Support Us

ޢިބްރަތް: ހެޔޮލަފާ ޞާލިޙް އަނތްބެއް ލިބުމުން…

ޒުވާނަކު ކިޔައިދިނެވެ.

މިހާރުގެ ބަހުން ބުނާ ނަމަ "އެރޭންޖް މެރިއޭޖް" އޭ، އެ ބުނާ ކައިވެންޏެއް އަހަރެން ކުރީމެވެ. އަހަރެންގެ މަންމައަށް ކަމުގޮސް އެ އަންހެން ކުއްޖާއާ ކައިވެނި ކުރުމަށް މަންމަ ހުށައެޅިއެވެ. އަންހެން ކުއްޖާގެ ޢާއިލާއަކީ ޢިއްޒަތްތެރި، ޤަދަރުވެރި، ދީނީ ޢާއިލާއެކެވެ. އަންހެންކުއްޖާ ވެސް ހުރީ މޫނު އަޅައި ފުރިހަމައަށް ޙިޖާބުވެގެންނެވެ. ޝަރުޢީ ގޮތުން އަހަރެމެން ދެ ޢާއިލާ ބައްދަލުވެ، މޫނު ބަލައި އަހަރެންނަށް އެކުއްޖާ ވަރަށް ކަމުދިޔައެވެ.

އަހަރެންގެ މަންމަ ގާތުގައި އަހަރެންނާ ބެހޭ ސުވާލުތައް އޭނާ ކުރިކަން އަހަރެންނަށް އެނގެއެވެ. އަދި އޭނާ އަހަރެންނާ ކުރީ ވަރަށް ވެސް ކުޑަ ސުވާލެކެވެ.

"ޤުރްއާނުން ކިހާ މިންވަރެއް ތިބާ ހިތުދަސް ތޯއެވެ؟!"

އަހަރެން ބުނީމެވެ. އަހަރެންނީ ވަރަށް ބުރަކޮށް މަސައްކަތުގައި އެޅޭ މީހެކެވެ. އަދި އަހަރެންގެ ޙިފްޡް (ހިތުދަސްވެފައިވާ މިންވަރު) ވަރަށް ދަށެވެ. އަދި އަހަރެންގެ ނުކުޅެދުންތެރިކަން އަހަރެންނަށް އެނގެއެވެ. އެކަމަކު ޙަޔާތް އަހަރެން މަޝްޢޫލު ކުރުވީއެވެ.

އެ ހިސާބުން އޭނާ، އަހަރެނާ ޤަބޫލު ނުވާނެ ކަމަށް އަހަރެންނަށް އިޙްސާސްވިއެވެ. ދެން އަހަރެން އޭނާ ކުރެން އެ ސުވާލު އެހުމުން އޭނާ ބުންޏެވެ.

"ޢައްމާ ފޮތް ހިތުދަހެވެ."

އެ ބައްދަލުވުން ނިމުނެވެ. ދެކެވުނު ވާހަކަތަކަށްފަހު އަހަރެން ނިންމައިގެން ހުރީ އަހަރެންނާ ކައިވެނިކުރަން އެ އަންހެން ކުއްޖާ ޤަބޫލު ނުވާނޭ ކަމުގައެވެ. އެކަމަކު ކަންވީ ހިކުރެވުނު ގޮތަކަށް ނޫނެވެ. އަހަރެން ޢަޖައިބު ކުރުވީ އޭނާ އަހަރެންނާ މެދު ރުހި ޤަބޫލު ކަމުގެ ޚަބަރު ލިބުމުންނެވެ. އަދި އޭނާ އަހަރެންނާ މެދު އެއްބަސްވީ އަހަރެންގެ އަޚްލާޤާއި މަޑުމައިތިރި މިޒާޖުގެ ސަބަބުންކަން ވެސް އެނގުނެވެ.

ކޮންމެއަކަސް ޚިޠުބާވެ ކައިވެނި ކޮށްވެސް ނިމިއްޖެއެވެ. އަދި އުފާވެރި ޒަވާޖީ ޙަޔާތެއްގެ ފުރަތަމަ މަސް ނިމި އަހަރެން، އަހަރެންގެ މަސައްކަތަށް އެނބުރި ދިޔައީމެވެ.

އެއް ދުވަހަކު އަހަރެންގެ ގާތަށް އައިސް އަންހެނުން ބުންޏެވެ.

"އަހަރެންނަށް މަރްޔަމް ސޫރަތް ހިތުދަސް ކުރުމަށް އެހީތެރިވެދޭށެވެ!"

އޭނާއަށް އަހަރެންނަށް މަރްޔަމް ސޫރަތް ހިތުދަސް ނޫންކަން އެނގި ހުރެ ވެސް އެގޮތަށް އެދުނީތީ ޙައިރާންވީމެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. "އަހަރެންނަށް މަރްޔަމް ސޫރަތް ހިތުދަހެއް ނޫނެވެ."

އަހަރެންގެ އަންހެނުން ބުންޏެވެ. "އެކަމަކުވެސް، ތިބާ ހިތުދަސްކޮށްފައި އަހަރެންނަށް ހިތުދަސް ކުރުމަށް އެހީތެރިވެދޭށެވެ!"

އަހަރެންގެ އަންހެނުން އެކަމާ އުފާވާނެކަން އެނގޭތީވެ އެކަމަށް އަހަރެން އެއްބަސްވީމެވެ.

ދެމަފިރިން އެކުގައި ހިތުދަސް ކުރަމުންގޮސް މަރްޔަމް ސޫރަތް ހިތުދަސް ވެއްޖެއެވެ. ހަމަ އެފަދައިން ޔޫސުފް ސޫރަތްވެސް ހިތުދަސް ކުރުމަށް އެދި ޔޫސުފް ސޫރަތްވެސް ހިތުދަސްވިއެވެ. އެފަދައިން ދެ އަހަރު ތެރޭގައި އަހަރެމެން ދެމަފިރިންނަށް ﷲގެ ރަޙްމަތްފުޅުން މުޅި ޤުރްއާން ހިތުދަސް ވިއެވެ.

އެއަށްފަހު އަހަރެން ބުނީމެވެ.

"ތިބާގެ ސަބަބުން އަހަރެންނަށް މުޅި ޤުރްއާން ހިތުދަސްވެއްޖެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް، އެކަން ޙާޞިލު ކުރެވިއްޖެކަން ޤަބޫލު ކުރަންވެސް ދައްޗެވެ."

ދެން އަހަރެންގެ އަންހެނުން ބުންޏެވެ. "ބުޚާރީ ދަސްކުރަން ފަށަމާ ހިނގާށެވެ!"

އަހަރެން ހިތްވަރުން ފުރިގެންވާ ޙާލު އާނއެކޭ ބުނީމެވެ.

އެއް ދުވަހަކު އަނބިމީހާއަށް ނޭނގި، އޭނާގެ ގެޔަށް އަހަރެން ދިޔައީމެވެ. އަދި އޭނާގެ ބައްޕަކުރެން ސުވާލު ކުރީމެވެ.

"ބައްޕާއެވެ! ބައްޕަގެ ދަރިފުޅަށް ޝަރްޢީ ޢިލްމު ކިހާވަރަކަށް އެނގޭތޯއެވެ؟!"

ބައްޕަ ދިން ޖަވާބުން އަހަރެން ޙައިރާންވެ އަންތަރީސްވިއެވެ.

ބައްޕަ ޖަވާބުގައި ބުންޏެވެ.

"ޤުރްއާނާއި، ބުޚާރީ އަދި މުސްލިމް ވެސް ހިތުދަސްވާނެއެވެ. އަދި އޭގެ އިތުރަށް އެތަކެއް ކޯސްތަކެއް ހަދައިފައި ވާނެއެވެ.!!!"

އަހަރެން ބުނީމެވެ.

"އެކަމަކު އަހަރެން އޭނާ ކައިރީގައި ސުވާލު ކުރުމުން ޢައްމާ ފޮތް ހިތުދަސް ވާހަކަ ބުންޏެވެ."

އެހެން ބުނުމުން ބައްޕަ އެތެރެއަށް ވަދެ، އަނބިމީހާގެ ހުރިހާ ސެޓްފިކެޓްތަކާއި، މުބާރާތްތަކުން ވަނަތައް ލިބިފައިވާ ސެޓްފިކެޓްތައް ގެނެސް އަހަރެންނަށް ދެއްކިއެވެ.

އަހަރެން އެނބުރި ގެޔަށް އައިސް އަންހެނުންނާ ބައްދަލުކޮށް، އެކަމާމެދު އެހުމުން ބުންޏެވެ.

"އަހަރެން މުޅި ޤުރްއާން ހިތުދަސް ވާހަކަ ބުނިނަމަ، އަހަރެން ތިބާ ކުރިމަތީގައި ފަޚުރުވެރިވެ ބޮޑާ ވަނީ ކަމަށް ތިބާ ހީކޮށްފާނެތެވެ. އަދި އަހަރެން އެ ވާހަކަ ބުނިނަމަ ތިބާ އަށް ތިހާ ބުރަކޮށް ހިތްވަރުލައި ޤުރްއާން ހިތުދަސް ނުކުރެވުނީހެވެ.!!!"

ޙަޤީޤަތުގައިވެސް އަހަރެންނަށް ލިބިފައި ވަނީ ހެޔޮލަފާ ޞާލިޙް އަނތްބެއްކަން އެ ދުވަހު އަހަރެންނަށް އިޙްސާސްވިއެވެ. އަދި އެއީ ގޭގަޔާއި އަހަރެންގެ މުޅި ޙަޔާތުގެ ވެސް އެންމެ އަގުހުރި ކަންޒެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *