Support Us

އެޗް.ޑީ.ސީގެ ސޭލްސް އެޖެންޓުން ތަމްރީނުކުރަން ސްކިލް ފާމް އާއެކު ސޮއިކޮށްފި

އެޗް.ޑީ.ސީގެ ސޭލްސް އެޖެންޓުން ތަމްރީނުކުރަން ސްކިލް ފާމް އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެޗް.ޑީ.ސީން ބުނީ އެ ކުންފުނީގެ ފަރާތުން އެކި ބޭނުންތަކަށް އިމާރާތްކޮށް ތަރައްޤީކުރާ ޔުނިޓްތައް އެ ކޯޕަރޭޝަނާ ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރުމަށް ފޯމު ހުށަހަޅައިފައިވާ 20 ފަރާތުގެ ތެރެއިން ސޭލްސް އެޖެންޓުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ހިންގާ ޓްރެއިންގ ޕްރޮގްރާމް އަދި ޓެސްޓު ކުރިއަށް ގެންދިއުމަށް ސްކިލް ފާމް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު  އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސްކިލް ފާމްގެ ފަރާތުން ޗެއަރމަން ޑރ. ހުސައިން ސަނީ އުމަރާއި އަދި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާތިފު ވިދާޅުވީ ހުޅުވާލެވުނު ފުރުޞަތަކީ ރިއަލް އެސްޓޭޓްގެ ގާނޫނާއި ގަވައިދުތަކަށް އަހުލިވެރިކޮށް މި ދާއިރާއަށް ގިނަ އައު ފަރާތްތަކެއް ނެރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ ފުރުޞަތުތަކެއް ހުޅުވާލެވިގެން ދާނެ ކަމަށެވެ.

"މި ފުރުޞަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ، މި ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ މީހުން އުފެއްދުމާއި، މިގޮތަށް މަސައްކަތް ކުރާނެ ފުރިހަމަ ޕްލެޓްފޯމްއެއް ޤާއިމުކޮށްދިނުމެވެ. މިފަހަރުގެ ޕްރޮގްރާމްގެ ދަށުން ހިންގޭ ތަމްރީންގައި ބައިވެރިވެ އެސެސްމެންޓްގެ އެއްމެ މަތިން މާކްސް ހޯދާ 10 ފަރާތަކަށް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތަމްރީންތަކުގެ އިތުރުން، އެ ފަރާތްތަކުން ވިއްކާ ޔުނިޓްތަކަށް ކޮމިޝަނެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެޗް.ޑީ.ސީގެ އަމާޒަކީ، އިމާރާތް ކުރުމުގެ ދާއިރާއަށް ހުނަރުވެރި ގިނަ ބަޔަކު ނެރި، ވިޔަފާރި ކުރުމަށް ފަހި ފުރުޞަތުތަކެއް ކުރިމަގުގައިވެސް ފަހިކޮށްދިނުން ކަމުގައި މިފުރުޞަތުގައި ފާހަގަކުރަމެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުންޏެވެ.