Support Us

ތަސްވީރެއް ކިިޔައިދޭ ވާހަކަ: މަހަކާއި ދޫންޏެއްގެ ލޯބި

ރީތި ގޮނޑުދޮށުގައި އިން ދޫންޏަށް އެއަށް ވުރެ ރީތި މަހެއް ފެނި އެ މަސްދެކެ ލޯބިވެވިއްޖެއެވެ. އަދި މަހަށް ވެސް ދޫނި ދެކެ ލޯބިވެވުނެވެ. ލޯބީގެ ދުވަސްތައް ގުނަމުން އައިސް ކައިވެނިކުރާ ހިސާބަށް ދިޔުމުން ވަރަށް ބޮޑު މައްސަލައެއް ނުކުތެވެ. އުޅޭނެ ތަނަކާ މެދުގައެވެ.

ދޫނި ބުނީ ދުވާލުގެ ވަގުތުތަކުގައި އޭނާ އުޅެނީ އުޑުގައި އެތަންމިތަނަށް ދަތުރުކުރުމުގައެވެ. އަދި ރޭގަނޑުވުމުން، ގޮނޑުދޮށުގައި ހުންނަ ބޮޑު ނިކަ ގަހުގައި ނިދަނީއެވެ. ދެން ދޫނި އޭނާ ދުވަސް ހޭދަކުރާ ގޮތަށް އުޑުގައްޔާއި ގަސްގަހުގައި ވަގުތުތައް ހޭދަކުރުމަށް މަހަށް ލަފާދިނެވެ.

ދެން މަސް ބުނީ އޭނާ ހުރިހާ ވަގުތެއް ވެސް ހޭދަކުރަނީ ފަޅުފަޅާއި އަދި ކަނޑުކަނޑުގައެވެ. އަދި، އޭނާއާ އެކު މޫދުގައްޔާއި ކަނޑުގައި ދުނިޔަވީ ހަޔާތް ވޭތުކޮށްލުމަށް ދޫންޏަށް ދައުވަތު ދިނެވެ.

އެންމެފަހުން، ދޫންޏާއި މަހަށް ރޭކާލީ މިއީ ނުވާނޭ ކަމެއް ކަމެވެ. ދޫންޏަކަށް ކަނޑަކު ނޫޅެވޭނޭ ކަމެވެ. މަހުގެ ކިބައިގައި އުދުހުމުގެ ކުޅަދާނަކަން ނެތް ކަމެވެ. މިކަމުން، އެންމެ ފުރަތަމައިން ވެސް އެނގެން ޖެހޭނޭ ކަމެއް ދޫންޏާއި މަހުގެ ރައްޓެހިން ފާހަގަކުރިއެވެ. އެ ރައްޓެހިން ދެކޭ ގޮތުގައި މިކަމާ ވިސްނާލުމުން ވެސް، ދޫންޏާއި މަހަށް އެކުގައި އުޅެވިދާނޭ ކަމާ މެދު ސުއާލު އުފެދޭނެއެވެ. އެއީ ވަރަށް ވެސް ސޭކުކަމެއްކަން ފާހަގަކުރެވޭނެއެވެ.

ނަމަވެސް، ޖަޒުބާތުގެ އޮއިވަރުގައި ޖެހިފައި، ގުޅުމެއް ދާއިމީ ކުރުމަށްޓަކައި ދެން ވިސްނަން ޖެހޭ ވިސްނުމާ ދޭތެރޭ އަޅާނުލެވުނީއެވެ. އެކަންކަމާ ދޭތެރޭ ވިސްނާލައި ފިކުރުކޮށްލަން ހަނދާން ނެތުނީއެވެ. ދޫންޏާއި މަހަށް ގުޅެވި، ކުޑަދުވަސް ކޮޅެއް ފަހު، ޖަޒުބާތުގެ އޮއިވަރުގެ ތެރެއިން ނިކުމެ ތިބެ ހަމަބުއްދި ބޭނުން ކޮށްގެން މިކަން ކަމާ މެދު ވިސްނާލެވޭ ގޮތް ނުވީއެވެ. ދެން އޮތީ ހުސް ހިތާމައެވެ. ދޫންޏަށް އޮތީ މަސް ދޫކޮށްލާފައި އުދުހި ދިޔުމެވެ. ދޫންޏާ ހުރިހާ ގޮތަކުން ގުޅޭ އެހެން ގުޅުމެއް ހޯދުމުގެ އުއްމީދުގައެވެ. ނޫނީ ހިތާމައިގެ އުޑެއްގެ ތެރޭގައި އުދުހި އުދުހި، ވަރުބަލިވެ، ނެތި ދިޔުމެވެ. މަހަށް އޮތީ ހަމަ އެގޮތުގައި ފުން ގިލަންވެރި ކަނޑެއްގެ ތެރޭގައި ފަތަފަތާ އޮވެ، ނެތި ދިޔުމެވެ! އޭނާ ދޫކޮށްލާއި ބޭވަފާތެރިވެ ދިޔައީ ކަމަށް ހީކޮށެވެ!

އާދެ، ކޮންމެ މީހަކަށް ވެސް ކޮންމެ މީހަކާ ގުޅުމެއް އުފައްދާލެވިދާނެއެވެ. އިންސާނީ ތަބީއަތުގައި ހުންނަ އެކަކު އަނެކަކަށް ދެމުމުގެ ބާރު ހުންނާތީއެވެ. ފެނި، ހިނިތުންވެ، ބައްދަލުވެ، ވާހަކަ ދެއްކި، ގުޅުމެއް ފެށިދެއެވެ. އަދި، މި ގުޅުމަށް ލޯތްބޭވެސް ކިޔެވެއެވެ. ނަމަވެސް، މިއީ ދާއިމީ ގުޅުމަކަށް ހަދާލެވެނީ ދެފަރާތުގައި ވެސް، އެކަކު އަނެކަކާ ގާތްކުރާ އެހެން ސިފަތަކެއް ވެސް ހުރެގެންނެވެ. މިނަންގަތް، އިންސާނީ ތަބީއަތުގައި ލެއްވިފައި ހުންނަ، ޣަރީޒީ އެކަކު އަނެކަކާ ދިމާއަށް ދަމައިގަންނަ ޖިސްމާނީ ޖަޒުބާތީ ބާރުގެ އިތުރުންނެވެ. އެހެނީ މި ތަބީއީ ޣަރީޒީ ބާރަކީ ދާއިމަށް ދެމިގެންދާ ބާރެއް ނޫނެވެ. އެތައް މާނައެއްގައި އެއީ ވަގުތީ ބާރެކެވެ. ގުޅުމެއް ދާއިމަށް ދެމެހެއްޓުމުގެ ބާރެއް، އެކަށޭނަކަމެއް އޭގައި ނުވެއެވެ.

އެހެންވެ، މިފަދަ ދޭދޭ ލޯބީގެ ގުޅުންތައް ދާއިމީ ކުރުމަށްޓަކައި އިތުރު ކަންތައްތަކަށް ބޭނުންވަނީއެވެ. މި ސިފަތައް ޖުމްލަކޮށްލާފައި އެއަށް ސަގާފަތޭ ކިޔިދާނެއެވެ. އޭގެ ތެރޭގައި ކަންކަން ކޮށް އުޅޭ ގޮތް، ވިސްނާ ފިކުރުކުރުން ހުންނަގޮތް، ކުރާ ހިތްވާ ކަންތައްތަކާއި ކުރާ ހިތްނުވާ ކަންތައްތައް، އޯގާތެރިކަމާއި އަޅާލުން، މިފަދަ ހުރިހާ ކަމެއް ހިމެނެއެވެ.

ދެމީހެއްގެ ލޯބީގެ ގުޅުން ދާއިމީކުރުމަށް ބޭނުންވަނީ ކޮންކަހަލަ ކަންކަމެއްތޯއާ ދޭތެރޭ ވިސްނަން ޖެހެނީ އެފަދަ ގުޅުމެއް ކުރިއަށް ގެންދަން ގަސްދުކުރާ ބައެކެވެ. އެހެން ބަޔަކަށް އެކަމުގެ ހުރިހާ ވާހަކައެއް ނޭނގިދާނެއެވެ. އެނގޭ ކަމަކީ ޖަޒުބާތީ އޮއިވަރަކީ ގުޅުމެއް ބަދަހިކޮށް ދާއިމީކޮށްދިނުމުގެ އެއްކަމެވެ. އެކަމާ ގުޅޭ އެހެންކަންތައްތަކާ މެދު ވިސްނާ ނުލައިފިނަމަ، ދޫންޏާއި މަހަށް ދިމާވި ގޮތް ދިމާވެދާނެއެވެ. ދޫންޏަށް ކަނޑުގައި އުޅެން ޖެހުމާއި މަހަށް އުދުހި އުޅެން ޖެހުމެވެ. އެހެންވެއްޖެ ނަމަ، ނިކުންނާނެ ނަތީޖާ ވަންހަނާވެގެން ނުވެއެވެ!