ދަލާ ކަރުނައިން ބިން އެކީ ތެންމަނިއްޔޭ
އަލާމާތްތަކުން ފެންނަ ހިތް ރޮއްވަނިއްޔޭ
ސަމާޙަތުގެ ދީނާ އަމާން ދިވެހި ވަޠަނާ
ޖަމާކުރި ސަގާފަތު މުޅިން ރޫޅެނިއްޔޭ
ޖިހާދެއްގެ ހައްގުން އަމާން ކުރި އަމާނާތް
މިހާރުގެ ދަރީން އަތްތަކުން ވަޅުލަނިއްޔޭ
ހިމާޔަތުގެ ނަމުގާ އިމާ ތިބެ ތޮޅޭތީ
ބިމާ ކަނޑު ރޮމުން ވޭނުގާ ކުކުރަނިއްޔޭ
ދުރާ ކައިރި އަތްތައް ކުރާ އެހެރަ ކަންތައް
ތުރާތައް ހިތަށް ކެތްނުވާހާ ދެނިއްޔޭ
ހަލާކެއްގެ ކެހިވެރި ގެނައި ކަޅު މުޙަންމަދު
ޒަމާނެއްގެ މަގުޗާޓުތައް ކުރަހަނިއްޔޭ
ނުވާނަމަ ހިތެއް ގައި ވި މައިވަންތަ ލޯތްބެއް
ދިމާވާނެ ގޮތް ހީވެ ބިރުގަންނަނިއްޔޭ
ފަހަށް ތިބެ ނުވިސްނާ ހަދާ ގޯހަކުން ދެން
މަހަލްދީބު ނެތިދާނެއޭ ހީވަނިއްޔޭ
އިރާ، ދަންވަރަށް ވެސް ބިރާ މިފަދަ ވަސްވާސް
ނިދާލާއިރަށް ހުވަފެނުން ފެންނަނިއްޔޭ
