އޮޑި މަހަށް ފުރިޔަސް މަހެއް ނުބެވޭ ދުވަސް ދިޔުމަށް ފަހަށް،
"އޮޑިދޮށުން ނެގި އައިނަކުން" ތެޅި ފޮޅިގަތީ މާ ބާރަކަށް
އެން ކެޔޮޅު ދުވެފައި އެގޮސް އެން ކައްޅިޔަށް ފުއްމާލުމާ
އެން ވަށިން ނެގި އެންތަކާ ވައްޓާ އެހޫރާލީ ކަނޑަށް
މައި ކެޔޮޅު ހޭބަލިވެގޮސް ކުރުދޮށި ހިފައިގެން އައިގޮތަށް
ވައިމަތީ ކިބައިން ފިލާގަނޑު ގުދުމަތިން ވެއްޓުނު ކަނޑަށް
ކުޑަ ކެޔޮޅުވެސް ދޮށިނަގަން ގޮސް ތާމަތިން ކައްސާލުމުން
އުޑުތިލައިން ވެއްޓުނު ގޮތަށް އަނިޔާ އެލިބުނީ ބަދަތަކަށް
ފެންލުމަށް އެރި ފަޅުވެރީން ފެންފުޅަފި ކޮއްޕާލައި ކަނޑަށް
އެއްލި ބާރުމިނުން ފުޅަފިތައް ވެއްޓުނީ ގޮސް މޯހިރަށް
އައިންމަތީ ހުންގާނުގައި ހުރި ސޮރު އެރީ ހުންގާނުދޫންޏަށް
ފައި ކަހާލައި ކަފިބުޑަށް އެއޮތީ އެސޮރު ވެއްޓުނު ގޮތަށް
ފަޅުވެރިންތައް ހޭލި މޭލިވެ އޮޑިތެރޭ އުޅެގަތް ގޮތުން
ވަތު ތެރޭގައި ވެއްޓިފައި އެ ކުދީން ތިބީ ބޯކޮޅު ވަތަށް
ކަންވެ ނިމި ހަމަހޭ ޖެހުނުއިރު "އައިން އޮބާލައި ގެއްލިފައި"
ތަންތަނަށް ވެއްޓުނު ބަޔަކު އެތިބީ އެތާ ވެއްޓުނު ގޮތަށް
ތަޖުރިބާ ޙާޞިލްކުރަންވީ ދުންޔަވީ އެކި ކަންކަމުން
"ހަނދު އަތަށްލިބުނަސް" ޖެހޭނީ ވިސްނުމާ ކެތްތެރިވުމަށް
