އަމާންކަމުގެ ކުލަތައް ވެފަނޑު އަދު ފަޒާއިން
ކަމާ ހެޔޮ ނިޔަތްވެސް ހިތުން ގޮސް ފިލައިގެން
ޒަމާންވީ ގުޅުންތައް ދަނީ ކަނޑަ-ކަނޑައިގެން
ނަމާ އަބުރު ޝަރަފާ ކަރާމާތް ހިފައިގެން
އަރާމުގެ މަސަންދަށް ދެފައި އެކު އެލައިފައި
މަރާ ލޯ އެޒިންމާ ތަކައި މެދުމެ ތިބެފައި
ޙަރާމެއް ޙަލާލެއް ވަކިން ނުމެ ބަލައިފައި
ބަރާކޮށް ފޮށިން ނަޤުދު އުޅެނީ އަޅައިގެން
ޤަދަރުވެރި ކަމާ ލޯބި އެކުގޮސް އޮބާލެވި
ބަނދަރަކަށް ވިނާމާން އެ ލައްކޮށް އޮޔާލެވި
މަދަދުވެރި ކަމުގެ އަތް ވަޅިން ހަމަ ކަނޑާލެވި
ބަދަހިކަން ސަފުން ނެއްޓިގެން ދޭ ބުރައިގެން
ކިބައިން ލަޢުނަތެއް ލައްވަވާ ހިނދުގަ ރިހުމާ
ހިބައިން މިލްކު ކޮށް އުޅުނު ދޫކޮށް މަޤާމާ
އިނބައިމެން ފަތަން ފޫގަޅާނޭ ކަނޑުން މާ
އަދައިގެން ސަލާމަތުގެ "އައްސޭރި" ހޯދަން