Support Us

ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް (ކ)

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ބޮޑުވަޒީރާ ފޯނުން ގުޅުއްވައި މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

އިއްޔެގެ މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިޔާއިން ރާއްޖެއަށް އެތެރެކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ ތިން އަހަރުގެ މުއްދަތަކަށް އާ ކޮށްދެއްވި ކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މި ކޯޓާއަކީ މީގެކުރިން ކޮންމެ އަހަރަކު އާ ކުރާ ކޯޓާއެކެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި މިއީ މިހާތަނަށް މިގޮތަށް ކޯޓާ އެންމެ ގިނަ ދުވަހަށް އެޕްރޫވް ކުރި ފަހަރު ކަމަށާއި، މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ޔަޤީންކަމެއް ލިބި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަންދާޒާއެއް ކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި، ކޮވިޑް-19ގެ މި ދަތި ޙާލަތުގައިވެސް އިންޑިޔާއިން ރާއްޖެއަށް ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުން ދިވެހިންނަށް ކުރިމަތިވި ގެއްލުންތައް ކުޑަކޮށް މި ދަތި ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރިކަމެއް ލިބިއްޖެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރު ފެށުނުއިރު ރާއްޖޭގައި ކޮވިޑް ދިފާޢު ވެކްސިން ކެމްޕެއިން ފަށައިގަތުމަށް އިންޑިޔާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑްގެ 100,000 ޑޯޒް ވެކްސިން ހަދިޔާކުރެއްވި ކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު މޯދީއަށާއި އިންޑިޔާގެ ސަރުކާރަށް ޝުކުރު އަދާކުރައްވަފައެވެ. އަދި، އެމަނިކުފާނު ވަނީ މި ބަލިމަޑުކަން ފެތުރުނު ދުވަސްވަރު ޗައިނާގެ ވޫހާންގައި ތިބި ދިވެހި ރައްޔިތުން އަނބުރާ ގެނައުމަށާއި، ބޭނުންވާ ޒަރޫރީ ބޭސް ހަދިޔާކޮށް މަތިންދާބޯޓު މެދުވެރިކޮށް ރާއްޖެއަށް އެ ބޭސްތައް ގެނައުމަށް ވެދެއްވި އެހީތެރިކަމާއި، ކޮވިޑް-19 ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް އަށް ފޯރުކޮށްދެއްވި އިންޑިޔާގެ ޞިއްޙީ މާހިރުންގެ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި ދަތުރުފަތުރުކުރެވޭނެ ގޮތް ފަހިވުމަކީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ލޮޅުންތައް ކުޑަކުރުމަށް ލިބުނު ބާރެއްކަމުގައި ވިދާޅުވެފައެވެ.

ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރަގަތުމަށް ކުރާ މަސައްކަތުގައި އިންޑިޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ރައީސަކަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ފޯނު ކޯލު ނިންމަވާލައްވަމުން ދެ ޤައުމުގެ އިސް ވެރިންވެސް ވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުން އިތުރު ހަރުފަތްތަކަށް ކުރިޔަށް ގެންދަވަން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް