އެމެރިކާގެ ރައީސް ޖޯ ބައިޑްން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ރޭ ފަށްޓަވައިފިއެވެ. އަށް ދުވަހުގެ މި ދަތުރުފުޅުގައި ލަންޑަނަށާއި ޖެނީވާއަށާއި ބްރަސަލްސްއަށް ވަޑައިގަންނަވާނެއެވެ. ރައީސް ޕޫޓިނާއި ރައީސް އުރްދުޣާނާ ބައްދަލު ކުރައްވާނެއެވެ.
އޭބީސީ ނިއުޒް ބުނާގޮތުގައި ރައީސް ބައިޑްން ލަންޑަނަށް ވަޑައިގެންނެވީ އިޤްތިޞާދީ 7ގެ ގްރޫޕު ސަމިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. މި ދަތުރުފުޅުގެ މަޤްޞަދުތަކުގެތެރޭގައި ހުޅަނގާއި އެމެރިކާއާ ދެމެދުގައި ވާ ގުޅުންތަކުގައި ހުރި ވާންކަން ކުޑަކުރެއްވުމާއި ރަޝިޔާއާއެކު ގުޅުންތައް އަލުން އެކަށައެޅުއްވުން ވެއެވެ. ރައީސް ޓްރަމްޕްގެ އެމެރިކާވަންތަ ސިޔާސަތުގެ ސަބަބުން ހުޅަނގު ޔޫރަޕާއި އެމެރިކާއާ ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
މި ނޫސް އޭޖެންސީ ބުނާގޮތުގައި މި ދަތުރުފުޅުގައި ރައީސް ބައިޑްން އެމެރިކާގެ ޒަޢާމަތީ ރޯލު ވަރުގަދަކުރައްވާ ސާބިތު ކުރެއްވުމަށް އިސްކަން ދެއްވާނެއެވެ. އަދި އޭނާއަކީ މިނިވަން ދުނިޔޭގެ ޒަޢިމުކަމަށް ދައްކަވަން މަސައްކަތް ކުރައްވާނެއެވެ.
ޕޫޓިންގެ ބައްދަލުވުން
ބޯޓަށް އަރާވަޑައިގަންނަވަމުން ނޫސްވެރިންނަށް ބައިޑްން ހާމަކުރެއްވިގޮތުގައި މި ދަތުރުފުޅުގެ ލަނޑުދަނޑިއަކީ "ޔޫރަޕާއި އެމެރިކާ އޮތީ އެކަތިގަނޑެއްގެ ގޮތުގައިކަން ރަޝިޔާއަށާއި ޗައިނާއަށް ދެއްކެވުމެވެ. އެކަމަށް ޓަކައި ގުރޫޕް 7 ހަރަކާތްތެރިވާނެއެވެ."
އިލެކްޓްރޯނިކް ޙަމަލާތަކާ ބެހޭގޮތުން ޕޫޓިނާއެކު އެއްބަސްވުމަކަށް ވަޑައިގެންނެވޭނެތޯ ދެންނެވުމުން ބައިޑްން ވިދާޅުވިއެވެ. "އެކަން އެނގެނީ ކާކަށްހެއްޔެވެ؟ އަހުރެމެން ބަހުސްކުރާ މައުޟޫޢުތަކުގެތެރޭގައި އެ މަސްއަލަ އޮންނާނެއެވެ."
ދުނިޔެއަށް ޓަކައި ވެކްސިނެއްގެ އިސްތިރާތީޖީއެއް މި ސަމިޓުން ނެރެވޭނެތޯ ދެންނެވުމުން ބައިޑްން ވިދާޅުވިއެވެ. "އަހުރެންގެ ޖީބުގައި އެކަމަށް އެއްޗެއް އެބަ އޮތެވެ. އެ ބައްދަލުވުމުގައި އެކަން އިޢުލާން ކުރާނަމެވެ."
މިއަދު ހަވީރު ވޮޝިންގްޓަން ޕޯސްޓް ބުނިގޮތުގައި ކޮރޯނާ ވައިރަހާ އިދިކޮޅު ފަޔަޒަރ ވެކްސިންގެ 500 މިލިއަން ޑޯޒް ގަނެ ދުނިޔެއަށް ހަދިޔާކުރުމަށް ބައިޑްންގެ އިދާރިއްޔަތުން ވަނީ ނިންމައިފައެވެ.
ރައީސް ބައިޑްން ރައީސް ޕޫޓިނާ ބައްދަލު ކުރައްވާނީ މި މަހުގެ 16ވަނަ ދުވަހު ޖެނީވާގައެވެ. މި ސަމިޓުގައި ސައިބަރާނީ ޙަމަލާތަކާއި ޔުކްރޭނިޔާގެ މަސްއަލައާއި ކްރިމިޔާ ޕެނިންސުލާ މަސްއަލަފަދަ އެތައް މަސްއަލަތަކަކާ ބެހޭގޮތުން ދެބޭފުޅުން ބަޙުސް ކުރައްވާނެއެވެ. ރައީސް ބައިޑްން ފާޅު ބަހުން ޕޫޓިނަކީ ޤާތިލެއްކަމަށް ސިފަކުރެއްވުމުގެ ސަބަބުން މޮސްކޯ- ވޮޝިންގްޓަން ގުޅުންތައް ވަނީ ވާން ބޮޑަށް ވާންވެފައެވެ.
ތުރްކީގެ ރައީސާ ބައްދަލު ކުރެއްވުން
ވައިޓްހައުސްގެ ތަރްޖަމާނު ޖީން ޕަސްކޭ ވިދާޅުވިގޮތުގައި ބައިޑްން- އުރްދުޣާން ބައްދަލުވުމަކީ "ސީދާ ޑިޕްލޮމަސީއަށް ދެވޭ ފުރްޞަތެ"ކެވެ.
ދަތުރުފުޅުގެ ތަފްޞީލު
ރައީސް ބައިޑްން މި ދަތުރުފުޅުގައި ގްރޫޕް7ގެ ސަމިޓަށް ޓަކައި ތިން ދުވަހު ލަންޑަންގައި ހުންނަވާނެއެވެ. މި ތިން ދުވަހުގެތެރޭގައި ރައީސް ބައިޑްން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަނާ މި ރޭ ބައްދަލު ކުރައްވާނެއެވެ. މިއީ އެމެރިކާއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮންނަ ޚާއްޞަ ގުޅުމަށް އައު ހަކަތައެއް ދެއްވުމަށް ޓަކައި ބާއްވަވާ ބައްދަލުކުރެއްވުމެކެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާ ވިދިގެން ވޮޝިންގްޓަން- ލަންޑަން ގުޅުންތައް ވަނީ އައު ފިޔަވައްސަކަށް ވަދެފައެވެ. ގުރޫޕް 7ގެ ސަމިޓްގައި ވިޔަފާރިއާއި، ތިމާވެށްޓާއި ވެކްސީންގެ ޑިޕްލޮމަސީއާއި ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ބިނާރާ ބެހޭގޮތުން ބަޙުސް ކުރެވޭނެއެވެ.
ތިން ދުވަހު ސަމިޓް ނިމުމުން ރައީސް ބައިޑްންގެ ދެކަނބަލުން ވިންޑްސަރ ކިއްލާއަށް ޒިޔާރަތް ކުރައްވާނެއެވެ. ބައިޑްން ސެނެޓަރަކަށް ހުންނެވިއިރު 1982ގައި އިނގިރޭސި ރާނީއާ ވަނީ ބައްދަލު ކުރައްވައިފައެވެ.
އެއަށްފަހު ރައީސް ބައިޑްން ވަޑައިގަންނަވާނީ ބްރަސަލްސް އަށެވެ. އެތާނގައި ނޭޓޯއާއި ޔޫރަޕްގެ އިއްތިޙާދުގެ ޒަޢީމުންނާ ބައްދަލު ކުރައްވާނެއެވެ. މި ބައްދަލުވުމުގައި ޗައިނާއާއި ރަޝިޔާގެ މަސްއަލަތަކުގެ އިތުރަށް ނޭޓޯއަށް ޚަރަދުކުރުމުގެ މަސްއަލައާމެދު ބަޙުސް ކުރައްވާނެއެވެ. ގުޅިފައިވާ ދިފާޢީ ބުރަތައް އުފުއްލުމުގައި ހުރިހާ ޤައުމުތަކަކުން ޚަރަދު ކުރަން ޖެހޭނެކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން އެދެނީ ނޭޓޯގެ އެހެން މެންބަރުން ވެސް މި ކަމަށް ކޮންމެވެސް ވަރަކަށް ޚަރަދު ކުރުމަށެވެ.