ކުރިއަށް އޮތް ދުވަސްތަކުގައި ޤާހިރާގައި ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކުގައި އެންމެ އިސްކަންދެވޭނީ ހުޅަނގު އައްސޭރިއާއި ޣައްޒާ ބައިވެރިވާ ފަލަސްޠީނުގެ ވަޠަނީ ސަރުކާރެއް އެކުލަވައިލުމަށް ކަމަށް ޕީއެލްއޯގެ މަރްކަޒީ ކޮމެޓީގެ މެންބަރެއް ކަމުގައިވާ ބައްސާމުއް ޞާލިޙީ ވިދާޅުވެއްޖެއެވެ. އައްޞާލިޙީއަކީ "އައްޝަޢުބު" ޕާޓީގެ އަމީން ޢާއްމެވެ. އޭނާ ވިދާޅުވިގޮތުގައި މަޝްވަރާ ކުރެވޭނީ އެއްބައެއްވަންތަކަމުގެ ސަރުކާރެއް ނުވަތަ ތަފާތު ޖަމާޢަތްތައް އެއްބަސްވާ "އެއްގަލަކަށް އަރާފައިވާ" ސަރުކާރެއް އެކުލަވައިލެވޭތޯއެވެ.
ވާހަކަދެއްކުމަށް މިޞްރަށް
މި ކަމާ ބެހޭގޮތުން މިޞްރުގެ އަލްއަހްރާމު ދުވަހު ނޫސް ބުނާގޮތުގައި ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުގެ އަމީން ޢާއްމުންނަށް މިހާރު ވަނީ ދަޢުވަތު އެރުވިފައެވެ. މި ނޫސް ހާމަކުރިގޮތުގައި މި މަޝްވަރާތައް ބޭއްވޭނީ މިޞްރުގެ ރައީސް ސީސީއާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ބެއްލެވުމުގެ ދަށުންނެވެ.
މި ނޫސް ހާމަކުރިގޮތުގައި މި ބައްދަލުވުމުގައި ބަޙުސް ކުރެވޭނީ "ފަލަސްޠީނުގެ ޖަމާޢާތްތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ނައްތައިލުމަށް ޓަކައި އަޅަންވީ ފިޔަވަޅުތަކާއި، ފަލަސްޠީނުގެ ސަފު އެކަތިގަނޑަކަށް ހެދުމާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ފިޔަވައްސަށް ޓަކައި ކުރިމަގުގެ ޗާޓެއް ކުރެހުމާ ބެހެގޮތުންނެވެ."
ޙަމާސް ޖަމާޢަތުން ޣައްޒާގައި 2007 ގައި ވަކި ސަރުކާރެއް ޤާއިމުކުރުމާ ވިދިގެން ހުޅަނގު އައްސޭރިއާއި ޣައްޒާ އޮތީ ވަކި ދެ ސަރަޙައްދެއްގެ ގޮތުގައެވެ. މި ދެ ސަރަޙައްދު ވަކި ދެ ސަރަޙައްދަކަށް ބަދަލުވީ ފަތަޙަ ޖަމާޢަތާ ޙަމާސާ ދެމެދުގައި ހިނގި ދެބަސްވުންތަކާ ވިދިގެންނެވެ. މި ދެ ބަސްވުންތައް އުފެދުނީ ފަލަސްޠީނުގައި ބޭއްވުނު ޢާއްމު އިންތިޚާބުގައި ޙަމާސަށް ލިބުނު ކާމިޔާބު ފަތަޙަ ޖަމާޢަތުން ޤަބޫލު ނުކުރުމުންނެވެ.
އައްޞާލިޙީ ހާމަކުރެއްވި ގޮތުގައި ފަލަސްޠީނުގެ ޖަމާޢަތްތަކުގެ ބައްދަވުން ފެށޭނެ ދުވަހެއް އަދި ކަނޑައެއްނޭޅެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި މި ބައްދަލުވުމުގައި ތިން ކަމަކާ ބެހޭގޮތުން ބަޙުސް ކުރެވޭނެއެވެ. އެއީ އިސްރާއީލުގެ ޢުދްވާނަށްފަހު ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސްއަލައާއި، ޢާއްމު ރައްޔިތުންނަށް ހިތްވަރުދީ ވާގިވެރިވުމާ ބެހޭގޮތުންނާއި، ފަލަސްޠީނުގެ ޢާއްމު އިންތިޚާބަށް ތައްޔާރުވުމާ ބެހޭގޮތުންނެވެ."
އައްޞާލިޙީ ވިދާޅުވިގޮތުގައި "އިންތިޚާބު ބޭއްވެން ޖެހޭނީ ސިޔާސީ އުދަރެހެއްގެ ތެރޭގައެވެ. މި އިންތިޚާބުގައި ހިފާފައިވާ ޤުދުސް ބައިވެރިކުރެވެން ޖެހޭނެއެވެ. އެއީ ފަލަސްޠީނުގެ ބިމާ ވަކި ނުކުރެވޭނެ ފަލަސްޠީނުގެ ބިމުގެ ބައެކެވެ."
އޭނާ ވިދާޅުވިގޮތުގައި "މި ހުސްވި މަހު އައި ބޮޑެތި ބަދަލުވުންތަކުގެ ބޭނުން ރަނގަޅު ގޮތުގައި ވުނަކުރަން ޖެހޭނެއެވެ. ޢާއްމު ރައްޔިތުން ތަފާތު ސިފަސިފައިގައި ދެއްކި ބުޠޫލަތްތަކަކީ ފަލަސްޠީނަށް ލިބުނު ކާމިޔާބީތަކެއްކަން ދައްކަން ވާނެއެވެ." އޭނާ ބާރުލައްވައި ވިދާޅުވިއެވެ. "ވަޠަނީ ކިފާޙާއި ނިޟާލު ވަރުގަދަ ވަމުން އަންނައިރު ފަލަސްޠީނުގެތެރެއިން ބައިބައިވުމުގެ އެއްވެސް ޢަލާމާތެއް ފެނިގެން ނުވާނެއެވެ."
އިސްރާއީލުން ޣައްޒާއަށް މި ހުސްވި މަހު ދިން 11 ދުވަހުގެ ޢުދްވާނުގައި ފަލަސްޠީނުން ވަނީ 290 މީހަކު ޝަހީދުވެފައެވެ. އެގެތެރޭގައި 69 ކުޑަކުދީންނާއި 40 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި މި ޢުދްވާނުގެ ސަބަބުން 8900 މީހަކު ޒަޚަމު ވިއެވެ.
މިޞްރުގެ މެޝިނަރީތައް ޣައްޒާއަށް
ޣައްޒާގެ ލޭބަރ މިނިސްޓްރީ ބުނާގޮތުގައި މިޞްރުގެ މެޝިނަރީތައް މިއަދު ޣައްޒާއަށް އަންނާނެއެވެ. އެއީ އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ވެއްޓިފައިވާ ޢިމާރާތްތަކާއި އަރިއަޅާލައިފައިވާ ޢިމާރާތްތަކާއި ވެއްޓިދާނެކަމުގައި ބިރު އޮތް ޢިމާރާތްތައް ތަޅައި ބިން ސާފުކުރުމަށް ޓަކައެވެ.
ޣައްޒާގެ ދުވަހު ނޫހެއް ކަމުގައިވާ "އައްރައުޔު" އެ މިނިސްޓްރީގެ ތަރްޖަމާނު މުޙައްމަދުލް ޢަސްކަރީއާ ޙަވާލާދީ ބުނިގޮތުގައި މިޞްރުން 35 މެޝީން ފޮނުވާނެއެވެ. އޭގެތެރޭގައި ހިމެނެނީ ލޮރީއާއި، އެކްސްކަވޭޓަރާއި ޖައްރާފާއާއި ޓޭންކަރެވެ. އަލްޢަސްކަރީ ލަފާކުރައްވާގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ވެއްޓިފައިވާ ޢިމާރާތްތަކާއި ދިރިނޫޅެވޭވަރަށް ހަލާކުވެފައިވާ ޢިމާރާތްތަކުން ލިބޭ ކުނި ދެ ލައްކަ ޓަނާއި ތިން ލައްކަ ޓަނާ ދެމެދުގެ މިންވަރަކަށް އަރާނެއެވެ. އަނާޟޫލު ނޫސް އޭޖެންސީ ބުނާގޮތުގައި ވައްޓައިލަން ޖެހޭ ޢިމާރާތްތައް ބެލުމަށް ޓަކައި މިޞްރުގެ އިންޖިނޭރުންގެ ޓީމެއް ޣައްޒާއަށް ހިނގައްޖެއެވެ. މި ޓީމު ޣައްޒާއަށް ދިޔައީ ރަފަޙު މަގުންނެވެ. މި ޓީމުން ޣައްޒާއިން ލިބެން ނެތް މެޝީންތަކާއި ބޭނުންވާ ޢަދަދު ބަލާނެއެވެ.
މިއީ މިޞްރުން ޣައްޒާ އަރާސްތު ކުރުމަށް ޓަކައި ރާވާފައިވާ މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކެކެވެ. މިޞްރުގެ ރައީސް ސީސީ ހާމަކުރައްވާފައިވާ ގޮތުގައި ޣައްޒާ އާރާސްތު ކުރުމަށް ޓަކައި މިޞްރުން 500 މިލިއަން ޑޮލަރު ދޭނެއެވެ. ސީސީ ސަހަރު ބިނާ ކުރެވޭނީ ބަހްރުއް ނުޞައިރާތުގައި އެއްލައްކަ މީޓަރުގެ ބިމެއްގައެވެ. މި ސަހަރުގައި މީހުން ދިރިއުޅުމަށް ޓަކައި 10 ހާސް ފްލެޓް ބިނާކުރެވޭނެއެވެ. މިޞްރުގެ ޖާސޫސީ އިދާރާގެ ރައީސް ޖެނެރަލް ޢައްބާސް ކާމިލު ޣައްޒާއަށް ކުރެއްވި ދަތުރުފުޅުގައި ޙަމާސްގެ ރައީސް އައްސިންވާރާއެކު ޣައްޒާގައި ވަނީ "ސީސީ ސަހަރު"ގެ ބިންގާ އަޅުއްވާ ދެއްވައިފައެވެ.



advertisment