Support Us

ވިއްސާރަދުނި ކުލަތަކުގެ އަތުބަންދު އަޅައިގެން ޖަރުމަނު ޓީމުގެ ކައްޕި މެންވެލް ނޯއިއާރ

ޔޫރޯ2020: ޖަރުމަނު ޓީމުގެ ކައްޕީގެ އަތުބަންދުގެ މައްސަލައިގެ ތަހުގީގު ހުއްޓައިލައިފި

ވިއްސާރަދުނި ކުލަތަކުގެ އަތުބަންދެއް ޖަރުމަނު ޓީމުގެ ކައްޕި މެންވެލް ނޯއިއާރ އެޅި މައްސަލައިގައި ޔޫއެފާއިން ކުރަމުން ގެންދިޔަ ތަހުގީގު ހުއްޓައިލައިފި ކަމަށް ޖަނުމަނުވިލާތުން ޚަބަރުދީފިއެވެ.

އާންމުކޮށް ކައްޕީން ފާހަގަކުރުމަށް ޓަކައި ކޮންމެ ޓީމެއްގެ ވެސް ކައްޕީގެ އަތުގެ މުލައްދަނޑީގައި ފޮތީން ނުވަތަ ދެމޭ ރަބަރު ފަދަ އެއްޗަކުން ހަދައިފައި ހުންނަ ބަންދެއް އަޅައި އުޅުމަކީ އާންމު ކަމެކެވެ.

ނޯއިއާރ، ވިއްސާރަދުނި ކުލައިގެ ބަންދު އެޅީ "ފަޚުރުވެރިމަސް" ކަމަށް އެ މީހުން ބަލާ ޖޫންމަހުގައި "އެލްޖީބީޓީ މުޖުތަމަޢު"ގެ "އެއްބައިވަންތަކަމާއި" ހަމަޖެހުން ރަމްޒުކޮށްދިނުމަށް ޓަކައި ކަމަށް އޭނާއާއި ޖަރުމަނު ޓީމުން ބުނެއެވެ. ("އެލްޖީބީޓީ މުޖުތަމަޢު"އަކީ އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ މުޖުތަމައުއެވެ.)

ބެޔާރން މިޔުނިކްގެ ގޯލީކަން ވެސް ކުރަމުން އަންނަ މެންވެލް ނޯއިއާރ، މި ވިއްސާރަދުނި ކުލައިގެ ބަންދު ފުރަތަމަ އެޅީ މި ޖޫން މަހު 7 ގައި ލެތުވިޔާއާ ދެކޮޅަށް ޖަރުމަނުވިލާތުން ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައެވެ. އެއީ ކުރީ ހަފުތާގައި ކުޅުނު ޔޫރޯގެ ފުރަތަމަ ބުރުގެ މެޗްތަކުގައި ފަރަންސޭސީންނާއި ޕޯޗުގީޒުންނާ ދެކޮޅަށް އެ މީހުން ކުޅުނު މެޗްތަކުގެ ކުރީންނެވެ.

އެހެން ނަމަވެސް "ޔުއޭފާ"އިން ވަރަށް ފަހުން ވަނީ އެކަމުގެ ޙައްސާސީ ތަހުގީގެއް ފަށައިފައެވެ. ވިއްސާރަދުނި ކުލައިގެ އަތުބަންދު އެޅުމަކީ އެ ޖަމުއިއްޔާގެ ގަވާއިދާ ޚިލާފު ކަމެއްތޯ ބެލުމަށް ޓަކައެވެ. އެކަމަކު ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ ތަހުގީގު މިހާރު ހުއްޓައިލައިފައިވާ ކަމަށް ބުނެފައެވެ.

ޓުވިޓަރާއި ފޭސްބުކްގައި ޖަރުމަނުވިލާތުގެ ފުޓުބޯޅަ ޓީމުން އެ ކަމާ ގުޅޭ ބަޔާނެއް މިހާރު ވަނީ އާންމުކޮށްފައެވެ. އޭގައި ބުނެފައިވަނީ ނޯއިއާރ އަޅައިގެން އުޅުނު ވިއްސާރަދުނި ކުލައިގެ އަތުބަންދުގެ މައްސަލަ ދިރާސާކުރުން މިހާރު ހުއްޓައިލައިފައިވާ ކަމަށް ޔުއޭފާއިން އަންގައިފައިވާ ކަމަށެވެ.

"ސިޓީއަކުން އަންގައިފައިވަނީ އެކަން ދިރާސާކޮށް ބެލި އިރު އެއީ ސިންދަފާތަށް ޓަކައި ޓީމުގެ ނިޝާނެއްގެ ގޮތުން ބޭނުންކުރި އެއްޗެއް ކަމުގައެވެ. އެހެންކަމުން އެއީ ރަނގަޅު ސަބަބަކަށް ޓަކައި ބޭނުންކުރި އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ."

ޖަރުމަނުން ބަލަމުން ގެންދަނީ މުބާރާތުގެ އެންމެ ފަހުގެ ގުރޫޕްގައި ބުދަ ދުވަހުގެ ރޭ ހަންގޭރީއާ އިދިކޮޅަށް ނުކުންނަ އިރު، އެބައިމީހުންގެ މިޔުނިކް އިސްޓޭޑިއަމް ވިއްސާރަދުނީގެ ކުލަތަކުން ދިއްލައިލާށެވެ. ނަމަވެސް މިއީ އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ވަރަށް ހިތް ދަތި ނިންމުކަމަށް ވާނެއެވެ. އެހެނީ އެ ބުނާ އެއްބައިވަންތަކަމަކީ، މުސްލިމުންނަށް ވާނީ ބައިބައިކުރުން ކަމަށެވެ. އަދި އިސްލާމް ދީނަށް ކުރެވޭ މަލާމާތަކަށެވެ. އިސްލާމް ދީނާ ޚިލާފު މިފަދަ ޝިޢާރުތަކުން ދުރުހެލިވެގެން ތިބުމަކީ މުސްލިމުންގެ އެއްބައިވަންތަކަމަށް ޓަކައި ވެސް މުސްލިމުންނަށް ކޮންމެހެން ބޭނުން ކަމެކެވެ.

ޖަރުމަނު ވިލާތުގައި 4.5 މިލިއަން މުސްލިމުން ދިރިއުޅުނަސް އެއީ އާބާދީގެ ނިސްބަތުން ގާތްގަނޑަކަށް 5.7 އިންސައްތައެވެ. އެހެންކަމުން ކަންކަން ނިންމުމުގައި މުސްލިމުންގެ ބަހެއް ޖަރުމަތުވިލާތުގައި ވައިގައެއް ނިހިފާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *