އޭ ލޮލާއޭ! ކީއްކުރަން އެކި ދިމަދިމާ ހޯދައި ތި ބަލަނީ؟
ބޭނުމެއްނެތް މަންޒަރެއް ނޫނީ ޔަގީނެ! ނުފެންނަނީ
ދިމަ ދިމާލަށް ލޮލުގެކަޅު އަނބުރައި ވަށައިގެން ހޯދިޔަސް
ދިމަ ދިމާލުން ހަޑި ހުތުރުހާ މަންޒަރޭ ހަމަ ފެންނަނީ
ކަޅު ކަޅީގައި އުފެދިފައި ހުރި ފުސް ކޮޅެއް ހެން ހީވަނީ
ކަނޑުމަތިންނާ އެއްގަމުންނާ ކޮރަޕްޝަން ހަމަ ފެންނަނީ
ފަސް އެނބުރިނުބަލައި އެކަނި ކުރިމަތި ބަލަން ލޯހުޅުވިޔަސް،
ފަސް ފަހަށްވެސް އޮތް ނުރައްކާ ޙާލަތޭ ތިޔަ ފެންނަނީ
ނަޒަރު ސީދާކޮށް ކަނާތު ލޮލުން ބަލާ މިސްރާބަކުން
ކަތުރުފަނި ކައިގެން މިތާ ގާނޫނު ނެތްތަން ފެންނަނީ
ވާތްފަރާތު ލޮލުން ބަލާއިރު ވާތް ފަރާތުން ހީވަނީ،
ހާއްޔަކަށް ވެދެ ބިސްއަޅަންތިބި "ކާފަރުންނޭ ފެންނަނީ"
މިއަދު ދެން ރަނގަޅީ ދެލޯމެރި "މަރުވެފައި" ގޭގައި އޮތުން،
މިއަދު ލޯ ހުޅުވިއްޖެނަމަ، އަޅުވެތިކަމޭ ހަމަ ފެންނަނީ

One Response
ތިޔާ ވާ ހަމަ ދެތެއް ޝަކިރުބޭ!