Support Us

އިތައެއްގެ ރައްދު ފަންހާ މަހަށް

ފަޚުރުވެރި ފަންހާމަހެއް އަދު ފަރުތެރޭގައި ފީނަމުން
ތަޚުތުގައި މުރަކައިގެ ރަތުރަން ވެޑުވިޔޭ އެކު ބޯދެމުން

އޭގެ ރަތް ހުދު ހަންގަނޑާއެކު އެއްލިގެންދާ ދަޅަދަޅައިން
އޭގެ ޝާހިއްޔަތު ކަމާމެދު ކިބުރުވެރިކަން ދައްކަމުން

ކޮތަރިބައިގަނޑު ފޮޅުވަމުން އަދި ހައިބަތާއެކު ވިހުރަމުން
ގޮތަކަށޭ ބުނެދެންފެށީ ކައިރީއެހުރި އުނިކަން ވަށައިން

ހިންގަމުން ކަޅި ދިޔަ ހިނދުންގޮސް ހުއްޓުނޭ އިތައެއް ގަޔަށް
ހިންދަމާލާފައި ބުނެއްޕޭ "ފެއްސިގެން ދާށޭ ގަލުން"

"ގަލު ފޮރިން ފުރިފައިވި ހާލުގަ ވިލުފަރަށް ޖެއްސުން ކުރަން
ތަލުތެރަށް ނުމެ ގޮސް ތިހެން ތިޔަ އިންނަނީ ފަހެ ކީއްކުރަން؟"

"ވާން ކުފޫ ހަމަ ނުމެކުރޭ ގާތް މިގަލުގައި ތިޔަހެން އިނުން
ދާން އުޅޭށޭ އައި ތަނަށް ބަލަ ދުރުގަހުންނާށޭ އެކުން"

"ފެހި މަތީގައި ފެހިޖަހާފައި ހުރި އިތާގަނޑު އަމުދަކުން
ފަހި ބަގީޗާ މުރަކަ ތަކުގައި ޖާގައެއް ވޭހޭ ސަފުން؟"

ވިސްނުމަށް ފަހުގައި އިތާވެސް ރައްދުގައި އަނގަ ހުޅުވިޔޭ
ނިސްބަތުން ވިދުވަރު އަރާ ބޮޑު ރަންމުތެއް ދައްކާލަމުން

"ރީތިކަން އަދު ބޭރުފުށުގައި ހުރިވިޔަސް އެތެރޭ އޮތީ
ކީތި އަޑުއެހި ވިހައެކޭ ގަދަ އެބަފެނޭ އުޅުމުން އެކަން"

"ވިހުރުވާ ކޮތަރީ ފަނުން އަދި ވިހުރުވާ ހަޑި ބަސްތަކުން
ދިހުނު ހިތުގައި ހުރި ގިލަންވެސް އެބަފެނޭ ބޮޑުކޮށް ނިކަން"

"ހުތުރު ރީއްޗާ މިނެކިރަން ތިޔަ ގެންގުޅޭ މީޒާން ވަނީ
އުތުރު ދެކުނަށް ފަރަގުވާހެން ކަށި ގުޑާފައިކަން ޔަގީން"

"އެތެރެ ފުށުގައި ފެހިޖަހާ ގަނބަގިރި ގިނބުސް ވުމަކަށް ވުރެއް
ބޭރުގައި ފޮރިގާ ޖެހުންވެސް ނިސްބަތުން ރަނގަޅޭ ވަކިން"

"ސާފު ތާހިރު ރަންމުތީ އައިސް ދެކެބަލާށޭ ކައިރިޔަށް
ސާފު ހެއްޔޭ ބުނިމި ބަސްތައް؟ ހުޅުވި އަނގަ ނުހުރޭ ތިހެން"

ފަޚުރުވެރި ފަންހާމަހަށް އަދު ލިބުނެ އަލިގަދަ ޢިބުރަތެއް
ތަޚުތަކުން އަދި ތާޖަކުންވެސް ޒީނަތެއް ނުމެވޭ ލިބުން

ފޮރުވިފައިވާ ރީތިކަންވީ ހިތުތެރޭ އަދި ޚުލްގުގައި
ފޯރުކޮށް "އައްސޭރި" ދިން ފުން ބަސްތަކޭ ވީ ވިސްނަވަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *