އދ އަށް ދައްކަން ޖެހޭ ޗަންދާ އީރާނުން ގަވައިދުން ދައްކަމުން ނުދާތީ އެ ޖަމްޢިއްޔާގައި އީރާނަށް ވޯޓު ނުދެވޭގޮތަށް ނިންމުމުން އީރާނުން އެކަމާ ދެކޮޅު ހަދައިފިއެވެ. އީރާނުން ބުނާގޮތުގައި އެ ޤައުމަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިގެން މި ދަނީ އެމެރިކާއިން އެ ޤައުމުގެ ފައިސާތައް ގަނޑުކޮށްފައިވާތީއެވެ.
އެމެރިކާގެ ނިވްޔޯރކް ޓައިމްސް ބުނާގޮތުގައި މި މަސްއަލައިގައި އީރާނު ރުޅިއައުމުގެ ސަބަބުން އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އީރާނާ ބޮޑެތި ޤައުމުތަކާ ދެމެދުގައި ދެކެވެމުންދާ ވާހަކަ ދެއްކުންތަކަށް ނުބައި އަސަރު ކުރާނެއެވެ. ދެހާސް ފަނަރައިގައި ސޮއިކުރެވިފައިވާ ނިޔުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަނީ އަމިއްލައަށް އެކަހެރި ގޮތަކަށް ބޭރަށް ނުކުމެފައެވެ. އެމެރިކާ މި އެއްބަސްވުމުން ބޭރުވީ ރައީސް ޓްރަމްޕްގެ ވެރިކަމުގައެވެ. އެމެރިކާ އަނބުރާ މި އެއްބަސްވުމަށް ގެނައުމާ ބެހޭގޮތުން އީރާނާ އެމެރިކާއާ ދެމެދުގައި ނުސީދާ ވާހަކަ ދެއްކުންތައް މިހާރު ވަނީ ފެށިފައެވެ. ރައީސް ބައިޑްން މި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަ ކުރެވެއެވެ.
އދގެ ޗާޓަރުގެ 19ވަނަ މާއްދާއާ އެއްގޮތަށް ޗަންދާ ދައްކަމުން ނުދާ މެންބަރުން ވޯޓު ދިނުމުގެ ޙައްޤުން މަޙްރޫމު ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ގޮވައިލައްވައިފައެވެ.
މި އަހަރުގެ ފެބްރުވަރީއާ ހަމައަށް އައިއިރު އީރާނަށް ވަނީ 16.2 މިލިއަން ޑޮލަރު ދައްކަން ޖެހިފައެވެ. އީރާނު ބުނާގޮތުގައި އެ ޤައުމަށް ފައިސާ ނުދެއްކިފައި މި ވަނީ ރައީސް ޓްރަމްޕް 2018ގައި އެ ޤައުމުގެ ފައިސާތައް ގަޑުކުރުމުގެ ސަނަބުންނެވެ. ފްރާންސް ޕްރެސް ބުނާގޮތުގައި ރައީސް ޓްރަމްޕްގެ މި ނިންމެވުމުގެ ސަބަބުން އީރާން ވަނީ ޢާލަމީ މާލީ ނިޒާމުން މަޙްރޫމުކޮށްފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. "ވޯޓު ނުދެވޭގޮތަށް ނިންމި ނިންމުމާ އަހުރެންގެ ޤައުމު ދެކޮޅު ހަދައެވެ. އެއީ ބަލައިގަނެވޭނެ ޤަރާރެއް ނޫނެވެ. އެއީ އަސްލުގައި ވަރަށް ހުތުރު ނިންމުމެކެވެ. އދށް އަދާކުރަން ޖެހޭ މާލީ ޒިންމާތައް އަހުރެމެންނަށް އަދާ ނުކުރެވިފައި ވަނީ އެމެރެކާގެ ޢުޤޫބާތްތަކާ ހެދިއެވެ."
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތައް އައު ކުރީ ރައީސް ޓްރަމްޕް 2018ގައި ކަނޑައަޅުއްވާފައިވާ ޤަރާރެއްގެ ސަބަބުންނެވެ. މި ޤަރާރުގެ ސަބަބުން އެމެރިކާ ވަނީ 2015ގެ ނިޔުކްލިއަރ އެއްބަސްވުމުން ބޭރަށް ނުކުމެފައެވެ.
ޒަރީފު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ފައިސާ ނުދެއްކިފައި ވަނީ އީރާނަށް މަޖްބޫރުކޮށްގެންނެވެ. އީރާނުން މި ދަރަނިތައް އަދާކުރަން ބޭނުންވެފައެވެ." އދގެ ޗާޓަރގެ އުޞޫލުތަކަށާއި ލަނޑުދަނޑިތަކަށް އދ އިޚްލާޞްތެރި ވުމަށް އޭނާ އދ އަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ދައުލަތްތަކުގެ ސިޔާދަތީ އުޞޫލަށް ވަޅި ހަރާ ޤާރާރުތަކާ އދ ދުރުހެލިވާން ޖެހޭނެއެވެ."
އދގެ ޢާއްމު ޖަމްޢިއްޔާގެ ރައީސަށް، މި ހުސްވި މޭ މަހުގެ 28 ވަނަ ދުވަހު ގުޓަރެސް ފޮނުއްވި ސިޓީފުޅު ބުނާގޮތުގައި އދގެ ޗާޓަރުގެ 19ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ފަސް ޤައުމަކަށް އދގައި މިހާރު ވޯޓެއް ނުދެވޭނެއެވެ. އެ ޤައުމުތަކަކީ މެދުތެރޭ އެފްރިކާ ޖުމްހޫރިއްޔަތާއި ކޮމޯރޯ ޖަޒީރާތަކާއި ސައޮ ޓޯމީ އެންޑް ޕްރިންސިޕީ އާއި ސޫމާލެވެ. ގުޓަރެސް ވިދާޅުވާ ގޮތުގައި އީރާނަށް ޢާއްމު ޖަމްޢިއްޔާގައި ދެން ވޯޓު ދެވޭނީ 16.2 މިލިޔަން ޑޮލަރުގެ ދަރަނި އަދާކުރީމައެވެ. އެހެނަސް ގުޓަރެސް ވިދާޅުވިއެވެ. "އެ ދައުލަތަކާ ކުރިމަތިވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް އެ ޤައުމަކަށް ވޯޓު ދިނުމުގެ ޙައްޤު އދގެ ޢާއްމު ޖަމްޢިއްޔާއަށް ދެވިދާނެއެވެ."
ޗަންދާ ނުދައްކާތާ ގިނަ ދުވަސްތަކެއްވެގެން 2020ގައި ވަނީ ވެނެޒުއޭލާއާއި ޔަމަނާއި ލުބްނާނު ވެސް ވޯޓު ދިނުމުގެ ޙައްޤުން މަޙްރޫމު ކޮށްފައެވެ.



advertisment