެއަރޕޯޓް ރަންވޭ އެކްސްޕޭންޝަންއަށް ޚާއްޞަކުރާ ބިމާމެދުކަން މި ބައްދަލުވުމުގައި ވަހަކަދެއްކި ޢާންމު ފަރާތްތަކުން ފާހަގަކުރިއެވެ. އަދި އެފަރާތްތަކުން ވަނީ އެ ބިންތަކަށް ބަދަލުގެންނަން ބޭނުންވާ ގޮތް ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ޙިއްޞާކޮށް މަޝްވަރާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކުން ހުށަހެޅި ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ޚާއްޞަކޮށް އެމްއެންޑީއެފަށް ޚާއްޞަކުރާ ބިމަކީ އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ޚާއްޞަކުރާ ބިމެއް ކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ޢާންމު ފަރާތްތަކުން ވަނީ ހަނިމާދޫއާ ބޮޑު ތިލަދުންމަތީގެ އެހެން ބައެއް މަޝްރޫޢުތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނިމާދުއަށް ކުރައްވާ މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ހަނިމާދުއަކީ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއާ ހދ. ކުމުންދޫ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.



advertisment
2 Responses
އެމްއެންޑިއެފަށް ޚާއްޞަކުރާ ބިމުގައި ތިބެނީ އިންޑިއާ ސިފައިންތަ؟ މާލޭ އެއޮއް ބޮޑު އެއަރޕޯޓް ހަދާން 1 މިލިޔަން ޑޮލަރު. ހަނިމާދޫ އެއަރޕޯޓް ހަދާން 800 މިލިޔަން ޑޮލަރު. އެމްޑިޕީ ރީނދޫ ކުދީންކޮޅެއް އެއްކޮށްގެން ޗިޕް ޖެހިޔަސް ހަނިމާދޫ އެއަރޕޯޓްއަކީ އިންޑިއާގެ ނޭވީ ބޭހެއް. އިންޑިއާއެކު ޤާނޫނާ ޚިލާފަށް ހަދައިފައިވާ ޚިޔާނާތްތެރި އެއްބަސްވުންތައް ޤާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ނުދައްކައި ފޮރުވަނީ ގައިމު ކަމެއް ވެގެންކަން ހަނިމާދޫ ރައްޔިތުން ވެސް ދަންނާންޖެހޭ. މިއަދު އިންޑިއާއަށް ރާއްޖެ ވިއްކައިލާން ސަރުކާޜުން ހިންގާ މަކަރުވެރި ރޭޥުމުގައި ހަނިމާދޫން ބައިވެރިވާ ކޮންމެ މީހަކީ ޚުދު އެ މީހުންގެ ދަރީންނަށާއި އެ ދަރީންގެ ދަރީންގެ މުސްތަޤުބަލު ހަލާކުކޮށް ޤައުމަށް ޚިޔާނާތްތެރިވާ ޚާއިނެއްގެ ގޮތުގައި ތާރީޚުގައި ލިޔެވޭނެ.
އެމްއެންޑީއެފަށް ދޭ ބިމެއް ނޫން އެއީކީ. ތިޔަ ވަރަށް ދޮގު ހައްދަވައި ރައްޔިތުންނަށް ތިޔަ އޮޅުވައިލައްވަނީ ކީއްވެގެންތޯ؟ އުތުރުތިލަފަޅަކީ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް ތައްޔާރުކުރާ ތަން. ހަނިމާދުވަކީ އިންޑިއާ ވައިގެ ސިފައިންގެ މަރުކަޒު. އެތަނަކަށް އެމްއެންޑީއެފް ކީއްކުރާން ހަނިމާދޫ މީހަކަށް ވެސް ވައިވެސް ނޭޅުވޭނެ.