Support Us

ޅެންބަހުން ދިން ދަރެސް

(ޅަވިޔަނިން ޅަވިޔަންޏަށް)

ޅެން ބަހުން ދޭ ދަރުހެކޭމީ އަޑުއަހާށޭ ދަރިފުޅާ
ދެން އުޅޭށޭ ތިލަކުރަން ފުންމާނަ ވިސްނާ ދަރިފުޅާ

ޅުންފު ރަޙުމަތް ލެއްވެވުން އެދި ފައްޓަމޭ ހެޔޮ ނިޔަތުގައި
ތުން ޢިލާހީ ހަޟުރަ މާތްވީ ދަރުމަ އެދިގެން ދަރިފުޅާ

ޅަނދޮޅުކޮށް ހެދި ފޯދެމުންދާ ނަފުސެކޭތީ ވިސްނަވާ
ޅަނދޮޅުކަން ކެނޑިގެން ހިނގައިދޭ ވަގުތުޖެހުމުން ދަރިފުޅާ

ޅަނދޮޅުކަން އައިސް އުދަވެދާ ހިނދު އޭގެ ޢުމުޤުން ފާޅުގައި
އަނދައަނދާ ރޯވޭ ޝަބާބުގެ ހުޅުގަނޑެއް ބަލަ ދަރިފުޅާ

ޅަ އިހަލުން ނާޅާށެ ކުރުނބާ ހައިވިނަމަވެސް ކޮއެފުޅާ
ފައިމަގުން ނަމައީ ހިނގޭ ހިންމަތް ކުރާށޭ ދަރިފުޅާ

ޅިންމިނާ ނާޅިން މިނައިގެން ޅެންއު އުނގެނޭ ކޮއެފުޅާ
ޢިއްޒަތުން ނަފުސައް ބަލައިގެން ދޫނުދޭށޭ ދަރިފުޅާ

ޅިޔަ އަޅާ ފުން ޒަޚަމުތައް އަދު ދީއުޅޭ މީހުން ބަލައި
ނިޔަތުގައި ވީ ހުސްކުރާށޭ މުޅި ހަޔާތުން ދަރިފުޅާ

ޅުހިޔަ ފަދައިން ބޯދެމުން އެކުގައި އުޅޭ ރަހުމަތްތެރިން
ލުހިއެ އެންމެން ލާށެއަދު މަޅި ގެންޖަހާ ބަލަ ދަރިފުޅާ

ޅޮސް ލަކުޑި ބޭނުން ކުރަން ހެޔޮވެސް ނުވާނޭ ގޮނޑި ޖަހަން
ކޮސްކަމެއް ނުމެކޮށް ކުރެދި ހޯދަން އުޅޭށޭ ދަރިފުޅާ

ޅޮސް އުނދޯޔަށް އެރުވުމަށް އަދި ގޯނި ފުލުގައި ބޭންދުމަށް
ގޮސް އުޅޭ މީހުން ނިކަން ރަނގަޅަށް ބަލާށޭ ދަރިފުޅާ

ޅިނދުފިތޭހެން ދޫނި ​ގަހުގައި ފުރުސަތެއް ނުމެ ދީއުޅޭ
ހިނދު ޢަމުރު އިވި ކަންފަތައްދާ އުދުހިގެންދޭ ދަރިފުޅާ

ޅައިރުގައި ހާލިން ވަގެއް މިނިކާ ނަގައިގެން ބެލިޔަކަސް
ދައިއެގަނެ ދާނޭ ނުވިސްނާ ހުއްޓި ހުއްޓާ ދަރިފުޅާ

ޅުއޮވި ކަމުގައި ހީވުމީ ހަމަ ކުއްހިޔެއް ބަލަ ކޮއެފުޅާ
ޅައިގެ އުޅުމާ އޭގެ ޙުލްގާ ދަސްކުރާށޭ ދަރިފުޅާ

ޅައަނބު ލައިގެން ނޫން ގޮތެއްގައި ނުމެއަރާށޭ ރުއްރުކަށް
ޅައިހަލުން ހިތި އެޅެވިގެންވެސް އަދު ހިނގައިދޭ ދަރިފުޅާ

ޅިކަ އަޅާނޭ(!) ހަސަދަވެރިވީ ލޯތަކުން އަބަދާ އަބަދު
މިކަމަކާ ހުޝިޔާރު ވެވިގެން ރެކިބަލާށޭ ދަރިފުޅާ

ޅެންބަހުން ދިން ހެޔޮ ނަޞޭހަތް ތައް ނިކަން ރަނގަޅަށް އަހާ
ދެން ޢަމަލު ކުރުމަށް ވަޞީޔަތް ވެސްކުރަން ބަލަ ދަރިފުޅާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *