މޫނު ތިޔަ ޗާލު ހަނދަކާ ތަފާތެއް ނެތޭ
ތޫނު ތިޔަ ކަޅިރަވައިން ޤަތުލުކޮށްލީ ހިތޭ
ދެލޮލުގައިވާ ބެބުޅުމާ ތަބީޢީ ވިދުން
އަލި އުޖާލާ ހަނދުގެ ހަނދުވަރާ އެއްގޮތޭ
ފިޠުރަތީ ރީތިކަން ފެނުނު ހިނދުގައި ހިތުން
އިތުރު ވިންދެއް ޖެހުން އޭ ލިބުނު ލައްޒަތޭ
ތުންފަތާ ޖާދުވީ ރީތި ހިނިތުންވުމާ
ދުށް ފަހުން ހިތް މަގޭ އިޚްތިޔާރަކު ނެތޭ
ގައިމު ކުޅަ ކަންކަމަށް ފަހު މި ހިތް އެބަ ބުނޭ
ގައިމު ތިޔަ ފަދަ ދެވަނައެއް މިބިމުގައި ނެތޭ
ފޮނި އިބާރާތްތަކުން ލިޔެ މި އިއްވައިދިނީ
ފޮނުވި ތަސްވީރު ފެނިފައި ހިތަށް ވީގޮތޭ
